ދައުލަތުން 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރުގެ ސުކޫކު އަނބުރާ ދެއްކިގޮތުގެ މައުލޫމާތު ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ހާމަކުރައްވައިފިއެވެ.

ސުކޫކުގެ އަސްލު އަގާއި އިންޓްރެސްޓާ އެކު ދައްކަން ޖެހުނު ޖުމްލަ 525 މިލިއަން ޑޮލަރު ދެއްކުމަށް އެސްޑީއެފާއި ރިޒާވް ބޭނުންކުރި ނަމަވެސް، އެއިން ވަކިވަކިން ހޭދަކުރި އަދަދު މީގެ ކުރިން ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

މިރޭ ބޭއްވި "އަހާ" ފޯރަމުގެ 10ވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ އިންޓްރެސްޓާއެކު ދައްކަން ޖެހުނު އެ 525 މިލިއަން ޑޮލަރުގެ ސްކޫކު ދެއްކުމަށް ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު (އެސްޑީއެފް)އިން 350 މިލިއަން ޑޮލަރު އަދި ރަސްމީ ރިޒާވުން 175 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށެވެ.

ޒަރީރު ވިދާޅުވީ މި ސަރުކާރުގެ ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި، މި މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ދަރަނި އަދާކުރުމަށް ޖުމްލަ 1.4 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށެވެ.

މިއަހަރަކީ ދަރަނީގެ ގޮތުން ބުރަ އަހަރެއް ކަމަށާއި، ނަމަވެސް ދަރަނިތަކުގެ ބޮޑު ބައެއް މިއަހަރު ދައްކާފައިވާތީ، ކުރިއަށް އޮތް ދުވަސްތަކުގައި ދައުލަތުގެ މާލިއްޔަތަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސުކޫކުގެ އިތުރުންވެސް، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ތެރެއިން ދައްކަން ބާކީ އޮތް 50 މިލިއަން ޑޮލަރުވެސް މި އަހަރު ވަނީ އެސްޑީއެފް މެދުވެރިކޮށް އެއްކޮށް ދައްކައި ނިންމާލާފައެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތުގެ އާމްދަނީ ކުރީ އަހަރަށް ވުރެ 10 ޕަސަންޓް އިތުރުވެ، އިގްތިސޯދަށް އުންމީދީ ކުރިއެރުމެއް ފެނިގެންދިޔަ ކަމަށެވެ.

ނަމަވެސް، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ދަތުރުފަތުރާއި މުދާ އުފުލުމުގެ ހަރަދުތަކަށް އައި ބަދަލުތަކުގެ ނޭދެވޭ އަސަރު ރާއްޖޭގެ މާލީ ހާލަތަށްވެސް ކުރިކަމަށް ޒަރީރު ވިދާޅުވިއެވެ.