މޫޑީޒްއިން ރާއްޖޭގެ ރޭޓިން މަތިކުރުމާ ގުޅިގެން، ބޭރުގެ މާލީ އިދާރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެކޭގޮތް ވަރަށް ބޮޑަށް ޕޮޒިޓިވް ވެފައިވާކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި "އަހާ" ފޯރަމުގެ 10ވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ ރާއްޖޭގެ ދަރަނިތައް ބަރާބަރަށް ދައްކައި، މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު މި މަހުގެ އަށްވަނަ ދުވަހު މޫޑީޒްއިން ވަނީ ރާއްޖޭގެ ރޭޓިން "ސީއޭއޭ1" އަށް މަތިކޮށްދީފައި ކަމަށެވެ.

ޒަރީރު ވިދާޅުވީ މިއީ ސަރުކާރުގެ އިގްތިސޯދީ އިސްލާހީ އެޖެންޑާއަށް ލިބުނު ބޮޑު ތާއީދެއް ކަމަށެވެ. ރާއްޖޭގެ ކްރެޑިޓް ރޭޓިން އެންމެ ފުރަތަމަ 2016 ގައި ހެދިއިރު ބީ ޕްލަސް ގައި އޮތުމަށްފަހު ފަހަކަށް އައިސް ދަށަށް ގޮސްފައި އޮތް ނަމަވެސް، މި ފަހަރު ލިބުނު ކުރިއެރުމާއެކު ބައިނަލްއަގުވާމީ މާލީ ބާޒާރުން ފައިސާ ހޯދަން ފަސޭހަވެގެން ގޮސްފައިވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ރޭޓިންގެ އަޕްގްރޭޑިން ލިބުނު ފަހުން ބައްދަލުވި ދުނިޔޭގެ އެކި އެކި މާލީ އިދާރާތަކުން ވަރަށް ޕޮޒިޓިވްކޮށް މިކަން ފާހަގަކޮށް، ދައުލަތަށް ބޭނުންވާ ފައިނޭންޝަލް ފެސިލިޓީތައް ފޯރުކޮށްދިނުމުގައި ވަރަށް ޕޮޒިޓިވްކޮށް ވިސްނާކަން ފާހަގަކުރެވޭ،" ޒަރީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ބަޖެޓް ޑެފިސިޓް ހަތް ޕަސެންޓަށް ތިރިކުރުން ކަމުގައި ވިޔަސް، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ދަތިތަކާއެކު މިހާރު މަސައްކަތް ކުރަމުންދަނީ 10 ޕަސެންޓަށް ވުރެ ދަށުގައި ޑެފިސިޓް ހިފެހެއްޓުމަށް ކަމަށެވެ.