ދިވެހީންނަކީ އަބަދުވެސް ޒަމާނީ ތަރައްގީއަށް މަރުހަބާ ކިޔައި، ގައުމީ ވިސްނުން އިސްކުރާ ބައެއް ކަމަށާއި ޖުމްހޫރީ ދުވަހުގެ ޝިއާރަކަށް ވާންވީ "ދިވެހިންގެ ރާއްޖެ، ތަހުޒީބު މުޖުތަމައު" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުއްޖެއެވެ.
މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ތާރީހީ މިސާލުތައް ދައްކަވައި، ދިވެހީންނަކީ އާ ކަންކަމަށް ފުރުސަތުދީ ކުރިއެރުމާ ދިމާއަށް މިސްރާބު ޖަހާ ބައެއްކަން ސާބިތުކޮށްދެއްވައިފައެވެ.
އެގޮތުން ފުރަތަމަ ރައީސް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު، އަންހެން ކުދިންނަށް ތައުލީމު ހޯއްދަވައިދެއްވުމަށާއި ރަށްރަށުގައި ފުޅާ މަގުތައް ކެނޑުއްވުމަށް ކުރެއްވި މަސައްކަތްޕުޅަށް މަދު ބަޔަކު ހުރަސް އެޅި ނަމަވެސް، ގިނަ ރައްޔިތުން އެ ތަރައްގީ ބަލައިގަތްކަން ރައީސް ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ދެވަނަ ރައީސް އިބްރާހީމް ނާސިރުގެ ދައުރުގައި މަސްދޯނި ފަހަރުގައި އިންޖީނު އެޅުމާ ދެކޮޅަށް ބަޔަކު ތެދުވި ނަމަވެސް، ޅ. ނައިފަރު އުއްމީދު ދޯނީގެ ނެވި ފަރާތުން އެ ދޯނީގައި އިންޖީނު އެޅުއްވި ހާދިސާ ރައީސް ހަނދާންކޮށްދެއްވިއެވެ.
ފަތުރުވެރިކަމުގެ ތާރީހަށް ވެސް ރައީސް އަލިއަޅުއްވައިލެއްވިއެވެ. ބޭރުގެ ތަޖުރިބާކާރުންގެ ދިރާސާ ރިޕޯޓުގައި، ރާއްޖޭގެ ރަށްތައް ދުރުދުރުގައި ހުރުމާއި ދަތުރުފަތުރުގެ ގޮންޖެހުންތަކާ ހެދި ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖޭގައި ކާމިޔާބުނުވާނެ ކަމަށް ނިންމި ނަމަވެސް، ދިވެހި ރައްޔިތުންގެ ތެރެއިން ދެތިން ބޭފުޅަކު އިސްނަންގަވައިގެން އެ މަސައްކަތް ފެއްޓެވި ކަމަށް ރައީސް ވިދާޅުވިއެވެ. މިއަދު ފަތުރުވެރިކަމަކީ ދިވެހި އިގުތިސާދުގެ އެންމެ ވަރުގަދަ އެއް ތަނބުކަން ރައީސް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ތަރައްގީގެ ސިޔާސަތު ބިނާކޮށްފައި ވާނީ ދެ އަސާސެއްގެ މައްޗަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ އިސްލާމްދީނުގެ މައްޗަށް ބިނާވެފައިވާ އިންސާނީ ބިނާކުރުމާއި، މާއްދީ އުމްރާނީ ތަރައްގީ ކަމުގައި ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ދިވެހި ގައުމިއްޔަތުގެ ތަރަހައިގެ މަތީގައި އިސްލާމްދީނުގެ ބިންގަލާއެކު، މިނިވަންކަމާއި ސިޔާދަތު ހިމާޔަތްވެ، ފަރުދީ އަދި ގައުމީ ފާގަތިކަން ކަށަވަރުވެ، މޫސުމީ ގޮންޖެހުންތަކުގެ ކުރިމަތީ ވިލުންތެރި، އީޖާދީ އިގުތިސާދެއްގެ ވެރި ރާއްޖެއެއް ބިނާކުރެއްވުމުގެ ތަސައްވުރު ރައީސް ހާމަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ގައުމެއް ކުރިއެރުމުގެ ފުރާނައަކީ އުންމީދީ ވިސްނުމާއި، ހަމަޖެހުމާއި، އެއްބައިވަންތަކަމާއި، އެއް އަމާޒަކަށް މިސްރާބު ޖެހުމުގެ ރޫހު ކަމަށެވެ. ދިވެހިރާއްޖެ ވާރުތަވެފައިވަނީ ވަރުގަދަ ހަޟާރަތެއްގެ ވެރި، އެއް ބަހެއް، އެއް ދީނެއް، އެއް ސަގާފަތެއް ހިއްސާކުރާ އެކުވެރި ބައެއްގެ ގޮތުގައި ކަމަށާއި، ޖުމްހޫރީ ދުވަހު ދިރުވަންވީ ދިވެހީންގެ މުސްތަގުބަލުގެ އަމާންކަމަށް އާނއެކޭ ބުނުމުގެ ރޫހު ކަމުގައި ރައީސް ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ތާރީހީ ހާދިސާތަކުން އިބުރަތް ހާމަކުރައްވައި، ތަހުޒީބު މުޖުތަމައެއް ބިނާކުރުމަށް އެއްބައިވަންތަކަމާއެކު ކުރިއަށް ދިއުމަށް ގޮވައިލައްވައިފައެވެ.
ކޮމެންޓް