ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވާން ބިސް ބުރުގެ ކުޅުންތެރިން ކެތްމަދުވެފައި ތިބި ކަމަށް ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނެފިއެވެ.

އިންޓަނޭޝަނަލް ބްރޭކަށްފަހު އަލުން ލީގު ފަށަން ތައްޔާރުވެފައިވާ އިރު، ބިސް ބުރަކީ މުޅިން އަލަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޓީމެކެވެ. އެޓީމަކީ މިދިޔަ ސީޒަނުގެ މާލޭ ރީޖަން ލީގު ޗެމްޕިއަނެވެ.

އަލަށް ލީގަށް އައިސް ބިސް ބުރުން އީގަލްސް ކައިރިން 3-1 އިން ބަލިވި ނަމަވެސް، ދެން ކުޅުނު މެޗުގައި ހއ. ދިއްދޫ ކައިރިން 1-0 އިން މޮޅުވިއެވެ.

"އަޅުގަނޑުމެން ބުރާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފަ މިއޮތީ. ބުރާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއްވެސް ކުޅެފަ އޮތުމާއެކު އެއަށް ބަލައިގެން މި ތައްޔާރުވަނީ. ބްރޭކް ތެރޭގައި ފިޓްނަސް ރަނގަޅަށް ޖައްސައިގެން ބުރާއެކު ކުޅެން ޕްލޭނެއް އެކުލަވާލެވިއްޖެ. ބުރު ކައިރިން މެޗު ނަގަން ކުޅުންތެރިން ކެތްމަދުވެފަ މިތިބީ،" ނާދު އިއްޔެގެ ޕްރެސްގައި ބުންޏެވެ.

ނާދު ފާހަގަކުރީ ޓީމަށް މިހާރު އިތުރު ގޯލްކީޕަރެއްވެސް ގުޅި، އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށެވެ. އެއީ ކުރިން ސްކޮޑުގައި ޖަހާފައި ތިބި ކުޅުންތެރިން ކަމަށް ނާދު ފާހަގަކުރިއެވެ.

ގައުމީ ދަނޑުގައި ބޭއްވި ޕްރެސްގައި ނާދު ބުނީ ޕުރަތަމަ ޑިވިޝަނުގައި ވާދަކުރާއިރު، ތާރީހެއް ނުވަތަ ނަމެއް އޮތުން އެއީ މުހިއްމުކަމެއް ކަމަށާއި، ބިސް ބުރުގެ ތާރީހެއް ފުރަތަމަ ޑިވިޝަނުގައި ނެތުން އެއީ ޗެލެންޖެއް ކަމަށެވެ.

"ފުރަތަމަ ޑިވިޝަނަށް ނުކުންނައިރު ނަމެއް ބޭނުންވާނެ. ނަން އެއީ މުހިއްމު އެޗެއް. އެއީ ތާރީހު. މިސާލަކަށް ބުރާއި އީގަލްސްގެ ނަމަކީވެސް މިހާރު ޕްރިމިއާ ލީގުގެ ނަންތައް. އެހެންވީމަ އެޓީމުތަކާ ދެކޮޅަށް ކުޅޭ އިރު ބިސް ބުރަށް އެ ޗެލެންޖް އޮންނާނެ. އެކަމަށް ދެން ކުޅުންތެރިން ތައްޔާރުކުރަމުން މި އަންނަނީ،" ނާދު ފާހަގަކުރިއެވެ.

ނާދު ބުނީ ލީގުގައި އެންމެ މަތީ ފަންތީގެ ޓީމުތަކަށްފަހު ދެން އޮތް ލެވެލްގައި ބިސް ބުރަށް ހިފަހައްޓާލެވޭނެކަމަށް ގަބޫލުކުރާ ކަމަށެވެ. އެގޮތުން "މިޑް ޓޭބަލް" ގައި ބިސް ބުރަށް ހިފަހައްޓާލެވޭނެ ކަން ގަބޫލުކުރާ ކަމަށްވެސް ކޯޗު ނާދު ފާހަގަކުރިއެވެ.

ބިސް ބުރާއި ބުރު ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.