މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ ތުހުމަތަށް އިއްޔެ ހ. މާދޫގޭގެ ދެ ފަންގިފިލާއެއް ބަލައި ހޯދީ 834 ފުޅި ބަނގުރާކަން އެނގިއްޖެ އެވެ.

އެ މައްސަލައިގައި އިއްޔެ ފުލުހުން ވަނީ މާދޫގެ ގޭގެ ފުރަތަމަ ފަންގިފިލައާއި ފަސް ވަނަ ފަންގިފިލާ ބަލައިފާސްކޮށް ގުދަންކޮށްފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގެންފައެވެ. އޭގެ ތެރޭގައި އެކި ބްރޭންޑްތަކުގެ ބަނގުރާ ހިމެނެއެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގައި އިއްޔެ ހެނދުނު ދެ ބިދޭސީއަކު ހައްޔަރުކުރިއެވެ. އެ މައްސަލަޔާ ގުޅިގެން އޭގެ ފަހުންވެސް ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ:

  • އަލް އަމީން 34އ ބަންގްލްދޭޝް
  • ޕޮލިން 43އ ބަންގްލަދޭޝް
  • އެމްޑީ ރަކިބް ހޮސެން 25އ ބަންގްލަދޭޝް

ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭ ގޮތުގައި އެމްޑީ ރަކިބް ހޮސެއިންނަށް 15 ދުވަހުގެ ބަންދު ޖެހިއިރު އަނެއް ދެ މީހުންނަށް ޖެހީ ފަސް ދުވަހުގެ ބަންދެކެވެ. އެ އެންމެންނަށްވެސް ބަންދު ޖަހާފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ކޯޓު އަމުރުގައިވެއެވެ.

އެމްޑީ ރަކިބް ހޮސެއިންގެ ބަންދު އަމުރުން އެެނގޭ ގޮތުގައި ހ. މާދޫގޭގެ އެއްވަނަ ފަންގިފިލާއިން ފެނިފައިވަނީ 320 ފުޅި ބަނގުރަލެވެ. އަދި އެ ގޭގެ ފަސްވަނަ ފަންގިފިލާއިން ފެނިފައިވަނީ 504 ފުޅި ބަނގުލައެވެ. އެހެންކަމުން އެއީ އެކު ޖުމްލަ 824 ބަނގުރާ ފުޅިއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.