ފަލަސްތީނުގެ ބިމުގައި އިޒްރޭލުގެ ނަމުގައި 14 މެއި 1948 ގައި ޔަހޫދީ ދައުލަތެއް ގާއިމު ކުރެވުނު ފަހުން ފާއިތުވެގެންދިޔަ 78 އަހަރުގެ ތެރޭގައި 14 މީހަކު އިޒްރޭލުގެ ބޮޑުވަޒީރުކަން ކޮށްފިއެވެ. ބެންޖަމިން ނަތަންޔާހޫވެސް ހިމެނޭގޮތުންނެވެ. އެ އެންމެންނަކީވެސް އަޝްކެނާޒީންނެވެ. އިޒްރޭލުގެ ޔަހޫދީން ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ ޔޫރަޕުގެ ނަސްލުގެ ދޮން ޔަހޫދީންނާއި މެދުއިރުމަތީ އެކިހިސާބުތަކަށް ނިސްބަތްވާ ޔަހޫދީންނެވެ. ޔޫރަޕަށް ނިސްބަތްވަންޏާ އެއީ އަޝްކެނާޒީއެކެވެ. މެދުއިރުމައްޗަށް ނިސްބަތްވަންޏާ އެއީ މިޒްރާހީއެކެވެ. ކުރިންވެސް ބަޔާން ކުރެވުނު ފަދައިން އިޒްރޭލުގެ ބޮޑުވަޒީރުކަން މިހާތަނަށް ކުރަމުން އަންނަނީ ނުވަތަ ކޮށްފައިވަނީ މުޅިންވެސް ޔޫރަޕަށް ނިސްބަތްވާ ދޮން ޔަހޫދީންނެވެ. އަޝްކެނާޒީންނެވެ. އެކަން އެހެންއޮތަސް ޔަހޫދީންގެ ތެރެއިން އަޝްކެނާޒީންގެ ނިސްބަތަކީ ގާތްގަޑަކަށް ސާޅީސް އިންސައްތައެވެ. އަނެެއް ފަސްދޮޅަސް އިންސައްތަޔަކީ މިޒްރާހީންނެވެ.

ދޮން ޔަހޫދީންގެ ވިސްނުމުގައި ސާހިބުންނަކީ އެބައިމީހުންނެވެ. މިޒްރާހީންނަކީ ޚާދިމުންނެވެ. ކޮންމެއަކަސް އިޒްރޭލުގެ މިދެންނެވި ސިޔާސީ ސަގާފަތު ނިމެން މިހާރު ވަރަށް ގާތްވެއްޖެއެވެ. އިޒްރޭލުގެ ތާރީޚުގައި ފުރަތަމައަށް މިޒްރާހީއަކު ބޮޑުވަޒީރުކަމުގެ ހުވާކުރުން ދެންއޮތީ ނުހަނު ގާތުގައެވެ. އެމީހަކީ ގާދީ އެއިޒަންކޮޓެވެ. އިޒްރޭލުގައި ހުސްވި އޮކްޓޫބަރު 27 ވަނަ ދުވަހު ބޭއްވުނު އިންތިޚާބަށްފަހު މިހަފުތާގެ އާދީއްތަ ދުވަހު އެގައުމުގެ ރައީސް އިސާކް ހެޒޮގް ވަނީ އައު ސަރުކާރެއް އެކުލަވައިލުމުގެ ދައުވަތު އެއިޒަންކޮޓަށް ދީފަައެވެ. ޕާލަމެންޓުގެ ޖުމްލަ 120 މެންބަރުންގެ ތެރެއިން 67 މެންބަރުންގެ ތާއީދު އޭނާއަށް އޮތްކަމަށް ފެނިގެންނެވެ. ނުވަތަ އެތާއީދު އޮތްކަމަށް ބުނެގެންނެވެ. ސަރުކާރެއް އެކުލަވައިލުމަށް އެއިޒަންކޮޓަށް އޮތީ އަށާވީސް ދުވަހުގެ މުއްދަތެކެވެ. އިޒްރޭލުގެ އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް އަދި ކޯލިޝަނަކަށް އަޣުލަބިއްޔަތެއް ނުލިބެއެވެ. ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ކަނާތުފިޔައިގެ ބައިގަޑަށް ނެގުނީ 53 ގޮނޑިއެވެ.

