ސައޫދީ އަރަބިއްޔާގެ މައްކާ ސަރަހައްދަށް ނުރައްކަލުގެ އިންޒާރު ނެރުމަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި އިންޒާރު އުވާލުމާ ގުޅިގެން، މައްކާއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ޔަމަނުގެ ހޫތީ ޖަމާއަތުގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާ މެދުވެރިކުރައްވައި ނެރުއްވި ބަޔާނެއްގައި ޔަހްޔާ ސަރީއު ވިދާޅުވީ ހޫތީންގެ އަސްކަރީ ހަރަކާތްތައް އަމާޒުކުރަނީ ސައޫދީގެ އަސްކަރީ މަރުކަޒުތަކަށާއި ތެޔޮ އުފައްދާ ކާރުޚާނާތަކަށް އެކަނި ކަމަށެވެ. އިސްލާމީ މުޤައްދަސް ބިންތަކުގެ ހުރުމަތް ޔަމަނުގެ ރައްޔިތުން އަބަދުވެސް ހިފަހައްޓާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބަޔާން ނެރެފައިވަނީ ސައޫދީގެ ސިވިލް ޑިފެންސް މެދުވެރިކޮށް މައްކާ ސަރަހައްދަށް ނުރައްކަލެއް އޮތް ކަމަށް ބުނެ އިންޒާރު ދިނުމަށްފަހު، މަދު މިނެޓުކޮޅެއްގެ ތެރޭގައި އެ އިންޒާރު އުވާލުމާ ގުޅިގެންނެވެ. ސައޫދީ ކޯލިޝަނުން ބުނެފައިވަނީ ހޫތީން ފޮނުވާލި 4 މިސައިލާއި ދްރޯން ވައިގެ ތެރެއިން ވައްޓާލާފައިވާ ކަމަށެވެ.
ހޫތީންގެ ތަރުޖަމާނު އިތުރަށް ވިދާޅުވީ ސައޫދީ އަރަބިއްޔާގެ ވައިގެ ސަރަހައްދަކީ އަސްކަރީ އޮޕަރޭޝަންތައް ހިންގާ ސަރަހައްދަކަށް ވާތީ އެއާލައިންތަކުން ސަމާލުވާން ޖެހޭ ކަމަށެވެ. ނަމަވެސް މައްކާއާއި މަދީނާގެ މަތިން އޮންނަ ވައިގެ ސަރަހައްދު އެ އިންޒާރުން އިސްތިސްނާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެފަރާތުގެ ދެމެދުގައި ހަމަލާތައް ވަރުގަދަވެފައިވަނީ ސައޫދީ ކޯލިޝަނުން ޔަމަނުގެ ހުދައިދާ ބަނދަރަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. މިއާއެކު ސައޫދީގެ އެކި ސަރަހައްދުތަކަށް ހޫތީން ދެމުންދާ ހަމަލާތައް ވަނީ އިތުރުވެފައެވެ.
ކޮމެންޓް