ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުމުގެ ތެރެއިން ލިބޭ ފުރުސަތުތައް ދިވެހި ވިޔަފާރިތަކުގެ ކުރިއެރުމަށް ބޭނުންކުރުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އެކްސްޕޯގެ ތެރެއިން ބޭއްވި ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްއާ ގުޅޭގޮތުން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވި ގޮތުގައި، ދިވެހި ވިޔަފާރިތަކަށް އިންވެސްޓްމަންޓާއި ޓެކްނޮލޮޖީ ބަދަލުކުރުމާއި ހުނަރު ތަރައްގީކުރުމުގެ އިތުރުން ވަރުގަދަ ގުޅުންތަކެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ވަނީ އަމާޒު ހިފައިފައެވެ.
މިނިސްޓަރު ސައީދު ފާހަގަކުރެއްވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ރާއްޖެއާއި ޗައިނާގެ ގުޅުން ދަނީ އިތުރު ހަރުފަތްތަކަކަށް ފުޅާވަމުންނެވެ. އެގޮތުން ބޭއްވި ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް ބިނާވެފައިވަނީ ދެ ގައުމުގެ ލީޑަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކާއި، ދެ ގައުމުގެ ދެމެދުގައި ގާއިމުކޮށްފައިވާ ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕްގެ މައްޗަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ފޯރަމްގެ ސަބަބުން ދެ ގައުމުގެ އިޝްތިރާކީ އުންމީދުތައް އަމަލީ އިގުތިސާދީ އެއްބާރުލުމަކަށް ބަދަލުވެގެންދާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، މި ގުޅުން އިތުރަށް ބަދަހިކޮށް ކުރިއަށް ގެންދިއުމުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޒިއާންހުއާ އާއި ޗައިނާ އެމްބަސީން ދޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި، މިނިސްޓަރު ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.
މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ، ވިޝަން 2040 ގެ ދަށުން ރާއްޖޭގެ ތަރައްގީއަށް އިސްކަންދޭ ކަންކަމާއި ޗައިނާގެ ޓެކްނޮލޮޖީގެ ގާބިލުކަން ގުޅުވާލުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން ވަޒީފާގެ ފުރުސަތުތައް އުފައްދައި، ދިވެހި ކުންފުނިތައް ބާރުވެރިކުރުވައި، ދިވެހި ރައްޔިތުންނަށް ދެމެހެއްޓެނިވި މަންފާތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
ކޮމެންޓް