އެއިޒަންކޮޓާއި އޭނާގެ ވާތުފިޔައިގެ އިއްތިހާދަށް ނެގުނީ 48 ގޮނޑިއެވެ. އަނެއް 19 ގޮނޑި ނެގީ އަރަބި ޕާޓީތަކުންނެވެ. ނަތަންޔާހޫގެ ބައިގަނޑުގައި ހިމެނުނު ދީނީ ޕާޓީއަކުން ވަނީ ފަހުން ނަތަންޔާހޫއާ ދުރަށް ޖެހިލައިފައެވެ. އެހެންވީމާ ޕާލަމެންޓުގައި މިހާރު ނަތަންޔާހޫއަށް ތާއީދުކުރާ ތިބީ 53 މެންބަރުންނެއް ނޫނެވެ. އޭނާއަށް ހަތް ގޮނޑި ގެއްލުނީމާ އެއަދަދު ވަނީ މިހާރު ސާޅީސް ހަޔަކަށް ތިރިވެފަައެވެ. އެގޮތުން ރައީސް އިސާކް ހެޒޮގް ސަރުކާރެއް އެކުލަވައިލުމުގެ ދައުވަތު އެދިނީ މިހާރު ޕާލަމެންޓުގައި އެންމެ ގިނަ ގޮނޑި ލިބިފައިވާ ކޯލިޝަނުގެ ވެރިޔަކީ އެއިޒަންކޮޓް ކަމަށްވާތީ އޭނާއަށެވެ. ޕާލަމެންޓުގެ 67 ގޮނޑީގެ ތާއީދު އޭނާއަށް އޮތްކަމަށް ބެލެވެނީ އަރަބި ޕާޓީތަކުގެ 19 ގޮނޑިވެސް ލައިގެންނެވެ. އަރަބި ޕާޓީތަކުން ވަނީ އެއިޒަންކޮޓަށް ތާއީދުކުރަން ނިންމައި އެކަން އިއުލާނުވެސް ކޮށްފައެވެ. އެތާއީދަކީ ރަސްމީގޮތުން ކޯލިޝަނެއްގެ ތެރެއިން ކުރާ ތާއީދެއް ނޫނެވެ. "އައުޓް ސައިޑް" ތާއީދެކެވެ.

މިދެންނެވި މަގުން މިތާއީދާއި މި އަޣުލަބިއްޔަތު ލިބުނީމާ ކުރިއަށްއޮތް އަށާވީސް ދުވަހުގެ ތެރޭގައި ނުވަތަ އެއަށްވުރެވެސް ކުރީގައި އެއިޒަންކޮޓް ސަރުކާރެއް އެކުލަވާލައި ޕާލަމެންޓުގެ އިތުބާރުވެސް ހޯދައި މަގާމުގެ ހުވާކުރާނެކަން ގާތްގަޑަކަށް ކަށަވަރެވެ. ކުރިންވެސް ބަޔާންކުރެވުނު ފަދައިން އޭނާ ވާނީ އިޒްރޭލުގެ ތާރީޚުގައި ފުރަތަމަ މިޒްރާހީ ބޮޑުވަޒީރަށެވެ. އަދި އަރަބި ޕާޓީތަކުގެ ބާރުގައި މަގާމަށް އަންނަ ފުރަތަމަ ބޮޑުވަޒީރަށެވެ. އުމުރުން 66 އަހަރުވީ އެއިޒަންކޮޓަކީ ކާކުބާވައެވެ. އޭނާ ވަނީ އެންމެ ޒުވާން އުމުރުން ފެށިގެން ޖުމްލަ 41 އަހަރު އިޒްރޭލުގެ އަސްކަރިއްޔާގައި ޚިދުމަތްކޮށްފައެވެ. އޭގެތެރެއިން އެންމެ ފަހު ހަތަރު އަހަރުގައި އޭނާއަކީ އިޒްރޭލުގެ އަސްކަރިއްޔާގެ އެންމެއިސް ވެރިޔާއެވެ. ކޮމާންޑަރެވެ. އިޒްރޭލުގެ އަސްކަރިއްޔާ ނުވަތަ އައިޑީއެފްގެ ޗީފް އޮފް ސްޓާފްގެ މަގާމު އަދާކުރީ 2015 އިން 2019 އަށެވެ. އަސްކަރިއްޔާއިން ރިޓަޔަރ ކުރުމަށްފަހު ދެން ހަރަކާތްތެރިވާން ފެށީ ސިޔާސީ ދާއިރާގައެވެ.

އެއިޒަންކޮޓްގެ ޕާޓީއަކީ ޔަޝާރު ޕާޓީއެވެ. މިއީ 2025 ވަނަ އަހަރު އޭނާ އަމިއްލަޔަށް އުފެއްދި އައު ޕާޓީއެކެވެ. އެންމެފަހުގެ އިންތިޚާބުގައި މި ޕާޓީއަށް އެކަނިވެސް ޕާލަމެންޓުގެ 21 ގޮނޑި ލިބިފައިވެއެވެ. މި އިންތިޚާބުގައި ޔަޝާރު ޕާޓީ ވާދަކުރީ އަދި އިތުރު ތިން ޕާޓީއަކާ އިއްތިހާދު ވެގެންނެވެ. މިއެންމެން އެކުވީމާ ނެގިފަައިވަނީ ޕާލަމެންޓުގެ 48 ގޮނޑިއެވެ. މިހިސާބުން ދެން ބަލައިލާނީ މިޒްރާހީއަކަށް އެއިޒަންކޮޓް ވަނީ ކޮންގޮތަކުންތޯއެވެ. މިޒްރާހީއަކަށް ވަނީ އޭނާގެ މައިންބަފައިންގެ ފުށުންނެވެ. އެއިޒަންކޮޓްގެ ބައްޕަ މެޔާ އެއިޒަންކޮޓާއި މަންމަ އެސްތަރ އެއިޒަންކޮޓް ނިސްބަތްވަނީ އަރަބި ގައުމެއް ކަމަށްވާ މޮރޮކޯއަށެވެ. އެސްތަރ އަކީ މޮރޮކޯގެ ކަސަބްލަންކާގެ މީހެކެވެ. މެޔާއަކީ މޮރޮކޯގެ މަރާކިޝްގެ މީހެކެވެ. އެދެމީހުންވެސް މޮރޮކޯ ދޫކޮށް އިޒްރޭލަށް ހިޖުރަކުރީ 1957 ވަނަ އަހަރުއެވެ. ބުނެވޭގޮތުން މަންމަޔާއި ބައްޕަގެ ފުށުން އެއިޒަންކޮޓާއި ވަރަށް ތިމާގެ މީހުން މިހާރުވެސް މަރާކިޝްއާއި ކަސަބްލަންކާގައި އެބަތިއްބެވެ.

އެއިޒަންކޮޓަކީ ޔަހޫދީއަކަށްވިޔަސް އޭނާގެ ފެށުން ގުޅިފައިއޮތީ އަރަބި މޮރޮކޯއާ ކަމަށްވާތީ މިފަހަރުގެ އިންތިޚާބީ ކެމްޕޭނުގައި ނަތަންޔާހޫގެ ބައިވެރިން ވަނީ ނަސްލީގޮތުން އެއިޒަންކޮޓާ ވަރަށް ބޮޑަށް ދިމާކޮށްފައެވެ. މޮރޮކޯގެ ރާމާމަކުނެކޭ ބުނެ މަލާމާތްވެސް ކޮށްފައިވެއެވެ. އަޝްކެނާޒީ ސާހިބުންގެ މަތިން ހަނދާންނައްތައިލި ހަރާންކޯރެކޭވެސް ބުނެފައިވެއެވެ. ހަގީގަތުގައި މިހިރަ މިހިރަ ކަންތައްތަކުން އެއިޒަންކޮޓްގެ ޕާޓީއަށް ލިބުނު ވޯޓުވީ އިތުރެވެ. މިޒްރާހީންގެ ވޯޓުވީ އިތުރެވެ. ނަތަންޔާހޫ ބަލިވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބަކަށްވެސް މިކަންވިއެވެ. އެއިޒަންކޮޓާއި އޭނާގެ އާއިލާއަކީ މޮރޮކޯގެ މަކުނު އާއިލާއެކޭ ނަތަންޔާހޫގެ ބައިވެރިން ބުނެފައިވާއިރު ގާޒާގައި ނަތަންޔާހޫ ހިންގަމުންދާ ޣައިރުގާނޫނީ ހަގުރާމައިގައި އެއިޒަންކޮޓްގެ އުފަންދަރިޔަކާއި އޭނާއަށް ބޮޑުބޭބެކިޔާ ދެ މީހަކު ހިމެނޭހެން އެއާއިލާގެ ޖުމްލަ ތިން މީހަކު ވަނީ މަރުވެފައެވެ. އިޒްރޭލުގެ ސިފައިންގެ ތެރެއިންނެވެ.