ކަނޑުގެ ލޮނުގަނޑު އުފުލުމުން ރާއްޖެއަށް ކުރިމަތިވެފައިވާ ނުރައްކާތަކުން ރަށްތަކާއި ރައްޔިތުން ހިމާޔަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައި، މޫސުމީ ނާޒުކުކަމުން ރާއްޖޭގެ މުސްތަގުބަލު ކަނޑައެޅިގެން ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތުރުކީގައި ކުރިއަށްދާ ދުނިޔޭގެ ވެރިން ބައިވެރިވާ މޫސުމީ ބަދަލުގެ ބައިނަލްއަގުވާމީ ކޮންފަރެންސް، ކޮޕް 31 ގެ ތެރެއިން، ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅިގެން އައްސޭރިފަށުގެ ވިލުންވެރިކަން އިތުރުކުރުމާ ބެހޭގޮތުން ޔޫއެން ގްލޯބަލް ސެންޓާ ފޮ ކްލައިމެޓް މޮބިލިޓީ (ޖީސީސީއެމް) އިން ބޭއްވި ސެޝަންގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ސިފަކުރެއްވީ ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ތަރައްގީއަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށާއި، ރާއްޖެ ދެމިއޮތުމަށް އޮތް ސީދާ ނުރައްކަލެއް ކަމަށެވެ.

ރާއްޖޭގެ ރަށްތަކަކީ ހަމައެކަނި ބިންކޮޅެއް ނޫން ކަމަށާއި، އެއީ ދިވެހިންގެ ގެދޮރާއި ތާރީހާއި ޝަހުސިއްޔަތު ރަމްޒުކޮށްދޭ ތަންތަން ކަމުގައި ރައީސް ވިދާޅުވިއެވެ. ގައުމުގެ ސަރަހައްދުން ކިތަންމެ ކުޑަ ތަންކޮޅެއް ގެއްލުނު ނަމަވެސް، އެކަމުގެ އަސަރު ސިޔާދަތާއި ތަރިކައަށާއި ކުރިމަގަށް ކުރާނެ ކަމަށާއި، ދިވެހިން އެމީހުންގެ ރަށްތަކުގައި ދިރިއުޅުމުގެ ހައްގު ރައްކާތެރިކުރުމަކީ ގައުމީ އެންމެ މުހިންމު އެއް އިސްކަން ކަމުގައި ވިދާޅުވިއެވެ.

ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ގޮނޑުދޮށް ހިމާޔަތްކުރުމާއެކު، ގުދުރަތީ ގޮތުން އައްސޭރި ދިފާއުކޮށްދޭ ފަރުތަކާއި ކުޅިތައް ރައްކާތެރިކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި ރަށު ފެންވަރުގައި މޫސުމީ ބަދަލުތަކަށް ތައްޔާރުވުމަށް ބޭނުންވާ ޑޭޓާއާއި މާލީ ވަސީލަތްތައް މުޖުތަމައުތަކަށް ލިބެންޖެހޭ ކަމަށް ވިދާޅުވިއެވެ.

ގައުމީ ފެންވަރުގެ މަޝްރޫއުތަކަށް ބައްލަވައިލައްވަމުން ރައީސް ވިދާޅުވީ، ހުޅުމާލެއަކީ ބިން އުސްކޮށް ތަރައްގީކޮށްފައިވާ، ރާއްޖޭގެ މޫސުމީ ރައްކާތެރިކަމަށް ކުރެވުނު އިސްތިރާޖީ އިންވެސްޓްމެންޓެއް ކަމަށެވެ. ހަމައެހެންމެ ރަސްމާލެ ތަރައްގީކުރެވެމުންދަނީ ލޮނުގަނޑު އުފުލޭނެ ކަމަށް ލަފާކުރެވޭ މިންވަރަށްވުރެ އުސްކޮށް، ކާބަން ދަށް، އިއާދަކުރެނިވި ހަކަތައިން ބާރުލިބޭ އީކޯ ސިޓީއެއް ގޮތުގައި ކަމަށް ވިދާޅުވިއެވެ.

މި މަޝްރޫއުތަކަކީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ބަދަލުކުރެއްވުމުގެ ތަސައްވުރާ ގުޅިފައިވާ މަޝްރޫއުތައް ކަމަށާއި، ކާރިސާތަކަށް ފަހު ފިޔަވަޅު އެޅުމުގެ ބަދަލުގައި ތަރައްގީގެ ތެރޭގައި މޫސުމީ ވިލުންވެރިކަން ހިމެނެންޖެހޭ ކަމަށް ރައީސް ބާރުއެޅުއްވިއެވެ.

މޫސުމީ ބަދަލުގެ ސަބަބުން އާބާދީ ބަދަލުވާންޖެހޭ ހާލަތްތައް މޫސުމީ ޕްލޭންތަކުގައި ހިމެނުމަށް ގޮވާލައްވަމުން ރައީސް ވިދާޅުވީ، މޫސުމީ ފައިނޭންސް އެކަށީގެންވާ، ލަފާކުރެވޭ، ފަސޭހައިން ލިބެން ހުންނަ ގޮތަކަށް ބައްޓަންކުރަންޖެހޭ ކަމަށެވެ. މޫސުމީ ބަދަލުތަކަށް ހޭނުމަށް ލިބޭ އެހީ ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދޭންޖެހޭ ކަމަށާއި، އެއީ ސަދަގާތެއް ނޫން ކަމަށެވެ. އެއީ މޫސުމީ އިންސާފުގެ މައްސަލައެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ، ކުރިއަށް އޮތް ޖީލުތަކަށް ކާބަފައިންގެ ބިމުގައި ދިރިއުޅެ، ބިނާކޮށް، ކުރިއެރުމުގެ ފުރުސަތު ކަށަވަރުކޮށްދެއްވުމަށް ރާއްޖޭގެ ރަށްތައް ހިމާޔަތްކުރެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.