ޑްރޯން ޓެކްނޮލޮޖީގެ ދާއިރާއިން ފުރިހަމަ ބާރުވެރިކަން ހޯދުމަށާއި، އަސްކަރީ ޑްރޯނާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ހަލުވިކަމާއެކު ފުޅާކުރުމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ގޮވާލައްވައިފިއެވެ.
އެ ގައުމުގެ ދައުލަތުގެ މީޑިއާ، ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކިމް މިކަމަށް ގޮވާލެއްވީ އިއްޔެ ބޭއްވި މީހަކު ނުލައި ދުއްވާ ވައިގެ އުޅަނދުތަކުގެ ޓެކްނޮލޮޖީ ދައްކާލުމުގެ މައުރަޒަކާއި ހަތިޔާރުތަކުގެ ހަރަކާތެއްގައި ވާހަކަދައްކަވަމުންނެވެ.
ޒަމާނީ ހަނގުރާމަތަކުގެ ވައްޓަފާޅި ބަދަލުވަމުން އަންނަގޮތަށް ބަލާއިރު، ޑްރޯން ޓެކްނޮލޮޖީގެ ކުރިއެރުން ހޯދުމަކީ ކޮންމެހެން ކުރާން ޖެހޭ ކަމެއް ކަމަށާއި، ސުލްހަ ކަށަވަރުކުރެވޭނީ ހަމައެކަނި ބާރުވެރިކަމުން ކަމަށް ކިމް ވިދާޅުވި ކަމަށް ކޭސީއެންއޭއިން ބުންޏެވެ. އެ ޓެކްނޮލޮޖީ ހަރުދަނާކުރުމަށް އަޅާނެ ފިޔަވަޅުތަކެއް ކިމް އިއުލާނުކުރެއްވި ނަމަވެސް، އޭގެ ތަފްސީލުތައް ކޭސީއެންއޭއިން ހާމަކޮށްފައެއް ނުވެއެވެ.
ކޭސީއެންއޭއިން ބުނި ގޮތުގައި، އެ މައުރަޒަށް ފަހު ކުރިއަށްގެންދިޔަ އަސްކަރީ ހަރަކާތުގައި ޓެކްޓިކަލް ސުއިސައިޑް އެޓޭކް ޑްރޯންތަކާއި، ވައިގެ ތެރެއިން ބިމަށް މިސައިލް ފޮނުވާލާ މަލްޓިޕާޕަސް ޑްރޯންތަކާއި، ކްރޫޒް މިސައިލްތަކުގެ އިތުރުން 600 މިލިމީޓަރުގެ މަލްޓިޕަލް ރޮކެޓް ލޯންޗަރުތައް ވަނީ ޓެސްޓުކޮށްފައެވެ.
މީގެ އިތުރުން، ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް (ޖޭސީއެސް) އިން ބުނި ގޮތުގައި، އިއްޔެ މެންދުރު 12:30 ހާއިރު އުތުރު ކޮރެއާގެ ވޮންސާންސަރަހައްދުން އީސްޓް ސީއާ ދިމާއަށް ކުރު ރާސްތާގެ ދިހަވަރަކަށް ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާކަން ވަނީ ދެނެގަނެވިފައެވެ. ނަމަވެސް، މި މިސައިލްތައް ދަތުރުކުރި ރާސްތާއާއި އެހެނިހެން މިންގަނޑުތައް އަދި ކަށަވަރުވެފައި ނުވާ ކަމަށާއި، އެކަމުގެ ތަހުލީލުތައް ކުރަމުންދާ ކަމަށް ޖޭސީއެސްއިން ބުންޏެވެ.
އޮކްޓޫބަރު 12 ގައި ވެސް ޓެކްޓިކަލް ބެލިސްޓިކް މިސައިލްތަކެއް ކަމަށް އުތުރު ކޮރެއާއިން ބުނާ ހަތިޔާރުތަކެއް ޓެސްޓުކޮށްފައިވާއިރު، އިތުރު ހަމަލާތަކަކަށް ތައްޔާރުވުމުގެ ގޮތުން ދެކުނު ކޮރެއާއާއި އެމެރިކާ އަދި ޖަޕާން ގުޅިގެން މައުލޫމާތު ހިއްސާކޮށް ފާރަވެރިކަން ވަރުގަދަކޮށްފައިވާ ކަމަށް ޖޭސީއެސްއިން ބުނެއެވެ.
އުތުރު ކޮރެއާ
އުތުރު ކޮރެއާ
އުތުރު ކޮރެއާ
އުތުރު ކޮރެއާ
ކޮމެންޓް