ސިނަމާލެ ބްރިޖު ހައިވޭގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުން ދިޔަ ފުލުސް އޮފިސަރެއްގެ ގައިގައި ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް ލިބުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހަކު ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 4:29 ހާއިރުއެވެ. މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައި ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވުމަށް ފުލުހުން ޖަހާފައިވާ ވެހިކަލް ޗެކްޕޮއިންޓާ ދިމާލުން، ގަޑިއަކު 100 ކިލޯމީޓަރަށް ވުރެ ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ވަނީ ޗެކްޕޮއިންޓުގައި ޖަހާފައި ހުރި ބެރިކޭޑުގައި ޖެހިފައެވެ. އަދި އެތަނުގައި ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގައި ވެސް އެ ސައިކަލުން ވަނީ ޖެހިފައެވެ. މި ހާދިސާގައި އޮފިސަރުގެ މޫނުމައްޗަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ އިރު، އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

މި ހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. މި މައްސަލައާ ގުޅިގެން ކޯޓުން ބަންދުގެ މުއްދަތު ޖަހާފައިވަނީ ހދ. ކުޅުދުއްފުށި، އުއްދަޑިމާގެ، އުމުރުން 20 އަހަރުގެ އަބްދުﷲ ސައްމާހް ހަސަން ސާދިގާއި، ކ. ގާފަރު، މަލަ، އުމުރުން 30 އަހަރުގެ އަހްމަދު ސިނާޒްގެ އިތުރުން މި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވިގެން ފަހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 21 އަހަރުގެ ދެ ދިވެހި ފިރިހެނުންނެވެ. އެއީ ސ. ހިތަދޫ، ފެނީވާ، އަހުމަދު މާއިޝް މުހައްމަދު މާހިރާއި ހ. ފިލްމީސައިޓް، އަނޫފް ބިން މުހައްމަދެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި އޮފިސަރުގެ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިނީ އަބްދުﷲ ސައްމާހް ހަސަން ސާދިގެވެ. އަދި އަހްމަދު ސިނާޒަކީ އެ ސައިކަލުގެ ފަހަތުގައި އިން މީހާއެވެ. ފުލުހުން ވަނީ އެ ދެމީހުންގެ ފޮޓޯ އާންމުކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި މި ހަތަރު މީހުންގެ ވެސް ކުޑަކަމުދާ ތަކެތީގެ ވަގުތީ ނަތީޖާއިން ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައެވެ. މި މައްސަލަ ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

މި މައްސަލައިގައި ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު ތުހުމަތުކުރައްވާފައިވަނީ، ފުލުހުންނަށް އަމާޒުކޮށް އަނިޔާދިނުމަށް ގަސްދުގައި ހިންގި އެކްސިޑެންޓެއްގެ ގޮތުގައެވެ. ސީޕީ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި މިހާތަނަށް ބެލިބެލުމުން މިއީ ގަސްތުގައި ހިންގާފައިވާ އަމަލެއްކަން ފާހަގަވެއެވެ.

ސީޕީ ވިދާޅުވީ މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ހިންގަމުންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، ފުލުހުން ނަފްސާނީ ގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއް ކަމަށެވެ.

ނަމަވެސް، ފުލުހުންނަށް އަމާޒުކޮށް ކުރިމަތިކުރުވާ ޖިސްމާނީ އަދި ނަފްސާނީ ބިރުދެއްކުންތަކަށް ފަސްނުޖެހި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަތިކޮށްފައިވާ ގާނޫނީ ވާޖިބު އަދާކުރުމުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން ސީޕީ ވަނީ ދެއްވަފައެވެ. އަދި ފުލުހުންގެ މަސައްކަތްތައް ހުއްޓުވުމަށް ހިންގާ މިފަދަ ކަންކަމަށް ފަސްނުޖެހި، މެދުކެނޑުމެއް ނެތި އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށާއި، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު އަޅާ ގާނޫނީ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާނެ ކަމަށްވެސް ސީޕީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.