ހުޅުމާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތަކާއި، އަދި އަލަށް މަސައްކަތް ފަށާ ހުރިހާ ފަރާތްތަކުން ވެސް، އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް ކަންކަން އިސްލާހުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އާންމުކޮށް އަންގައިފިއެވެ.

އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، ސައިޓުތަކުގެ ސަލާމަތީ ކަންކަން ގަވާއިދާ އެއްގޮތަށް އިސްލާހުކުރުމަށް ދީފައިވާ އެންމެ ފަހުގެ ތާރީހަކީ 10 ނޮވެންބަރު 2026 އެވެ.

އެޗްޑީސީން މިގޮތަށް އަންގާފައިވަނީ، ދިވެހިރާއްޖޭގައި އިމާރާތްކުރުމުގެ މަސައްކަތްތައް ކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އިން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު 2019/R-156 އަށް އަމަލުކުރުމުގެ ގޮތުންނެވެ. މި ގަވާއިދަކީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ ގަވާއިދެއްކަން ވެސް އެ އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.

އެޗްޑީސީން ދީފައިވާ މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.