ކްރިކެޓްގެ ގްރާސް ރޫޓް ހަރުދަނާ ކުރުމަށް މިހާރު އޮތް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ހާއްސަ ވިސްނުމެއް ގެންގުޅެމުންދާ ކަމަށާއި އަލަށް މުހިންމު ދެ ޕްރޮޖެކްޓެއް ހިންގަން ތައްޔާރުވެފައިވާ ކަމަށް އެ ބޯޑުގެ ރައީސް މުހައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ސީބީއެމްގެ ރައީސް ފައިސަލް އެހެން ވިދާޅުވީ ރޭ ބޭއްވި ކްރިކެޓް އިވްނިން ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ. ކްރިކެޓް އިވްނިންއަކީ ކްރިކެޓަށް އެކިއެކި ގޮތް ގޮތުން ހިދުމަތް ކޮށްދޭ ފަރާތްތަކުގެ އަގުވަޒަން ކުރުމަށާއި ކުޅުންތެރިންނަށް އެވޯޑް ދިނުމަށް ބާއްވަމުން އަންނަ ހަފުލާއެކެވެ. ރޭ ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.
މި އަހަރުގެ ކްރިކެޓް އިވްނިން ބާއްވާފައިވަނީ މެދުކެނޑުކަމަށްފަހުއެވެ. އެއީ ކޮވިޑް-19ގެ އިތުރުން އެހެނިހެން ބައެއް ހާލަތްތަކުގެ ސަބަބުންނެވެ. މި އަހަރުގެ އިވެންޓްގައި މިދިޔަ ތިން އަހަރުގެ އެވޯޑުތައް ދީފައިވެއެވެ.
ރޭގެ ހަފުލާގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ އާ ހިންގާ ކޮމިޓީގެ އެންމެ ބޮޑު އަމާޒަކީ ކްރިކެޓްގެ ބިންގާ ވަރުގަދަ ކުރުން ކަމަށާއި އާ ކަންތައްތަކެއް ކްރިކެޓަށް ތައާރަފު ކުރުމަށް މަގުކޮށުން ކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ ގްރާސް ރޫޓް ހަރުދަނާ ކުރުން ކަމަށާއި އެ މަސައްކަތް ހަރުދަނާ ކުރުމަށް ކްރިކެޓް އެކަޑެމީ އޮފް މޯލްޑިވްސް ގާއިމުކުރާނެ ކަމަށް ވިދާޅުވިއެވެ.
"މި ވަގުތު އެންމެ މުހިންމު ކަމަކަށް މިވަނީ ގްރާސް ރޫޓް ނޫނީ ޖޫނިއާ ކްރިކެޓް އާލާކުރުން. އެކަމަށްޓަކައި އަޅުގަނޑުމެން ދެ ކަމެއް މިރޭ ތައާރަފު ކުރެވިގެންދާނެ. ފުރަތަމަ ކަމަކީ ކްރިކެޓް އެކަޑެމީ އޮފް މޯލްޑިވްސް ގާއިމުކުރުން. މިއީ ކްރިކެޓް ޑެވަލޮޕްމަންޓްގައި މިހާރު ކުރިމަތިލާންޖެހޭ ގޮންޖެހުންތައް ގިރާކޮށް، އާ ވިސްނުން ތަކަކާއެކު ކުދިން ޑެވަލޮޕްކުރުމަށް މަސައްކަތް ކުރެވޭނެ އެކަޑެމީއެއް،" ފައިސަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކަޑެމީ ހިންގާނީ މިނިވަން ބަޔަކާ ހަވާލުކޮށްގެން ކަމަށާއި ނަމަވެސް އެ ޕްރޮޖެޓްގެ ބެލެނިވެރި ފަރާތަކީ ކްރިކެޓް ބޯޑު ކަމަށެވެ.
ރޭ އިއުލާނުކުރި އަނެއް ޕްރޮޖެކްޓަކީ "ސީޑް ޕްރޮޖެކްޓް" އެވެ. އެއީ ތިން އަހަރު ތެރޭގައި ރާއްޖޭގެ 25 ރަށެއްގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
އެ ޕްރޮޖެކްޓުގެ ތަފުސީލު ދެއްވަމުން ފައިސަލް ވިދާޅުވީ އެ ޕްރޮޖެކްޓްގެ އަމާޒަކީ 5،000 އާ ކްރިކެޓް ކުޅުންތެރިން އުފެއްދުން ކަމަށެވެ. އެގޮތުން ޖަމިއްޔާތަކާވެސް ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ އެ ޕްރޮޖެކްޓް ޔުނިސެފާއެކު ކުރިއަށް ގެންދަންވެސް މަޝްވަރާ ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ފައިސަލް އިތުރަށް ވިދާޅުވީ މި އަހަރު ރާއްޖޭގައި "މޯލްޑިވްސް ކްރިކެޓް ސިކްސަސް" ގެ ނަމުގައި ބައިނަލްއަގުވާމީ މުބާރާތެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
ރޭގެ ހަފުލާގައި ބައެއް އެއްބަސްވުންތަކުގައިވެސް ވަނީ ސޮއިކޮށްފައިވެއެވެ.
ފުރަތަމަ އެއްބަސްވުމަކީ ފުވައްމުލަކު ކްރިކެޓް ދަނޑު ތަރައްގީ ކުރުމަށް ސައުތު އޭޝިއާ ނެޓްވޯކް ލިމިޓެޑާ ހަވާލުކުރުމެވެ. އެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏާއެކު ރާއްޖޭގައި ޕްރިމިއާ ލީގެއްވެސް ބާއްވަން ވަނީ ނިންމައިފައެވެ. ދެވަނަ އެއްބަސްވުމަކީ އިންޑިއާގެ ކުންފުންޏަކާއެކު ގައުމީ ކްރިކެޓް ޓީމުތަކަށް އެޓެއާ ފޯރުކޮށްދިމަށް ހެދި އެއްބަސްވުމެކެވެ. ތިންވަނަ އެއްބަސްވުމަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއެކު ކްރިކެޓް ބޯޑުން ސޮއިކުރި އެއްބަސްވުމެވެ. އެއީ ގައުމީ ޓީމުތަކުގެ ޖާޒީ ސްޕޮންސާއެއްގެ ގޮތުގައެވެ. އެ ސްޕޮންސާޝިޕްގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް