ދައުލަތަށް މިހާރު ލިބެމުންދާ އާމްދަނީން ކުރިއަށް ހުރި ދަރަނިތައް ދެއްކޭނެ ކަމަށާއި، ކުރިމަގުގައި ދަރަނި އަދާކުރުމުގައި ނުއުފުލޭ ވަރުގެ ބުރައެއް ކުރިމަތިނުވާނެކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި "އަހާ" ފޯރަމުގެ 10ވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ ދަރަނި އަދާކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ ވަރަށް ބޮޑަށް ދުރާލާ ރޭވިގެން ކަމަށެވެ. އެގޮތުން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ފައިސާ ޖަމާކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށާއި، ބޭރު ފައިސާއިން އަދާކުރަންޖެހޭ ދަރަނިތައް ގިނަވުމުން، ގާނޫނުތަކަށް ގެންނަ އިސްލާހުތަކުގެ އެހީގައި ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިތުރުކުރުމުގެ ފިޔަވަޅުތައް އަޅަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއަހަރަކީ ބޮޑެތި އަދަދުތަކުން ދަރަނި ދައްކަން ޖެހުނު އަހަރަކަށް ވިޔަސް، މި އަހަރު ނިމުމުން އެފަދަ ބޮޑެތި ތަކުލީފުތަކެއް ދެން ކުރިމައްޗެއްނުވާނެކަމަށް ޒަރީރު ވިދާޅުވިއެވެ. އަދި ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަސައްކަތްތަކާ އެކު، ރާއްޖެއަށް މިހާރު ލިބޭ އާމްދަނީން ކުރިއަށް ހުރި ދަރަނިތައް މެނޭޖުކުރެވޭނެކަމުގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށް ޒަރީރު ވިދާޅުވިއެވެ.
"އެހެންވީމަ އެ މަސައްކަތްތަކުގެ ތެރެއިން އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެނަށް ނުއުފުލޭ ވަރުގެ ބުރައެއް ދަރަނި ދެއްކުމުގައި މިހާރު ކުރިމަގުގައި ފެންނާނަކަށް ނެތް،" ޒަރީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ދަރަނިތައް އަދާކުރުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓިން އެޖެންސީ، މޫޑީޒްއިން ވަނީ ރާއްޖޭގެ ރޭޓިން ސީއޭއޭ2 އިން ސީއޭއޭ1 އަށް ދާދިފަހުން މަތިކޮށްފައެވެ. އެ އެޖެންސީން ފާހަގަކޮށްފައިވާ ގޮތުގައި، މި އަހަރުގެ އޭޕްރީލް މަހު އަދާކުރަންޖެހުނު 500 މިލިއަން ޑޮލަރުގެ ސުކޫކާއި، އެސްބީއައިއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދެ ޓީ-ބިލުގެ އިތުރުން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީ ވެސް ސަރުކާރުން ވަނީ ކާމިޔާބުކަމާއެކު ދައްކައި ހަލާސްކޮށްފައެވެ.
މީގެއިތުރުން އަބޫދާބީ ފަންޑުގެ 100 މިލިއަން ޑޮލަރުގެ ދަރަނި ދެއްކުމުގެ މުއްދަތު ވަނީ 2031 އަށް ފަސްކުރެވިފައެވެ. މި ބޮޑެތި ދަރަނިތައް ދެއްކުމާ ގުޅިގެން، ވޭތުވެދިޔަ އަހަރުގެ ނިޔަލަށް 2.8 ބިލިއަން ޑޮލަރުގައި (ޖީޑީޕީގެ 35 ޕަސަންޓް) ހުރި ބޭރުގެ ދަރަނި، މި އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް އައިއިރު ވަނީ 2.4 ބިލިއަން ޑޮލަރަށް (ޖީޑީޕީގެ 30 ޕަސަންޓް) ތިރިކުރެވިފައެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ޓޫރިޒަމްގެ އާމްދަނީއަށް އައި ލޮޅުންތަކާ ގުޅިގެން އިގުތިސޯދީ އިސްލާހީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ވޯލްޑް ބޭންކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އެހީތެރިކަމަށް ރާއްޖެއިން އެދިފައިވާއިރު، މި އަހަރު ދައްކަންޖެހޭ ޖުމްލަ 1.1 ބިލިއަން ޑޮލަރުގެ ދަރަނީގެ ތެރެއިން، މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް 10.1 ބިލިއަން ރުފިޔާ ދަރަނި އަދާކުރުމަށް ވަނީ ހަރަދުކޮށްފައެވެ.
މުހައްމަދު އިޝާން
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ކޮމެންޓް