ދައުލަތުގެ ދަރަނި އަދާކުރުމަށް މި ސަރުކާރުން މިހާތަނަށް 1.42 ބިލިއަން ޑޮލަރު ދައްކައި، ދަރަނީގެ ބުރަ ކުޑަކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި "އަހާ" ފޯރަމުގެ 10ވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ ދަރަނީގެ ގޮތުން މިއަހަރަކީ އެންމެ ބުރަ އަހަރު ނަމަވެސް، މިހާތަނަށް ހޯދުނު ކާމިޔާބީތަކާ އެކު ކުރިއަށް އޮތް ތަނުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

"މިއީ ގޮންޖެހުންތަކެއް ހުރި އަހަރަކަށްވީ ނަމަވެސް، އަޅުގަނޑުމެންނަށް މިހާރު ރަނގަޅު މިސްރާބަކަށް އިގުތިސޯދު ގެންދިއުމަށް ކުރަމުންދާ މަސައްކަތަށް އަލިމަގުތަކެއް ފެންނަން ފަށާފައިވަނީ،" ޒަރީޒު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިގުތިސޯދީ ކުރިމަގު އުޖާލާކަން ހާމަކޮށްދޭ އެއް ހެއްކަކީ ދާދިފަހުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުވުން ކަމަށެވެ. އެއީ ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި އެހެނިހެން ގައުމުތަކުންވެސް ރާއްޖެއާ މެދު އިތުބާރު ބޮޑުވަމުން އަންނަކަން ދައްކުވައިދޭ އަލިގަދަ ނިޝާނެއްކަމަށް ޒަރީރު ވިދާޅުވިއެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތަށް ރެކޯޑު މިންވަރަކަށް އާމްދަނީ ލިބި، އިގުތިސޯދީ ދުވެލި ވަރަށް ބާރަށް ކުރިއަށް ދިޔަކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސްް، ކަންކަން ބަދަލުވެގެން ދިޔައީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުންކަމަށް ޒަރީރު ވިދާޅުވިއެވެ.

އެގޮތުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެން ދިއުމާ ގުޅިގެން ސަބްސިޑީއަށް ކުރަންޖެހުނު ހޭދަ ވަރަށް ބޮޑަށް އިތުރުވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރުގެ ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ 2.9 ބިލިއަން ރުފިޔާ ނަމަވެސް، ތެލުގެ އަގަށް އައި ބަދަލުތަކާ އެކު މިހާތަނަށް ސަބްސިޑީއަށް އެކަނިވެސް 4.3 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކުރަން ޖެހިފައިވާކަމަށް ޒަރީރު ވިދާޅުވިއެވެ.