ޑޮނަލްޑް ޓްރަމްޕް، އީރާނާއެކު ސުލްހައިގެ މަޝްވަރާތައް އަލުން ފެއްޓެވުމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސްއަށް އެންގެވި ކަމަށް ބުނެ މީޑިއާތަކުން ފެތުރި ރިޕޯޓުތައް ދޮގުކުރައްވައިފިއެވެ.

އޮހާޔޯގައި ބާއްވާ އެއްވުމަކަށް ވަޑައިގަތުމުގެ ކުރިން އިއްޔެ ނޫސްވެރިންނާ ވާހަކަދައްކަވަމުން، ސުލްހައިގެ ވާހަކަތައް އަލުން ފެއްޓެވުމަށް ނައިބު ރައީސަށް އިރުޝާދުދެއްވިންތޯ ނޫސްވެރިން ސުވާލުކުރުމުން އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އެފަދަ އެންގެވުމެއް އަންގަވާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް، އީރާނުގެ ކަމާބެހޭ ފަރާތްތަކާ މުއާމަލާތްކުރެއްވުމަށް ޖޭޑީ ވެންސްއަށް ހުއްދަ ދެއްވި ކަމަށް ޓްރަމްޕް އިއްޔެ އެއްބަސްވެވަޑައިގެންނެވިއެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި، ވެންސް އީރާނުގެ އިދާރާތަކަށް ސިޓީއެއް ފޮނުއްވީ އެ ގައުމަށް ބޭސްފަރުވާގެ ސާމާނާއި އެހެނިހެން ބައެއް ތަކެތީގެ އެހީތެރިކަން ބޭނުންވެފައިވާތީ، ބަލިމީހުންނަށް އެހީތެރިވުމަށް އެ ތަކެތި ފޯރުކޮށްދިނުމަށެވެ.

އެކަމާ ގުޅޭގޮތުން ވެންސް އޭނާގެ ހިޔާލު ހޯއްދެވުމުން، އެކަން ކުރައްވަން ބޭނުންފުޅުވާ ނަމަ އެއީ މައްސަލައެއް ނޫން ކަމަށް ވިދާޅުވި ކަމަށްވެސް ޓްރަމްޕް ފާހަގަކުރެއްވިއެވެ.

ޓްރަމްޕް މިފަދައިން ވިދާޅުވެފައި މިވަނީ، އީރާނާއެކު ސުލްހައިގެ މަޝްވަރާތައް އަލުން ދިރުވުމުގެ މަގުސަދުގައި، އެ ގައުމުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހްސިން ރިޒާއީއަށް ވެންސް ސިޓީއެއް ފޮނުއްވި ކަމަށް ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ)އިން އިއްޔެ ރިޕޯޓުކޮށްފައި ވަނިކޮށެވެ.

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ޑަބްލިއުއެސްޖޭއިން ބުނި ގޮތުގައި، ޓްރަމްޕްގެ އެންގެވުމަކަށް ވެންސް އެ ސިޓީ ފޮނުއްވީ، ނޮވެންބަރު 3 ގައި ބާއްވާ އެމެރިކާގެ މިޑްޓާމް އިންތިހާބަށްފަހު އީރާނަށް އަލުން ހަމަލާދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.