ހއ.އުތީމު ނޫރާނީހިޔާ އަލީ އާތިފް (ނޮވެކްސަ މޯލްޑިވްސް) އިން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) އަށް ފޯރުކޮށްދީފައިވާ މުދަލާއި ހިދުމަތްތަކަށް ދައްކަން ޖެހި ނުދައްކައި އޮތް 16.1 މިލިޔަން ރުފިޔާގެ ދަރަނި އެފަރާތަށް ދައްކައި ހަލާސްކޮށްފިއެވެ.

މި މައްސަލައަކީ 16 އޭޕްރީލް 2024 އާއި ހަމައަށް އެ ފަރާތުން އާރުޑީސީއަށް ފޯރުކޮށްދީފައިވާ މުދަލާއި ހިދުމަތްތަކަށް ނުދައްކައި އޮތް 16.1 މިލިޔަން ރުފިޔާ އާއި އިންވޮއިސްތަކާ އެއްގޮތަށް ފައިސާ ނުދެއްކުމުގެ ސަބަބުން މަދަނީ އިޖުރައަތުގެ ގާނޫނުގެ ދަށުން ޝަރީއަތަށް ފެންނަ އިންސާފުވެރި އަދަދެއް ކަނޑައަޅައި ނަގައިދިނުމަށް އަދި ގާނޫނީ ވަކީލަށް ހަރަދު ކުރަން ޖެހޭ 1.6 މިލިޔަން ރުފިޔާ ހޯދުމަށް އަލީ އާތިފް (ނޮވެކްސަ މޯލްޑިވްސް) އިން އާރުޑީސީގެ މައްޗަށް ކުރި ދައުވާގެ މައްސަލައެކެވެ.

މި މައްސަލައާ ގުޅިގެން އާރުޑީސީން ދައުވާގެ ބަޔަކަށް އެއްބަސް ވެ، މަޝްވަރާކޮށްގެން ދެފަރާތުން އެއްބަސްވާ ގޮތެއްގެމަތީން ކޮންމެ މަހަކުވެސް އެ މަހަކަށް ޖެހޭ އަދަދަށްވުރެ މަދުނޫން އަދަދެއް ދައްކައި ހަލާސްކުރުމަށް އާރުޑީސީން އެއްބަސްވިއެވެ.

އެ ފައިސާ ދައްކަން އާރުޑީސީން އެއްބަސްވި ނަމަވެސް، ފައިސާ ދައްކާނެ މުއްދަތެއް އާރުޑީސީން ހުށަހަޅާފައި ނުވާތީ، އާރުޑީސީން އިއުތިރާފުވި ފައިސާ މި މައްސަލައިގެ ހުކުމް ކުރާތާ 30 ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް އާރުޑިސީއަށް އަންގައި އަމުރުކޮށްދިނުމަށާއި، ގާނޫނީ ވަކީލަށް ހަރަދު ކުރަން ޖެހޭ މިންވަރު ޝަރީއަތުގެ ހަރަދުގެ ގޮތުގައި 1.6 މލިޔަން ރުފިޔާ ނަގައިދިނުމަށް އަލީ އާތިފް (ނޮވެކްސަ މޯލްޑިވްސް) އިން ކޯޓަށް ހުށަހެޅިއެވެ.

އެކަމާ ގުޅިގެން އާރުޑީސީން ބުނީ 16.1 މިލިއަން ރުފިޔާއަކީ ދައްކަން ޖެހޭ ފައިސާއެއް ކަމަށެވެ. ނަމަވެސް ވަކީލުގެ ފީގެ ގޮތުގައި ހުށަހަޅާފައިވާ 1.6 މިލިޔަން ރުފިޔާއަކީ މާބޮޑު އަދަދަކަށް ވާތީ ވަކީލުގެ ފީ ޝަރީއަތުން ނިންމައިދިނުމަށާއި ކުންފުނީގެ މާލީ ހާލަތު ހުރިގޮތުން ފައިސާ ދައްކަން ލުއިގޮތްތަކެއް ހަދައިދިނުމަށްވެސް އެދުނެވެ.

މި މައްސަލައިގައި 26 ސެޕްޓެމްބަރު 2024 ގައި ސިވިލްކޯޓުން ހުކުމްކުރީ، 16.1 މިިލިޔަން ރުފިޔާ އާއި މި މައްސަލައިގައި ގާނޫނީ ފިޔަވަޅު އެޅުމާ ގުޅިގެން ޝަރީއަތުގެ ހަރަދުގެ ގޮތުގައި ގާނޫނީ ވަކީލަށް ހޭދަކޮށްފައިވާ 15،000 ރުފިޔާ އަކީ އާރުޑީސީން އަލީ އާތިފް (ނޮވެކްސާ މޯލްޑިވްސް) އަށް ދައްކަން ޖެހޭ ފައިސާކަމަށް ކަނޑައަޅާ ކަމަށެވެ. އަދި 26 ސެޕްޓެމްބަރު 2024 ދުވަހުން ފެށިގެން ދެ މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކު އެ މަހަކަށް ޖެހޭ ވަރަށްވުރެ މަދުނޫން އަދަދެއް ސިވިލްކޯޓަށް ދައްކަމުން ގޮސް މި ފައިސާ ހަލާސް ކުރުމަށްވެސް ހުކުމްގައި އާރުޑީސީއަށް އެންގިއެވެ.

ނަމަވެސް ދެ އަހަރު ވީއިރުވެސް ހުކުމާ އެއްގޮތަށް އާރުޑީސީން ފައިސާ ނުދައްކާ ކަމަށްބުނެ ކޯޓު މެދުވެރިކޮށް ހުކުމް ތަންފީޒު ކޮށްދިނުމަށް އެދި އަލީ އާތިފް (ނޮވެކްސާ މޯލްޑިވްސް) ގެ ފަރާތުން ސިވިލްކޯޓަށް މައްސަލަ ހުށަހެޅިއެވެ.

އެކަމާ ގުޅިގެން ސިވިލްކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެފައިސާ މިހާރު އާރުޑީސީން ދައްކާފައިވާތީ ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒު ވެފައިވާ ކަމަށް ކަނޑައަޅާ ކަމަށެވެ.