ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ރައްދު ދެއްވައި، ރަސްމާލޭގައި ޔޫއޭއީގެ ކުންފުންޏަކުން ހިންގަން އުޅޭ މަޝްރޫއާ ދެކޮޅަށް ޔާމީން، އިދިކޮޅު އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ ގުޅިގެން ސުވާލު އުފައްދަވައިފިއެވެ.
އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ރައީސް ޔާމީނުގެ ވެރިކަމުގައި ސައުދީގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އޭރު އެމްޑީޕީ އިސްވެ ކުރި މަސައްކަތާއި، މިހާރު ރަސްމާލޭގެ މަޝްރޫއަށް ހުރަސް އެޅުމަށް ޔާމީން އިސްވެހުރެ އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ ދެމެދު ހުރި ތަފާތު ސާފުކޮށްދިނުމަށް ސުވާލު ކުރައްވާފައިވެއެވެ. އަދި އޭރާއި މިހާރު ޔާމީން ދައްކަވާ ވާހަކަތައް ދިމާވަނީ ކިހާވަރަކަށްތޯވެސް ސުވާލު އުފައްދަވާފައިވެއެވެ.
މީގެ އިތުރުން، ވެރިކަމުގެ ދަހިވެތިކަމުގައި އެމްޑީޕީން ގައުމާއި ރައްޔިތުންނަށް ގައްދާރުވިކަމަށް ޔާމީން ކުރިން ވިދާޅުވެފައިވާ އިރު، މިހާރު ހަމަ އެ ދަހިވެތިކަމުގައި ޔާމީނަށްވެސް ގައުމާއި ރައްޔިތުންނަށް ގައްދާރުވެވެނީ ނޫންތޯ އަބްދުއްރަހީމް ސުވާލު ކުރައްވާފައިވެއެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ތިމާއަށް ކުރެވޭ ކަންކަމާއި ދެއްކޭ ވާހަކަތައް އެނގިވަޑައިނުގަންނަ ހިސާބަށް ދިޔައީތޯވެސް ސުވާލު ކުރައްވާފައިވެއެވެ.
އަބްދުއްރަހީމް ވިދާޅުވެފައިވަނީ ދިވެހި ރައްޔިތުންނަކީ ބަޔަކު ޖަހާހާ ބެރަކަށް ނަށާވަރަށްވުރެ ތަސައްރުފު ފުދިފައި ތިބި ހަރުދަނާ ބައެއް ކަމަށާއި، ގައުމާ މެދު ވިސްނައި ފިކުރުކޮށް ރަނގަޅާއި ނުބައި ވަކިކުރަން ދަންނަ ބައެއް ކަމަށެވެ. "މާތްﷲ ގެ ތަނަވަސް ރަހުމަތްފުޅުން ރަސްމާލޭގެ މަޝްރޫއު ނުހުއްޓުވޭނެ" ކަމަށާއި، އިރާދަކުރެއްވިއްޔާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ލަހެއްނުވެ މި ބިޔަ މަޝްރޫއު ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
މި މަޝްރޫއު ކުރިއަށްދާނީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތީން ކަމަށާއި، މުސްތަގުބަލުގައި މީގެ ފުރިހަމަ ފައިދާ ދިވެހީންނަށް ލިބިގެންދާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ. ދިވެހީން ބޭނުންވަނީ ހަމަޖެހުމާއި ރައްކާތެރިކަމާއި ތަރައްގީ ކަމަށާއި، އޭނާގެ ޝިއާރަކީ "އެންމެ ފުރަތަމަ ގައުމު" ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި ހިންގާ 20 ބިލިއަން ޑޮލަރުގެ "މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" މަޝްރޫއުގެ ކޮމާޝަލް އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. ރަސްމާލެ މަޝްރޫއުން 10 އަހަރު ތެރޭގައި ދައުލަތަށް 11 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.
މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ
ކޮމެންޓް