ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގަން ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއާ ބެހޭގޮތުން، އާންމުން ދެކޭ ގޮތެއް ބެލުމަށްޓަކައި ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރިއަލް އެސްޓޭޓް ބިލުގައި ވަރަށް ސާފުކޮށް ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތީ ބާރު ހިމާޔަތް ކުރެވިގެންދާނެ ގޮތް ބަޔާންކޮށްފައިވާނެ ކަމަށެވެ.
"ރިފަރަންޑަމް ކަންތަކުގައި، މިކަމަކީ (ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގަން ހަމަޖެހިފައިވާ މަޝްރޫއު)އަކީ އަޅުގަނޑުމެން ރިފަރަންޑަމެއް ނަގާނެ، ރިފަރަންޑަމެއް ނަގާނެ ކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ ހައްގުތައް އަންނަން އޮތް ޖީލުތަކަށް ވެސް ރައްކާތެރި ކުރުމަށް ނިންމާފައިވާ ކަންކަން މި ބިލުގައި އަށްވަނަ ބާބުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަސާސެއް ނެތް ހިޔާލީ ވާހަކަތަކެއް ސިޔާސީ ބޭނުމުގައި ދައްކަމުންދާކަން އެއީ އިދިކޮޅު ފަރާތްތަކުން އެ ކުރާ ކަންކަމާ ދޭތެރޭ ދެންނެވެން އޮތް ވާހަކައަކީ،" ރައީސް ވިދާޅުވިއެވެ.
ރައީސް މިގޮތަށް ވިދާޅުވެފައިވާ އިރު، ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގަން ހަމަޖެހިފައިވާ މަޝްރޫއާ ބެހޭގޮތުން، އާންމުން ދެކޭ ގޮތެއް ބެލުމަށްޓަކައި އާންމު ވޯޓަކަށް ދިޔުމަށް ގޮވާލައި ގަރާރެއް އިދިކޮޅު އެމްޑީޕީން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