ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް މިއަހަރުގެ ބަޖެޓުން ކަނޑައެޅި ފައިސާގެ ތެރެއިން ހަރަދުކޮށްފައިވަނީ 37 ޕަސަންޓުކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ހަފުތާގައި އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ދައުލަތުގެ ބަޖެޓުން ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކަށް މިއަހަރު 1.08 ބިލިއަން ރުފިޔާވަނީ ކަނޑައަޅައިފައެވެ. ނަމަވެސް، މިމަހުގެ 12 ވަނަ ދުވަހާ ހަމައަށް އެ ދާއިރާއިން ހަރަދުކޮށްފައިވަނީ 404 މިލިއަން ރުފިޔާކަމަށް ތަފާސްހިސާބުގައިވެއެވެ.

އެހެންކަމުން ބޯހިޔާވަހިކަމުގެ ބަޖެޓުގެ ބާކީ 63 ޕަސެންޓް އަދިވެސް އޮތީ ހަރަދުނުކުރެވިއެވެ.

މިއަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ޖުމްލަ 8.3 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް އޭގެތެރެއިން ބޭނުންކޮށްފައިވަނީ 5.3 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށްވުމެއްކަމަށް ތަފަސްހިސާބުގައިވެއެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި ޕީއެސްއައިޕީއަށްވަނީ ހަތް ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ.