ހޮރުމުޒް ކަނޑުއޮޅި ދެ ދުވަހުގެ ތެރޭގައި އަލުން ހުޅުވާލުމުގެ ޕްލޭނަކާ ގުޅޭގޮތުން ގަތަރުގެ މެދުވެރިންނާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެއެވެ.

އަލްޖަޒީރާއަށް ވާހަކަދައްކަވަމުން އަރާގްޗީ ވިދާޅުވީ، އެ ޕްލޭން ތަންފީޒުކުރުމުގެ މުއްދަތު ދެ ދުވަހަށް ކުޑަކުރުމުގެ ހުށަހެޅުމަކަށް މި މަރުހަލާގައި ވާސިލުވެވިފައިވާ ކަމަށެވެ. މަޝްވަރާތައް ކުރިއަށްގެންދިއުމަށް އޭނާގެ އެހީތެރިޔަކު މިހާރު ގަތަރުގައި އެބަހުންނެވި ކަމަށާއި، ވާހަކަދެއްކުމާއި އެކު މަޝްވަރާގެ ދޮރު ހުޅުވުމަށް އެމެރިކާގެ ފަރާތުން ކުރާ މަސައްކަތަކީ ރަނގަޅު ފިޔަވަޅެއް ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، އީރާންގެ ހާރިޖީ ވުޒާރާއިން އާންމުކޮށްފައިވާ ބަޔާނެއްގައި އަރާގްޗީ ވިދާޅުވެފައިވަނީ، ހޮރުމުޒް ކަނޑުއޮޅި ހުޅުވުމަށްޓަކައި އެ ގައުމުގެ އެންމެ އިސް ލީޑަރު ކަނޑައަޅުއްވާފައިވާ ޝަރުތުތައް ފުރިހަމަ ވާން ޖެހޭ ކަމަށެވެ. އެ ޝަރުތުތައް ގަތަރުގެ މެދުވެރިން މެދުވެރިކޮށް ހިއްސާކޮށްފައިވާނެ ކަމަށާއި، ކަނޑުއޮޅި ހުޅުވުމާ ގުޅޭގޮތުން އީރާނުން ގެންގުޅޭ ސާފު ސިޔާސަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.

މި މައްސަލަޔާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފްލޮރިޑާގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އީރާނުން އެއްބަސްވުމެއް ހަދަން ބޭނުންވާ ކަމަށެވެ. އަދި ރަނގަޅު ބޮޑު އެއްބަސްވުމަކަށް އާދެވުމުގެ ފުރުސަތު އޮތް ނަމަވެސް، އޮތް ސުވާލަކީ އެ ގައުމުން އެއްބަސްވުމާ އެއްގޮތަށް އަމަލުކުރާނެތޯ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

މީގެ އިތުރުން ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނާއެކު އެއްބަސްވުމެއް ހަދާނީތޯ ނުވަތަ އެ ގައުމާ ދެކޮޅަށް ފިޔަވަޅު އަޅާނީތޯ ނިންމަވާ ވަގުތު ކައިރިވެފައިވާ ކަމަށެވެ.