ރާއްޖޭގެ އިގުތިސޯދު ފުޅާ ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެއްޓެވި ބަންކަރިންގެ ހިދުމަތުން މިހާތަނަށް 90.07 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ސައީދުގެ މައްޗަށް އިދިކޮޅު އެމްޑީޕީ މެންބަރުން ހުށަހެޅި، އިތުބާރު ނެތްކަމުގެ މައްސަލައިގައި ހިމެނޭ ބަންކަރިންގެ ހިދުމަތާ ބެހޭ މައްސަލައަށް ޖަވާބުދާރީވުމުގެ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
މިނިސްްޓަރު ސައީދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގައި، ބަންކަރިންގެ ހިދުމަތުން ފުރަތަމަ އަހަރު 400 މިލިޔަން ޑޮލަރު އިގުތިސޯދަށް ވަންނާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި ނަމަވެސް ދެ އަހަރު ދުވަސް ވެގެން ދިޔައިރު މިކަމުން މަންފާއެއް ލިބިފައިނުވާކަން ފާހަގަކޮށްފައިވާތީ، އެކަމަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގެ ކަނޑު އޮޅިތަކުން ދަތުރުކުރާ ބޯޓު ފަހަރުގެ އަދަދާއި އޭގެން ނެގެން އޮތް ފުރުސަތުތަކާއި އޭގެން ހޯދެން އޮތް ފައިދާގެ ވާހަކައަކީ އެކި ސަރުކާރުތަކުން އަބަދުވެސް ދައްކާ ވާހަކަތަކެއް ކަމަށެވެ.
"ފަހުރުވެރިކަމާއެކު މ ދައްނަަވަނީ ރައީސް މުއިއްޒުގެ ސަރުކާރުން ދެ ބޯޓު ގެނެސްގެންވެސް ބަންކަރިންގެ ހިދުމަތް ފެށީމަ ނޫންތޯ، 90.07 މިލިޔަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް 1.39 ބިލިޔަން ރުފިޔާ، އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތުން ވަނީ ލިބިފައި،" ސައީދު ވިދާޅުވިއެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވީ، ބޮޑެތި ކަންތައް ވާނީ ބޮޑެތި މަސައްކަތްތަކެއްކޮށް، ގިނަ ދުވަހުން ކަމަށާއި އެ މަޝްރޫއުން ލިބޭ އާމްދަނީ ކުރިމަގުގައި އިތުރުވެގެންދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ބަންކަރިންގެ ހިދުމަތުގެ ތެރެއިން ލިބުނު އާމްދަނީގެ ތެެރެއިން 70.31 ޕަސެންޓަކީ ލޯ ސަލްފާ ފިއުލް ވިއްކައިގެން ލިބުނު އާމްދަނީ ކަމަށެވެ. އޭގެ 72،000 މެޓްރިކް ޓަނުގެ ތެޔޮ ވިއްކާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"ޑްރެޖަރުތަކަށް މީގެކުރިން ލޯ ސަލްފާ ފިއުލް އަޅަމުން ގެންދިޔައީ އަވައްޓެރި ގައުތަކުގެ ވިޔަފާރިވެރިން ނަމަވެސް އެފުރުސަތު އެފަރާތްތަކަށް ބަނދުކޮށް، މިއަދު ދިވެހިންނަށް އެކަނި ކުރެވޭ ވިޔަފާރިއެއްގެ ގޮތުގައި އޮވެ އެސްޓީއޯއިން ކަންކުރާތީ މި ވިޔަފާރި ހިފެހެއްޓިފައި މިވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް