ޗައިނާގެ ތިއަންގޮންގް ޖަވާޒީ ސްޓޭޝަނަށް ދިޔަ ޕާކިސްތާނުގެ ފުރަތަމަ އެސްޓްރޮނޯޓް މުހައްމަދު ޒީޝާން އަލީއަށް ހާއްސަކޮށްގެން 100 އަށްވުރެ ގިނަ ބާވަތުގެ ހަލާލު ކާނާ ޗައިނާއިން ތައްޔާރުކޮށްފިއެވެ.

މިއީ ޗައިނާގެ ޖަވާޒީ ސްޓޭޝަނަށް ޒިޔާރަތްކުރި ބޭރު ގައުމެއްގެ ފުރަތަމަ އެސްޓްރޮނޯޓަށް ހާއްސަކޮށްގެން މިފަދަ މެނޫއެއް އެކުލަވައިލި ފުރަތަމަ ފަހަރެވެ. މި މެނޫގެ ތެރޭގައި ދެކުނު އޭޝިއާގެ މަގުބޫލު ކާނާގެ ބާވަތްތައް ކަމަށްވާ ބަޓާ ޗިކަންއާއި ބީފް ނިހާރީ އަދި ލޭމްބް ކުރްމާ ހިމަނައިފައިވެއެވެ.

ޕާކިސްތާނުގެ އެއާފޯސް އޮފިސަރު މުހައްމަދު ޒީޝާން އަލީ ތިއަންގޮންގް ސްޓޭޝަނަށް ދިޔައީ ޝެންޜޫ-24 ރޮކެޓުގައި ޗައިނާގެ ދެ އެސްޓްރޮނޯޓުންނާ އެކުގައެވެ. އެމީހުނަށް ސްޓޭޝަނުން މަރުހަބާ ކީ ކުރިން އެތަނުގައި ތިބި ޝެންޜޫ-23 މިޝަންގެ ތިން އެސްޓްރޮނޯޓުންނެވެ.

މި ކާނާ ތައްޔާރުކޮށްފައިވަނީ ޗައިނާގެ އެސްޓްރޮނޯޓް ރިސާޗް އެންޑް ޓްރެއިނިން ސެންޓަރުން އިސްނަގައިގެން އިސްލާމީ ހަލާލު މިންގަނޑުތަކަށް ފުރިހަމައަށް ފެތޭގޮތަށެވެ. ކާނާގެ ރަހައާއި ނިއުޓްރިޝަން ހިފެހެއްޓުމަށްޓަކައި ސައިންސްވެރިން ވަނީ ގިނަ ދިރާސާތަކެއް ކޮށްފައި ކަމަށް ހަބަރުތައް ބުނެއެވެ.