އެމެރިކާއިން އިތުރު ހަމަލާއެއް ދިނުމަށް ތައްޔާރުވުމުގެ ގޮތުން ޑިޕްލޮމަސީގެ ބޭނުންކޮށްގެން ވަގުތު ހޯދަމުންދާ ކަމަށް ތުހުމަތުކުރައްވައި، އެމެރިކާއިން ފުރަތަމަ ހަމަލާދޭންދެން އީރާނުން މަޑު ނުކުރާނެ ކަމަށް އެ ގައުމުގެ ޚާރިޖީ ވުޒާރާގެ ގާނޫނީ އަދި ބައިނަލްއަގުވާމީ ކަންކަމާ ބެހޭ ނައިބު ކާޒިމް ޣަރީބްއާބާދީ އިއްޔެ ވިދާޅުވެއްޖެއެވެ.

އީރާނުގެ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، މަޝްވަރާތަކުގައި ވޮޝިންޓަނަށް އިތުބާރު ނުކުރެވޭނެ ކަމަށާއި، މިހާރު ވެސް އޮތީ ހަނގުރާމައިގެ ހާލަތެއް ކަމަށެވެ. އެމެރިކާއިން ފާއިތުވި މަސްތަކުގައި އެ ގައުމުގެ ވައުދުތަކާ ތަކުރާރުކޮށް ޚިލާފުވެފައިވާކަން ޣަރީބްއާބާދީ ފާހަގަކުރެއްވިއެވެ.

ޣަރީބްއާބާދީ އިތުރަށް ވިދާޅުވި ގޮތުގައި، އީރާނުން މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރި ނަމަވެސް، އެމެރިކާއިން ޑިޕްލޮމެޓިކް މަސައްކަތްތައް ބޭނުންކުރަނީ އަސްކަރީ އާ އޮޕަރޭޝަނަކަށް މަގުފަހިކުރުމަށެވެ. އެހެންކަމުން، ގައުމުގެ ދިފާއުގައި އަޅާން ޖެހޭ ކޮންމެ ފިޔަވަޅެއް އެންމެ ކުރިން އެޅުމަށް އީރާން އޮތީ ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުންނާއި، މެދުއިރުމަތީގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު އޮމާން މެދުވެރިކޮށް ދާދި ފަހުން ވަނީ ނުސީދާ މަޝްވަރާތަކެއް ކޮށްފައެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އިތުރު ހަމަލާތަކެއް ދެއްވާނެ ކަމުގެ އިންޒާރު ދެއްވުމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ވަނީ އިތުރަށް ގޯސްވެފައެވެ.