ކޮންމެ ފަހަރަކު އެ ބުނާ އެެއްޗެއް އެވަގުތައް ނުކުރެވުމަކީ ދޮގުހެދުން ކަމަކަށް ނުބެލޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޭދަފުށީ ދާއިރާގެ މެންބަރު އަމުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި، މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ދީދީ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން، އަހްމަދު ދީދީ ވިދާޅުވީ، ސަރުކާރުން ހަރަދު ކުރަން ނިންމާފައިވާ އެއްވެސް މަޝްރޫއަކާ ބެހޭ ތަފްްސީލް ބަޖެޓް ފޮތުގައި ނެތުމުން، ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދު ކުރަމުންދާ ގޮތް ބަލައި ރައްޔިތުންގެ މަބްދޫބުންނަށް ސަރުކާރު ޖަވާބުދާރީ ކުރެވޭ ގޮތެއް ނެތްކަން، ބަޖެޓާ ގުޅިގެން ވޭތުގެ ދިޔަ ދެ އަހަރުވެސް ވާހަކަ ދެއްކެވި ކަމަށެވެ.
ނަމަވެސް އަންނަ އަހަރުގެ ބަޖެޓްގައި ވެސް ތަފްސީލް ނުހިމަނައި ހަމައެކަނި އޮތީ ހިޔާލީ އަދަދުތަކެއް ހިމަނާފައި ކަމަށްވެސް ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ އެގޮތަށް ބަޖެޓް އޮތުމުން ކުރި ޝަކުވާތަކާ ގުޅިގެން، ދައުލަތުގެ ބަޖެޓަކީ، ސަރުކާރުން ފަށާ ކޮންމެ މަޝްރޫއެއް ނިންމައި ރައްޔިތުންނަށް ހިދުމަތްދޭ ގޮތަށް ޕްރޮގްރާމް ކޮށްފައިވާ ބަޖެޓެއް ކަމަށް މީގެކުރިން ހުށަހެޅި ބަޖެތްތަކާ ގުޅިގެން ސަރުކާރުން ބުނި ކަމަށެވެ. ހަމައެގޮތަށް ތަފްސީލެއް ނެތި ބްލޮކް އަދަދުތަކެއް ހިމަނައިގެން 2025 ވަނަ އަހަރު ހުށަހެޅި ބަޖެޓާ ބެހޭގޮތުން ޝަކުވާ ކުރުމުން، 56 ބިލިޔަން ރުފިޔާއަށްވުރެ ބޮޑު އެ ބަޖެޓް ސަރުކާރުން ވިއްކީ ބޯހިޔާވަހީގެ ބަޖެޓެއްގެ ގޮތުގައެވެ.
ނަމަވެސް އަހަރު ނިިމި ބަޖެޓް ހުސްވެެގެން ދިޔައިރު، ރާއްޖޭގެ އެއްވެސް ރަށެއްގައި ހައުސިން ޔުނިޓެއްގެ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށްވެސް ވިދާޅުވިއެވެ. އޭގެ އިތުރުން މިއަހަރުގެ ބަޖެޓް ވިއްކީ ސިއްހީ ދާއިރާއަށް އިންގިލާބެއް ގެންނާނެ ބަޖެޓެއްގެ ގޮތުގައެވެ. ނަމަވެސް ބަޖެޓާއި އަހަރު ނިމިގެން ދިޔައިރު، އެއްވެސް ރަށެއްގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށްވެސް ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ، އައްޑޫސިޓީގެ ލިންކު ރޯޑާއި މަގުތަކުގެ މަސައްކަތްތަކާއި، ޓޫރިޒަމް ތަރައްގީ ކުރުުމުގެ މަސައްކަތްތަކުގައި ވެސް 2024 އަހަރު ކުރިއަށްގެންދާނެ ކަަމަށް ވިދާޅުވި އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށެވެ.
އޭގެ އިތުރުން އައްޑޫސިޓީގެ އެއްވެސް މަޝްރޫއެއް ނުހުއްޓުވާނެ ކަމަށް ވިދާޅުވެ، އައްޑޫސިޓީ ރައްޔިތުންގެ އެންމެ ބޮޑު އުއްމީދު ކަމަށްވާ، ބައިނަލްއަގްވާމީ ވައިގެ ބަދަރުގެ ޕްރޮޖެކްޓްގެ މަސައްކަތް ހުއްޓުވާފައިވާ ކަަމަށްވެސް ވިދާޅުވިއެވެ.
ހަމަ އެގޮތަށް 2024 ވަނަ އަހަރުން ފެށިގެން އަޅައިދޭނެ ކަމަށް ރައީސް ވިދާޅުވި ބްރިޖްގެ މަސައްކަތް އަދިވެސް ނުފެށޭ ކަމަށާއި އައްޑޫގެ ބިންހިއްކި ބައެއް ތަންތަނުން މީހުންނަށް ގޯތިދީ ކަންކަން ކޮށްފައިވާ އިރު، އެ ތަންތަނުގައި ގާއިމް ކުރަންޖެހޭ އެންމެ އަސާސީ ހިދުމަތް ކަމަށްވާ، ފެނާއި ނަރުދަމާ އާއި ކަރަންޓް އެ ސަރަހައްދަށް ދީފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުވެސް އައްޑޫ ސިޓީއަށް ވެ ވަޑައިގެންނެވި ވަގުތުތައް ރައީސުލްޖުމްހޫރިއްޔާ ފުއްދަވައިދެއްވާފައިނުވާކަން ފާހަގަ ކުރައްވައި މެންބަރު ވިދާޅުވީ، ޒިންމާދަރު ސަރުކާރަކުން އެގޮތަށް ކަންކަން ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެެވެ. އަދި ބުނާ ބަހާ ދިމާ އިދިކޮޅަށް ކަންތައް ކުރުމަކީ ދޮގު ހެދުން ކަމަށްވެސް މެންބަރު ވިދާޅުވިއެވެ. އަދި ކުންފުނިތައް އުވާ ނުލައްވާނެ ކަމަށް ވިދާޅުވެ، ބައެއް ކުންފުނިތައް އުވާލަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.
މެންބަރުގެ ވާހަކަ ނިމުމުން، ޖަލްސާގެ ރިޔާސަތުގައި އިންނެވި ސަލީމް ވިދާޅުވީ، ކޮންމެ ފަހަރަކު އެބުނާ އެއްޗެއް އެވަގުތައް ނުކުރެވުމަކީ ދޮގުހެދުން ކަމަށް ނުބެލެވޭނެ ކަަމަށެވެ. އަދި ވާގުތާއި ހާލަތު ބަދަލުވާ ގޮތުން ކަންތައްތަކަށް ބަދަލު އަންނާނެ ކަމަށްވެސް ވިދާޅުވިއެެވެ.
"މިސާލަކަށް އިސްލާމްދީނުގައި މުޅަ ތަކެތީގެ މަސް ކަނޑައެޅިގެން ހަރާމް އެއްޗެއް، އެކަަމަކު މީހަކު ބަނޑުހައިވެގެން ފުރާނަ ހިނގައި ދާނެ ކަމަށް ހީވެއްޖެއްޔާ އެ މަސް ބޭނުންކުރުން އޭނައަށް އެބަ ހުއްދަވޭ،" ސަލީމް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް