ވޮޝިންޓަންގެ ރާގު މުޅިން ބަދަލުވެފައިވާ ކަމަށް އީރާންގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހްސިން ރިޒާއީ ވިދާޅުވެއްޖެއެވެ. އިއްޔެ ދައުލަތުގެ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ރިޒާއީ ވިދާޅުވީ، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ފޮނުއްވި ސިޓީއެއް ބައްލަވައިފައިވާ ކަމަށާއި އެމެރިކާގެ ރާގަށް އައި މި ބަދަލަކީ ވަރަށް ރަނގަޅު ނިޝާނެއްގެ ގޮތުގައި ސިފަކުރައްވާ ކަމަށެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ އެމެރިކާއިން ހުށަހެޅި މި ހުށަހެޅުމާ ގުޅޭ ގޮތުން އީރާނުގެ ފަރާތުން ރަސްމީކޮށް ބަހެއް ބުނި ފުރަތަމަ ފަހަރެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބުރާސްފަތި ދުވަހު ތެހެރާންއަށް ލިބުނު މި ސިޓީއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންގެވުމަކަށް، ސުލްހައިގެ މަޝްވަރާތައް އަލުން ފެށުމަށް ގޮވާލައި ފޮނުއްވި ސިޓީއެކެވެ. ގަތަރުގެ މެދުވެރިން މެދުވެރިކޮށް ރިޒާއީއަށް ރައްދުކުރި މި ސިޓީއާ ގުޅޭ ގޮތުން ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ، މަޝްވަރާތައް ކުރިއަށް ގެންދަން ބޭނުންވަނީ އީރާނުން ކަމަށެވެ.

ނަމަވެސް، ވެންސްގެ އެ ސިޓީއަށް އަދި ޖަވާބެއް ދެއްވާފައި ނުވާނެ ކަމަށް ރިޒާއީ ވަނީ ވިދާޅުވެފައެވެ. އަދި އީރާނުގެ ނިއުކްލިއާ ސިޔާސަތަށް އެއްވެސް ބަދަލެއް ގެނައުމަށް އާ ނިންމުމެއް ނިންމާފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ރިޔާސަތު ބަލަހައްޓަވާ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީގެ މަގާމަށް ރިޒާއީ އައްޔަންކުރެއްވީ އޮގަސްޓް 10 ގައި ކަމަށް އިރާންގެ ރައީސްގެ އޮފީހުން ބުނެފައިވެއެވެ.