ރަޝިޔާއިން 60 ދުވަހުގެ މުއްދަތަކަށް ހަމަލާ ބަދަލުކުރުން މުޅިން ހުއްޓާލުމަށް އެއްބަސްވެއްޖެނަމަ ޔޫކްރޭނުގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް އެގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ އޭބީސީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެއްޖެއެވެ.

މި ބަޔާނަކީ ޔޫކްރޭނުގެ ވެރިކަމަށް ބަދަލެއް އަންނާން ޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން ޒެލެންސްކީ ދެއްވި ރައްދެކެވެ. ޒެލެންސްކީ ވިދާޅުވީ ޔޫކްރޭނުގެ ވެރިޔަކު ހޮވުމުގެ ފުރިހަމަ ހައްގު ލިބިގެންވަނީ އެގައުމުގެ ރައްޔިތުންނަށް ކަމަށެވެ.

ހަނގުރާމަ ހިނގަމުންދާ ވަގުތެއްގައި އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް އިންތިޚާބު ބޭއްވުމަކީ ގާނޫނީ ގޮތުންނާއި އަމަލީގޮތުން ދަތިތަކެއް ހުރި ކަމެއްކަން ޒެލެންސްކީ ފާހަގަކުރެއްވިއެވެ. ރަޝިއާއިން ހަމަލާތައް ކުރިއަށްގެންދާނަމަ ވޯޓުލާ މީހުންނަށް ރައްކާތެރިކަން ގާއިމުކޮށްދެވޭނީ 60 ދުވަހުގެ ހަމަލާބަދަލުކުރުން ހުއްޓާލުމަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ރަޝިއާގެ ފަރާތުން 2 މަސްދުވަހުގެ ހަމަލާބަދަލުކުރުން ހުއްޓާލުމެއް ހޯދައިދިނުމަށް ޒެލެންސްކީ ވަނީ ވޮޝިންޓަނަށް ގޮވާލައްވައިފައެވެ. އެފަދަ ހުއްޓުމެއް ލިބިއްޖެނަމަ، ރައްޔިތުން ނިންމާ ކޮންމެ ނިންމުމަކަށް އިހުތިރާމުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ބަޔާން ނެރެފައިވަނީ ބައިނަލްއަގުވާމީ އަސްކަރީ އެހީތެރިކަމާއި ސަރަހައްދީ ހަކަތައިގެ ވަސީލަތްތަކަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ސިޔާސީ ހަމަނުޖެހުން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ޔޫކްރޭނުން ބުނަމުންދަނީ ދިމުގުރާތީ ހަރަކާތްތައް ކުރިއަށް ގެންދެވޭނީ ފުރިހަމަ ސެކިއުރިޓީ ކަށަވަރުކުރެވިގެން ކަމަށެވެ.