އެކްޓަރު އިމްރާން ހާން އިންޑިއާއިން ފުރުމަށް އަންގައި މުމްބާއީގެ ފޮރިނާސް ރީޖަނަލް ރެޖިސްޓްރޭޝަން އޮފީސް (އެފްއާރްއާރްއޯ) އިން ނެރުނު ”ލީވް އިންޑިއާ ނޯޓިސް“ އަށް އަމަލުކުރުން ބޮމްބޭ ހައި ކޯޓުން ވަގުތީ ގޮތުން މަޑުޖައްސާލައިފިއެވެ.
އުއްތަމަ ފަނޑިޔާރު މަހޭޝް ޗަންދްރަ ތްރިޕާތީ އިސްކޮށް ހުންނެވި ފަނޑިޔާރުންގެ ބެންޗުން މި ވަގުތީ ލުއި ދިނީ، އަންނަ ހޯމަ ދުވަހު (ނޮވެންބަރު 2 ގައި) ބާއްވާ އަޑުއެހުމާ ހަމައަށެވެ.
ދަ ހިންދޫ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޯޓުން މިގޮތަށް ނިންމީ މައްސަލައަށް ޖަވާބުދާރީވުމަށް މަރުކަޒީ ސަރުކާރުން އިތުރު ވަގުތަށް އެދި، އެ މުއްދަތުގެ ތެރޭގައި އޭނާއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަގީންކަން އެޑިޝަނަލް ސޮލިސިޓާ ޖެނެރަލް އަނިލް ސިންގް ދެއްވުމުންނެވެ.
އެމެރިކާގެ ރައްޔިތެއްގެ އިތުރުން އޯވަސީސް ސިޓިޒަން އޮފް އިންޑިއާ (އޯސީއައި) ކާޑު އޮންނަ އިމްރާން ހާން، ގައުމުން ބޭރުވުމަށް އެފްއާރްއާރްއޯއިން އެންގީ އޮކްޓޫބަރު 14 ގައި ނެރުނު ނޯޓިހަކުންނެވެ. އިކޮނޮމިކް ޓައިމްސްގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ އިދާރާއިން އެ ނިންމުން ނިންމީ އޭނާ މުޒާހަރާއެއްގައި ބައިވެރިވި ކަމަށް ކަނޑައަޅައި، ޖަވާބުދާރީވުމުގެ ފުރުސަތެއް ނުދީއެވެ.
މީގެ އިތުރުން، އޭނާގެ އޯސީއައި ކާޑު ބާތިލު ނުކުރަންވީ ސަބަބު 15 ދުވަހުގެ ތެރޭގައި ބަޔާންކުރުމަށް އަންގައި އޮކްޓޫބަރު 17 ގައި އެ އިދާރާއިން އިތުރު ނޯޓިހެއް ނެރެފައިވެއެވެ.
މި ނޯޓިސް ބާތިލުކޮށްދިނުމަށް އެދި އިމްރާން ހާން ކޯޓަށް ހުށަހެޅި ޕެޓިޝަނުގައި، މުޒާހަރާގައި ބައިވެރިވި ކަމަށް ކުރާ ތުހުމަތު ވަނީ ދޮގުކޮށްފައެވެ. އެ ޕެޓިޝަނުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ނޯޓިހަކީ ސިޔާސީ މަގުސަދެއްގައި ހުށަހެޅި ޝަކުވާއަކާ ގުޅިގެން، އެއްވެސް ތަހުގީގެއް ކުރުމެއް ނެތި އަދި އިމިގްރޭޝަން އެންޑް ފޮރިނާސް އެކްޓް 2025 ނުވަތަ ސިޓިޒަންޝިޕް އެކްޓް 1955 އާ ހިލާފުވި ގޮތެއް ބަޔާން ނުކޮށް ނެރެފައިވާ ގާނޫނާ ހިލާފު އެންގުމެކެވެ.
މި މައްސަލައިގައި ކޯޓުން މިހާތަނަށް ދީފައިވަނީ ހަމައެކަނި ވަގުތީ ލުޔެއް ކަމަށާއި، ފުރުމަށް އެންގި ނޯޓިހުގެ ގާނޫނީ ސައްހަކަމާ މެދު ކޯޓުން އަދި ގޮތެއް ކަނޑައަޅާފައި ނުވާ ކަމަށް ގަލްފް ނިއުސްއިން ފާހަގަކުރެއެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ
ކޮމެންޓް