ގައުމެއް ކުރިއަރައިދިއުމުގެ އެންމެ މުހިންމު އަސާސަކީ އުންމީދީ ވިސްނުމާއި، ކަންކަމާމެދު ހެޔޮކޮށް ދެކުމާއި، ކުށްހީތަކަށް ބިރުނުގަނެ ސާބިތުވެ ހުރުމުގެ ރޫހު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ދިވެހިރާއްޖޭގެ ތާރީހުގައި ތަރައްގީގެ ބޮޑެތި ފިޔަވަޅުތަކާ ދެކޮޅަށް މަދު ބަޔަކު ނުކުތް ނަމަވެސް ގިނަ ރައްޔިތުން އެ ބަދަލުތަކަށް މަރުހަބާ ކިޔައި، އެކަންކަމުގެ ފޮނި މީރު ނަތީޖާ މުޅި ގައުމަށް ލިބިފައިވާކަން ތާރީހީ ހާދިސާތަކުން ދައްކަވައިދެއްވައިފައެވެ.

އެގޮތުން ފުރަތަމަ ރައީސް މުހައްމަދު އަމީން އަންހެން ކުދިންނަށް ތައުލީމު ހޯއްދަވައިދެއްވުމަށް ކުރެއްވި މަސައްކަތާއި ރަށްރަށުގައި ފުޅާ މަގުތައް ކެނޑުއްވުމުގެ މޭސްތިރިކަން ފާހަގަކުރެއްވިއެވެ. މި ދެ ކަމަށް ވެސް ބަޔަކު ހުރަސް އެޅި ނަމަވެސް، ރައްޔިތުންގެ އާންމު ތާއީދާ އެކީ އެ ދެ ކަންވެސް ހަގީގަތަކަށްވެ، ގައުމަށް ލިބުނީ ގެއްލުމެއް ނޫންކަމާ، ފައިދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި މަސްދޯނި ފަހަރުގައި އިންޖީނު އެޅުމާ ދެކޮޅަށް ބަޔަކު ތެދުވެ، އިންޖީނުގެ އަޑަށް މަސް ފިލާނެ ކަމަށް ބުނި ނަމަވެސް، ޅ. ނައިފަރު އުންމީދު ދޯނީގެ ނެވި ފަރާތުން އެ ދޯނީގައި އިންޖީނު އެޅީ ކަމަށާއި، އެއަށްފަހު ގިނަ އޮޑިވެރިން އެ މިސާލަށް ތަބާވީ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެފަދައިން ފަތުރުވެރިކަމުގެ ފީޒިބިލިޓީ ދެނެގަންނަން ބޭރުގެ ތަޖުރިބާކާރުން ހެދި ދިރާސާގައި ރާއްޖޭގެ ޖަޒީރާ އޮނިގަނޑާ ހެދި އެ ސިނާއަތް ކާމިޔާބު ނުވާނެ ކަމަށް ނިންމި ނަމަވެސް، ދިވެހިންގެ ތެރެއިން ދެތިން ބޭފުޅަކު ބުރަ މަސައްކަތުން އެ ސިނާއަތް ބިނާކޮށް، މިއަދު ފަތުރުވެރިކަން ދިވެހި އިގުތިސާދުގެ އެންމެ ވަރުގަދަ ތަނބުތަކުގެ ތެރޭ ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ތަރައްގީގެ ސިޔާސަތު ބައްޓަންކުރައްވާފައިވާނީ މައިގަނޑު ދެ އަސާސެއްގެ މައްޗަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ އިސްލާމްދީނުގެ މައްޗަށް ބިނާވެފައިވާ މާނަވީ އިންސާނީ ބިނާކުރުމާއި، މާއްދީ އުމްރާނީ ބިނާކުރުން ކަމަށެވެ. މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރެވި، ފަރުދީ އަދި ގައުމީ ފާގަތިކަން ކަށަވަރުވެ، މޫސުމީ ގޮންޖެހުންތަކުގެ ކުރިމަތީ ވިލުންތެރި، އީޖާދީ އިގުތިސާދެއް ލިބިފައިވާ ތަހުޒީބު ރާއްޖެއެއް ބިނާކުރެއްވުމުގެ ތަސައްވުރު ރައީސް ހާމަކުރެއްވިއެވެ.

ޖުމްހޫރީ ދުވަހު ދިރުވަންވީ ރައްޔިތުންގެ މުސްތަގުބަލުގެ އަމާންކަމަށް އާނބަސް ބުނުމުގެ ރޫހު ކަމަށާއި، ގައުމުގެ ކުރިއެރުމަށް ހުރަސް އަޅަން މަސައްކަތްކުރާ ފަރާތްތަކަށް ހެޔޮ ވިސްނުން ދެއްވުން އެދި ދުއާ ކުރެއްވުމަށް ރައީސް ގޮވައިލެއްވިއެވެ. ރައީސް ވިދާޅުވީ ޖުމްހޫރީ ދުވަހުގެ ޝިއާރަކަށް ވާންވީ "ދިވެހިންގެ ރާއްޖެ ތަހުޒީބު މުޖުތަމައު" ކަމަށެވެ.

މި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅު މައިގަނޑު ގޮތެއްގައި ބައްޓަންކުރައްވައިފައިވަނީ ތާރީހީ ހާދިސާތަކުން އިބުރަތް ނެންގެވުމާއެކު، ތަރައްގީއާއި ޒަމާނީ ކުރިއެރުމަށް ދިވެހީން ދައްކަމުން އައި އުންމީދީ ރޫހު ދެމެހެއްޓުމުގެ މައްޗަށެވެ.