ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ވަޒީފާއިން ވަކިކުރި 24 މީހަކު، އެ ކުންފުންނާ ދެކޮޅަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމަށްޓަކައި ނެރެދިނުމަށް އެދުނު ވަގުތީ އަމުރު ނެރެދެވޭނެ ތަނެއް ނެތްކަމަށް ޓްރައިބިއުނަލުން ނިންމައިފިއެވެ.
މި މައްސަލަ ހުށަހެޅި ފަރާތްތަކުން ޓްރައިބިއުނަލްގައި އެދިފައި ވަނީ، އެމީހުން ވަޒީފާއިން ވަކި ކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ކަނޑައަޅައިދިނުމަށާއި، އެ ފަރާތްތަކުން އަދާކުރަމުންދިޔަ ވަޒީފާ އިއާދަކޮށްދިނުމަށާއި، އެއީ ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކެއް ކަމަށް ނުބެލުމަށް އާރުޑީސީގެ މައްޗަށް އަމުރުކޮށްދިނުމަށާއި، ވަޒީފާއިން ވަކިކުރިކަމަށް ބުނެފައިވާ މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަށެވެ.
ނަމަވެސް އެ މައްސަލަ ޓްރައިބިއުނަލުން ކުރިއަށް ގެންދާއިރު، އިތުރު ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އެ ފަރާތްތަކުން ޓްރައިބިއުނަލްގައި އެދިފައިވެއެވެ.
އެއީ އެ ފަރާތްތަކުގެ ވަޒީފާގެ އެއްބަސްވުމާއި، ވަޒީފާގެ ބަޔާނާއި، އާރުޑީސީގައި ރައްކާކޮށްފައިވާ، އެފަރާތްތަކާއި އާރުޑީސީއާ ދެމެދު ކޮށްފައިވާ މުއާމަލާތްތަކުގެ ހުރިހާ ލިޔެކިޔުމެއްގެ ކޮޕީ، ވަގުތުން ވަގުތަށް އެފަރާތްތަކަށް ހަވާލުކުރުމަށް އަމުރުކޮށްދިނުމަށެވެ. އެގޮތަށް އަމުރު ނުނެރެފިނަމަ، ލިބޭނެ ގެއްލުންތަކުގެ ތެރޭގައި، ވަޒީފާއިން ވަކިކުރުމުގެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމަށް އޮތް ފުރުސަތު ގެއްލުމާއި، ޓްރައިބިއުނަލްގައި އަދުލުވެރިކަމާއެކު ވަޒީފާއިން ވަކިކުރިކަން ސާބިތުކޮށްދިނުމަށް އޮތް ފުރުސަތު ގެއްލިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ވަޒީފާގެ އެއްބަސްވުމާއި، ވަޒީފާގެ ބަޔާނުގެ އިތުރުން ވަޒީފާއިން ވަކިކުރުމާ ގުޅިގެން ލިޔެކިޔުމުން މުއާމަލާތްކޮށްފައިވާ އެންމެހާ މުއާމަލާތްތައް ހޯދަން އެދޭކަމަށާއި، ޓްރައިބިއުނަލަށް، ހުށަހެޅޭ މައްސަލަތަކުގައި މުވައްޒިފަށް ލިބެމުންދިޔަ މުސާރަ އާއި އިނާޔަތްތައް ބަޔާންކޮށްދޭން ޖެހޭނީ އެ މައްސަލައެއް ހުށަހަޅާ ފަރާތަކުން ކަމަށްވާތީ އާއި އެއްބަސްވުމުގައިވާ އަސާސީ ކަންކަމާ ގުޅިގެން މި މައްސަލަތަކުގައި، ބަހުސް ކުރުން މުހިއްމު ކަމުގައި ދެކޭތީ ރިޑަންޑަންސީއާ ގުޅޭ ލިޔެކިޔުމަކީ މި މައްސަލަތަކާ ގުޅޭ މުހިއްމު ލިޔެކިޔުންތަކެއް ކަމަށްބުނެ، މި ލިޔެކިޔުންތައް ހުށަހެޅުމަށް އާރުޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އެފަރާތްތަކުން ވަނީ އެދިފައެވެ.
މައްސަލައާބެހޭ ވަގުތީ އަމުރާ ބެހޭގޮތުން އާރުޑީސީން ބުނެފައި ވަނީ، އެ ލިޔެކިޔުންތައް ނުލިބިއްޖެނަމަ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ފުރުސަތު ގެއްލޭނެކަމަށް އެމީހުން ބުނެފައިވާއިރު، މިހާރުވެސް މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މައްސަލަ ހުށަހެޅި ފަރާތްތަކަށް ގާނޫނީގޮތުން ހިމާޔަތް ލިބެން ޖެހޭ މައުލޫއީ ހައްގެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ.
ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގައި އެމީހާ ވަޒީފާއިން ވަކިކޮށްދިނީ ރަނގަޅަށް ކަން ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ސާބިތު ކޮށްދިނުމަކީ ވަޒީފާ ދޭ ފަރާތުގެ ޒިންމާއެ ކަމަށާއި، މައްސަލަ ހުށަހެޅި ފަރާތްތަކުން ބުނެފައިވާ ފަދަ ގެއްލުމެއް މި މައްސަލަތަކުގައި އެފަރާތްތަކަށް ލިބޭނެ ކަމަށް ނުދެކޭ ކަމަށްވެސް އާރުޑީސީން ވަނީ ބުނެފައެވެ.
އާރުޑީސީއާ އެ ފަރާތްތަކާ ދެމެދު ކުރެވިފައިވާ އެންމެހާ މުއާމަލާތްތަކުގެ ކޮޕީ ހުށަހެޅުމަށް އެދިފައިވާއިރު، މިއީ ވަރަށް ފުޅާކޮށް މާނަ ކުރެވިދާނެ ކަމެއް ކަމަށްވާތީ، ފޯރުކޮށްދޭން ބޭނުންވަނީ ވަކިން ކޮން ލިޔުކެއްކަން ނޭނގޭއިރު، މިފަދަ އަމުރުތެއް ޓްރައިބިއުނަލުން ނެރެދިފީނަމަ، އެއާ އެއްގޮތަށް އަމަލުކުރުމަށް އާރުޑީސީން ނުކުޅެދިގެންދާނެ ފަދަ އަމުރަކަށް ވެދާނެ ކަމަށްވެސް ބުނެފައިވެއެވެ.
މައްސަލައެއްގައި ވަގުތީ އަމުރަކަށް އެދޭނަމަ އެދެން ވާނީ ޓްރައިބިއުނަލްގައި އެކަމަށް ހާއްސަ ކޮށްފައިވާ ފޯމުން ކަމަށް ޓްރައިބިއުނަލްގެ ގަވާއިދުގައި ބުނެފައިވާއިރު، ވަގުތީ އަމުރު ނެރެދިނުމަށް މައްސަލަ ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައި ވަނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމުން ނޫން ކަމަށް ވާތީ، އެ 24 މީހުން ވަގުތީ އަމުރެއް ނެރެދިނުމަށް ހުށަހަޅާފައިވާ މައްސަލައަކީ އިޖުރާއަތްތަކާ ހިލާފަށް ހުށަހަޅާފައިވާ މައްސަލައެއް ކަަމަށްވެސް އާރުޑީސީން ބުނެފައިވެއެވެ.
މީގެ ތެެރެއިން ވަގުތީ އަމުރުގެ މައްސަލައިގައި ދެފަރާތުން ދެއްކި ވާހަކަތަކަށް ބަލައި، ޓްރައިބިއުނަލުން ބުނެފައި ވަނީ، ވަގުތީ އަމުރަށް އެދިފައިވަނީ، މައްސަލަ ހުށަހަޅާފޯމުން ކަަމަށް ވާތީ، އެއީ އިޖުރާއަތްތަކާ ހިލާފަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ބެލެވެން ނެތްކަމަށެވެ.
ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތު ކޮށްދިނުމަކީ ވަޒީފާ ދޭ ފަރާތުގެ ޒިންމާއެއް ކަމަށް ވަޒީފާއާބެހޭ ގާނޫނުގައި އޮންނާތީ، އެމީހުން ވަޒީފާއިން ވަކިކުރީ ރަނގަޅަށްކަން ސާބިތު ކޮށްދިނުމަކީ އާރުޑީސީގެ ޒިންމާއެއް ކަމަށްވެސް ބުނެފައިވެއެވެ. އަދި އެ ފަރާތްތަކުން ހޯދަން އެދިފައިވާ ލިޔުމަކީ ކޮބައިކަން ސާފުވާނެހެން، އެ ލިޔެކިޔުން ހޯދަން އެދޭ ސަބަބާއެކު، ހުށަހެޅުމުން އެއީ މި މައްސަލަތަކުގައި އަދުލުވެރި ފައިސަލާއަކަށް ވާސިލުވުމަށް ބޭނުން ލިޔުމެއް ކަމަށް މައްސަލަ ބަލާ މަޖިލީހަށް ފެންނަނަމަ، މި މައްސަލަތައް މައުލޫއީގޮތުން ކުރިއަށްދާ މަރުހަލާގައި، އެ ލިޔެކިޔުންތައް ހުށަހެޅުމަށް އާރުޑީސީގެ މައްޗަށް އަމުރު ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން އެ ފަރާތްތަކުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުލޫއީ ދައުވާ ލަސްވެގެން ހިނގައްޖެނަމަ މައްސަލަ ހުށަހެޅި ފަރާތްތަކަށް ކުރިމަތިވެދާނެ، އަދާ ނުކުރެވޭފަދަ އަދި އިއާދަ ނުކުރެވޭ ފަދަ ގެއްލުމެއް ނުވަތަ ނުރައްކަލެއް އޮތްކަމަށް ނުފެންނާތީ، މައްސަލަ ހުށަހެޅި ފަރާތްތަކުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރު ނެރެދެވޭނެ ތަނެއް ނެތްކަމަށް ޓްރައިބިއުނަލް ވަނީ ކަނޑައަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު