އިންގްލެންޑްގެ ކެޕްޓަން އަދި ބަޔާން މިއުނިކްގެ ތަރި ހެރީ ކޭންއާއި ރެއާލް މެޑްރިޑް އަދި ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭގެ އިތުރުން އާޖެންޓީނާގެ ލިއޮނަލް މެސީ ހިމެނޭހެން ބެލޮންޑިއޯއަށް ވާދަކުރާ 30 ކުޅުންތެރިންގެ ލިސްޓް އާއްމުކޮށްފިއެވެ.
ފްރާންސް ފުޓްބޯލްއިން 1956 ވަނަ އަހަރު ދޭން ފެށި ބެލޮންޑިއޯއަށް 70 އަހަރު ފުރޭ މިއަހަރު ދޭ އެވޯޑުގެ އިތުރު ކެޓަގަރީތަކަށް ވާދަކުރާ ނަންތައްވެސް އާއްމުކޮށްފައިވެއެވެ. މިފަހަރުގެ އެވޯޑު ހަފުލާ ލަންޑަނުގައި އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ. ލަންޑަނުގައި އެވޯޑު ބާއްވަން ނިންމާފައި ވަނީ އެންމެ ފުރަތަމަ ބެލޮންޑިއޯ ހޯދި އިނގިރޭސި ކުޅުންތެރިޔާ، ސާ ސްޓޭންލީ މެތިއުސްގެ ޝަރަފުގައެވެ.
މިހާރު ގައުމީ ޓީމުން ރިޓަޔާކޮށްފައިވާ އިންޓަ މިއާމީގެ ކެޕްޓަން މެސީ، 39، ނުވަވަނަ ބެލޮންޑިއޯއަކަށް އިންތިޒާރުކުރަމުންދާ އިރު، އޭނާ މިދިޔަ ސީޒަނުގައި އެންމެ ވިދާލީ ވޯލްޑް ކަޕުގައެވެ. އާޖެންޓީނާއާއެކު ފައިނަލަށް ދިޔަ ނަމަވެސް އެޓީމު ވަނީ ސްޕެއިން ކައިރިން ބަލިވެފައެވެ. ސްޕެއިން ގައުމީ ޓީމުން ވޯލްޑް ކަޕް ނެގި އިރު، ބާސެލޯނާއާއެކު މޮޅަށް ކުޅުނު ޒުވާން ތަރި ލަމީން ޔަމާލްވެސް ނޮމިނޭޝަން ލިސްޓްގައި ހިމެނެއެވެ.
ސްޕެއިންގެ ޖުމުލަ ހަ ކުޅުންތެރިޔަކު ބެލޮންޑިއޯ ނޮމިނޭޝަންގައި ހިމެނޭ އިރު، ޖެހިޖެހިގެން ދެ ފަހަރު ޗެމްޕިއަންސް ލީގު ހޯދި ޕީއެސްޖީގެ ނުވަ ކުޅުންތެރިޔަކު ބެލޮންޑިއޯ ނޮމިނޭޝަންގައި ހިމެނެއެވެ. އެއީ އަލަށް ކުޅުނު ފެރާން ޓޮރޭސް ނުލައެވެ. ޕީއެސްޖީ ކުޅުންތެރިންގެ ތެރޭގައި މިދިޔަ އަހަރު އެވޯޑު ހޯދި ޑެމްބެލޭ ފާހަގަކޮށްލެވެއެވެ.
ފްރާންސާއެކު ވޯލްޑް ކަޕް ތާރީހު ލިޔެލި އެމްބާޕޭގެ އިތުރުން ރެއާލްގެ ވިނީޝިއަސް ޖޫނިއާވެސް ނޮމިނޭޝަންގައި ހިމެނޭ އިރު، އެމްބާޕޭއަކީ އެއް ފެވަރިޓެވެ. އުމުރުން 27 އަހަރުގެ އެމްބާޕޭއަށް މިދިޔަ ސީޒަން ވެގެންދިޔައީ އިންޑިވިޖުއަލީ ކާމިޔާބު ސީޒަނަކަށެވެ. ރެއާލް މެޑްރިޑާއެކު ތަށްޓެއް ނުހޯދުނު ނަމަވެސް، ކުޅުނު 44 މެޗުގައި 42 ގޯލް ޖެހިއެވެ. އޭގެ އިތުރުން ތަފާތު ވަރުގަދަ ފޯމަކާއެކު ފްރާންސާއެކު ވޯލްޑް ކަޕްގެ ސެމީ ފައިނަލާ ހަމައަށްވެސް ދަތުރު ކޮށްފައިވެއެވެ. އެމްބާޕޭއަކީ މިހާރު ތާރީހުގައިވެސް ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ. އެމްބާޕޭ ވޯލްޑް ކަޕްގެ ރަން ބޫޓު ހޯދީ 10 ގޯލް ޖަހައިގެންނެވެ.
ކޭންވެސް ތަފާތު ފޯމެއްގައި ފެނިގެން ދިޔަ އިރު، މީޑީއާގައި އޭނާއަކީވެސް ފެވަރިޓެކެވެ. އިންގްލެންޑާއެކު ވޯލްޑް ކަޕް ސެމީ ފައިނަލަށް ދިޔަ ކޭން ވަނީ ސީޒަނުގައި ބަޔާނަށް 55 މެޗުން 55 ގޯލް ޖަހައިދީފައެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ 13 މެޗުގައި ޖެހި 14 ގޯލްވެސް ހިމެނެއެވެ.
މިފަހަރު ބެލޮންޑިއޯގެ އެންމެ މޮޅު ޒުވާން ކުޅުންތެރިންގެ ނޮމިނޭޝަނުގައި ބަޔާނަށް ދާދިފަހުން ސޮއިކުރި ކެރީމް އަލަބެގޮވިޗް، މެންޗެސްޓާ ސިޓީގެ އައްޔޫބު ބުއާދީ، ބާސެލޯނާގެ ޕައު ކުބާސީ، ރެއާލްގެ ޔޭން ޑިއޮމާންޑޭ، ބަޔާންގެ ލެނަޓް ކާލް، ބޯންމައުތުގެ އެލީ ޖޫނިއާ ކްރޫޕީ، ބާސާގެ ޔަމާލްގެ އިތުރުން އެސްޓަން ވިލާގެ ޖޮހާން މަމްޒަމްބީ އަދި ބަޔާންގެ އިބްރާހީމް މާޒާއާއި ފްރާންސްގެ ވޮރެސްނ ޒައޭ-އެމެރީ ހިމެނެއެވެ.
އެންމެ މޮޅު ކީޕަރަށް ވާދަކުރަނީ ޔަސީން ބޯނޫއާއި ތިބޯ ކޯޓުއާ، ޖޮއާން ގާސިއާގެ އިތުރުން ކޭޕް ވާޑްގެ ގޯލް ބެލެހެއްޓި ވޮޒީނިއާ، ގްރެގޯ ކޮބެލް، އެމިލިއާނޯ މާޓިނޭޒް، އެޑުއާޑް މެންޑީ، ޑޭވިޑް ރާޔާ، މަޓްވޭ ސަފޮނޯވް، އުނައި ސިމޮންއެވެ.

ބެލޮންޑިއޯ އެވޯޑު
ބެލޮންޑިއޯ އެވޯޑު
ބެލޮންޑިއޯ އެވޯޑު
ބެލޮންޑިއޯ އެވޯޑު
ކޮމެންޓް