ޔުނިވަސިޓީ ސައިންސް އިސްލާމް މެލޭޝިޔާ (ޔޫއެސްއައިއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ބައިނަލްއަގުވާމީ "ލީޑަޝިޕް މޮބިލިޓީ ޕްރޮގްރާމް"ގައި ރާއްޖޭގެ އިސްލާމީ ޔުނިވަސިޓީ (އައިޔޫއެމް) އިން ބައިވެރިވެއްޖެއެވެ.

އައިޔޫއެމްއިން ބުނީ މިދިޔަ މަހުގެ 25 އިން އިއްޔެ ނިޔަލަށް މެލޭޝިއާގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ ދަރިވަރުންގެ ކިބައިގައި ލީޑަޝިޕް ހުނަރުތައް ތަރައްގީކުރުމަށާއި ބައިނަލްއަގުވާމީ ފެންވަރުގައި ތައުލީމީ އަދި ސަގާފީ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމްގައި ޖުމުލަ ފަސް ޔުނިވަސިޓީއަކުން 17 ދަރިވަރުން ބައިވެރިވެފައިވާ ކަމަށް އައިޔޫއެމްއިން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ އައިޔޫއެމްގެ 6 ދަރިވަރުނާއި އިންޑޮނޭޝިއާގެ 4 ޔުނިވަސިޓީއަކުން ޖުމުލަ 11 ދަރިވަރުންނެވެ. އެއީ ޔުނިވަސިޓާސް އިސްލާމް ނެގެރީ ޝަރީފް ހިދާޔަތުﷲ ޖަކާޓާ، ޔުނިވަސިޓާސް އިސްލާމް ނެގެރީ ސުލްތޯން އަޖީ މުހައްމަދު އިދްރީސް ސަމަރިންދާ، ޔުނިވާސިޓާސް މުހައްމަދިއްޔާ ޖަކާޓާ އަދި ޔުނިވާސިޓާސް މުހައްމަދިއްޔާ ޔޮގްޔަކާޓާ އެވެ.

އައިޔޫއެމްއިން ބުނީ މި ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންގެ އިލްމީ އަދި އަމަލީ ގާބިލުކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހާއްސަ ސެމިނާތަކާއި ލީޑަޝިޕް ވޯކްޝޮޕްތަކާއި ދިރާސީ ކަރުދާސް ނުވަތަ ރިސާޗް ޕްރޮޕޯސަލް ތައްޔާރުކުރާނެ ގޮތުގެ ތަމްރީނުތައް ހިމެނެއެވެ.

މީގެ އިތުރުން އާންމުކޮށް ވާހަކަދެއްކުމުގެ (ޕަބްލިކް ސްޕީކިން) މުބާރާތަކާއި މުޖުތަމައަށް ހިދުމަތްކުރުމުގެ (ކޮމިއުނިޓީ ސާވިސް) ހަރަކާތްތަކުގެ އިތުރުން، ޔުނިވާސިޓީގެ ކުލާސްތަކުގެ މާހައުލު ތަޖުރިބާކުރުމާއި އެކި ގައުމުތަކުގެ ސަގާފަތްތައް ދެނެގަތުމަށް ބާއްވާ "ކަލްޗަރަލް އެކްސްޗޭންޖް" ހަރަކާތްތައްވެސް ކުރިއަށްގެންގޮސްފައިވާ ކަމަށް ބުންޏެވެ.