ގައުމަކަށް މޮޅާއި ލާބަ ލިބެނީ އެ ބައެއްގެ ތެރޭގައި އަށަގަނެފައިވާ އަހުލާގީ ސިފަތަކުގެ ސަބަބުން ކަމަށް، ހެރިޓޭޓް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

"އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފުތިތާހުކުރުމަށް މާފަންނު ސްޓޭޑިއަމްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މިނސްޓަރު ހީނާ ވިދާޅުވީ އެ މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ޒަމާނުންސުރެ ދިވެހިންގެ ތެރޭގައި އޮތް އިސްލާމީ އަދަބު އަހުލާގުގެ ރިވެތި މިނގަނޑުތައް މުޖުތަމައުގައި އަލުން އަށަގެންނެވުން ކަމަށެވެ. މިއީ ދިވެހި ލޮބުވެތި ވަތަނާއި އަންނަން އޮތް ޖީލުތަކުގެ ދެމިއޮތުމަށްޓަކައި އިންސާނީ ބިނާކުރުމަށް ފެށުނު މުހިންމު މަސައްކަތެއްކަންވެސް ފާހަގަކުރެއްވިއެވެ.

ފުޅާ ދާއިރާއެއްގައި މިފަދަ މަޝްރޫއެއް ކުރިއަށް ގެންދާއިރު، މާޒީއަށާއި މިއަދުގެ ހާލަތަށް ބަލައިލުން މުހިންމުކަމަށް މިނިސްޓަރު ހީނާ ވިދާޅުވިއެވެ. އެގޮތުން، ރާއްޖެއަށް ޒިޔާރަތްކުރި ބައެއް ފަރާތްތަކުންވެސް ދިވެހިންނަކީ އަބަދުވެސް ރިވެތި ހަލޯރަތެއްގެ ބައެއްކަން ފާހަގަކޮށްފައިވާކަން ހަނދާންކޮށްދެއްވިއެވެ.

މިނިސްޓަރު ހީނާ ވިދާޅުވީ، ހަލޯރަތެއްގެ ވެރިބަޔަކަށް ވުމުގެ އަސްލަކީ ހަމައެކަނި ފެންނަން ހުންނަ އުމްރާނީ ތަރައްގީ ނޫން ކަމަށާއި، އޭގެ ބިންގަލަކީ އެ ބައެއްގެ ކިބައިގައި ހުންނަ އަހުލާގާއި މީހުންނާ މުއާމަލާތުކުރާ ގޮތް ކަމަށެވެ.

އަދަބާއި އިހުތިރާމަކީ އިންސާނީ މުޖުތަމައެއްގެ ފުރާނަކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ އެއީ އެހެން މީހުންގެ އިހުސާސްތަކަށް ހިތް ހުޅުވާލައި، އެ މީހުންގެ ހާލަތު ބަލައިގަތުންކަމަށެވެ. އަދި އިހުތިރާމަކީ އަނެކާގެ އިންސާނިއްޔަތުކަމަށް ދެވޭ އެންމެ ފުރިހަމަ ގަދަރާއި ލޯބި ކަމަށާއި އޭގެ ސަބަބުން ގުޅުން އުފެދުމާއި އިތުބާރު ގާއިމުވުމަށް މަގުފަހިވާކަމަށް ވިދާޅުވިއެވެ.

"އިހުތިރާމްއަކީ ފައިސާއިން އަގުނުކުރެވޭ ކޮނޑުއަޅައިގެން ނުއުފުލޭ ދުލުން ބަޔާން ނުކުރެވޭ، ހިސާބުން އަދަދު ނުކުރެވޭ ހަދިޔާއެއްކަމަށް. މިއީ އިންސާނާގެ ރީތިކަމުގެ ސިފަތަކުން އެންމެ ރީތި ސިފަ. މި ސިފަތައް ލިބިފައިވާ ފަރުދުންގެ މައްޗަށް އެކުލެވޭ ގައުމީ މުޖުތަމައުވާނީ ކޮންފަދަ ނަސީބުވެރި މުޖުތަމައުއަކަށްތޯ" ހިނާ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ކޮންމެ މީހަކީވެސް އިހުތިރާމް އަދާކުރާ މުޖުތަމައުގެ ބައިވެރިއަކަށް ވުމަކީ މުހިންމު ކަމެއް ކަމަށެވެ.