މާލޭގެ ކެފޭއެއްގެ ތެރޭގައި ބަޔަކަށް ބިރު ދައްކައި މާރާމާރީ ހިންގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށް ބަންދުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ، އިފަން، އިފްހާމް އަހުމަދު 19އ އެވެ.

އޭނާއަށް ފުލުހުން ކުރަނީ މާރާމާރީ ހިންގުމާއި ބިރު ދެއްކުމާއި ޖިނާއީ މަޖުބޫރުކުރުވުގެ ތުހުމަތެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައަށް ނުރައްކާ އޮތް ކަމަށް ފެންނާތީ އޭނާގެ ބަންދަށް ވަނީ 16 ދުވަސް ޖަހައިފައެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާ ވަނީ ކެފޭއެއްގެ ތެރޭގައި ބަޔަކު ހިފަހައްޓައި އަނިޔާކޮށްފައެވެ.

ކޯޓުގައި ތުހުމަތުތަކަށް އޭނާ އިންކާރުކުރި ނަމަވެސް ކޯޓު އަމުރުން އެނގޭ ގޮތުގައި ފުލުހުން ވަނީ އޭނާއާ ދެކޮޅަށް ގިނަ ހެކިތަކެއް ހޯދައިފައެވެ. އޭގެ ތެރޭގައި އަނިޔާ ލިބުނު ފަރާތްތަކުގެ ބަޔާނާއި ހެކިންގެ ބަޔާންތަކާއި އަނިޔާ ލިބުނު ފަރާތްތަކުގެ މެޑިކޯއާއި އަނިޔާ ލިބުނު ފަރާތްތަކަށް ލިބުނު އަނިޔާގެ ފޮޓޯ ރިޕޯޓާއި ސީސީޓީވީ ފޫޓޭޖު ހިމެނެއެވެ.