ސަރުކާރާ 2023 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ ބަޖެޓް ޑެފިސިޓް ހުރީ ޖީޑީޕީގެ ނިސްބަތުން 10 ޕަސެންޓުގައި ކަމަށާއި އަމާޒަކީ އެ އަދަދު 2028ގައި ފަސް ޕަސެންޓަށް ވުރެ ކުޑަކުރުން ކަމަށް ރަައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އިގުތިސޯދީ މިނިވަންކަން ވަޒަން ކުރާ އިރު، ވެރިކަމާ ހަވާލުވި އިރު އިގުތިސޯދީ ހާލަތު ހުރި ހިސާބާއި މިހާރު ހުރި ހިސާބު އަންދާޒާ ކޮށްލެވޭނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ބަޖެޓް ޑެފިސިޓް ހުރީ ޖީޑީޕީގެ ނިސްބަތުން 10 ޕަސެންޓުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރަށް ބަޖެޓް އެކުލަވާލަން ލިބުނީ މިދިޔަ އަހަރަށާއި މި އަހަރަށް ކަމަށާއި އޭގެ ކުރީ އަހަރުގެ ބަޖެޓް އެކުލަވާލީ ކުރީގެ ސަރުކާރުން ކަމަށެވެ. އޭރު ވެރިކަންކުރި އެމްޑީޕީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީ އޮވެގެން އެ ބަޖެޓް ފާސްކުރީ އާ ސަރުކާރަށް ކަންކަން ކުރަން ދަތިވާނެ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑުމެން ހެދި ފުރަތަމަ ބަޖެޓް، 2025 ގެ ބަޖެޓުން ފެށިގެން އަޅުގަނޑުމެން ވަރަށް ރަނގަޅަށް ފިސްކަލް މެނޭޖްމެންޓް ތަންފީޒުކޮށްގެން، އަޅުގަނޑުމެން ޑެފިސިޓް ކުޑަކުރީ 3.6 އިންސައްތައަށް، ޖީޑީޕީގެ ނިސްބަތުން،" ރައީސް ވިދާޅުވިއެވެ.
ނަމަވެސް ތެލުގެ އަގު ބޮޑުވުމާއި މެދުއިރުމަތީގައި ބޮޑު ހަނގުރާމައިގެ ސަބަބުން ބަޖެޓް މެނޭޖް ކުރުމުގައި ކަންތައްތަކެއް ތަފާތުކުރަން ޖެހުނު ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެން ނަމަވެސް. މިއަހަރު ނިންމާލާއިރުގައި ސިންގަލް ޑިޖިޓުން ހަމަ، ގާތްގަނޑަކަށް ހައެއް 6.2 އިންސައްތައިން ނިންމާލެވޭނެ ކަމަށް ބެެލެވޭ،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރު ނިމޭ އިރު ފަސް ޕަސެންޏަށް ވުރެ ޑެފިސިޓް ކުޑަ ކުރުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެއީ ކުރީގެ ސަރުކާރާ އަޅައި ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށް ވެސް ރައީށް ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ހަނގުރާމައާ ގުޅިގެން ކުރިމަތިވަމުންދާ ގޮންޖެހުންތަކާ އެކު ވެސް ކަންކަން މެނޭޖު ކުރަމުންދާ ކަމަށާއި އުންމީދަކީ 2029 ވަނަ އަހަރު ޑެފިސިޓް ސާޕްލަސް އަކަށް ހެދުން ކަމަށެވެ. އެގޮތުން 2029 ވަނަ އަހަރު ރާއްޖޭގެ ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން އެއް ޕަސެންޓް ސާޕްލަސްއަކަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް