ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ނުދައްކައި ހުރި 1.55 ބިލިއަން ރުފިޔާގެ ބިލުތައް ކުންފުނިތަކަށް ދެއްކެވި ކަމަށާއި، މިދިޔަ ތިން އަހަރުގެ ތެރޭގައި ޖުމްލަ 25.13 ބިލިއަން ރުފިޔާގެ ޕޭމަންޓު ހައްދަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ ގައުމުގެ އިގުތިސާދީ ހާލަތާ ގުޅޭގޮތުން ތަފްސީލީ ވާހަކަފުޅުދައްކަވައިފައެވެ.

އެގޮތުން، ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ބަޖެޓު ޑެފިސިޓް 10.5 އިންސައްތައިގައި ހުރިއިރު، 2025 ވަނަ އަހަރުގެ ބަޖެޓުގައި އެ އަދަދު 3.6 އިންސައްތައަށް ތިރިކުރެއްވި ކަމަށް ވިދާޅުވިއެވެ. ތެލުގެ އަގު ބޮޑުވުމާއި ހަނގުރާމައިގެ ސަބަބުން ބަޖެޓު ބެލެހެއްޓުމުގައި ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް، މިއަހަރު ޑެފިސިޓް 6.2 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށާއި، އަންނަ އަހަރު ފަސް އިންސައްތައަށްވުރެ ދަށްކުރެއްވުމަކީ ލަނޑުދަނޑިއެއް ކަމަށްވެސް ވިދާޅުވިއެވެ.

ދަރަނީގެ ވާހަކައަށް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވީ، ހަމައެކަނި މިއަހަރު 1.45 ބިލިއަން ޑޮލަރުގެ ދަރަނި ދެއްކެވި ކަމަށެވެ. ފާއިތުވި ތިން އަހަރު ދެއްކެވި ދަރަނީގެ ޖުމްލަ އަދަދަކީ، އޭގެ ކުރީ ދިހަ އަހަރާ އަޅައިބަލާއިރު 483 މިލިއަން ޑޮލަރު އިތުރު އަދަދެއް ކަމަށް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރިޒާވް ރެކޯޑް އަދަދެއް ކަމުގައިވާ 1.3 ބިލިއަނާ ހަމައަށް ގެންދެވުނު ކަމަށާއި، ކުރިއަށް އޮތް އަހަރުވެސް ރިޒާވް އިތުރުވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، 2028 ވަނަ އަހަރާ ހަމައަށް ދާއިރު ޑެޓް ޓު ޖީޑީޕީ 112 އިންސައްތައަށް ތިރިކުރެވޭނެ ކަމަށް އަންދާޒާކުރެއްވެއެވެ. އެއީ ކޮވިޑުގެ ކުރީގެ ހާލަތާ އެއްހަމައެއް ކަމަށާއި، ބައިނަލްއަގުވާމީ ފަރާތްތަކުންވެސް މިހާރުގެ ކުރިއެރުންތައް ފާހަގަކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސް ވަނީ ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތަކުން ގައުމަށް ލިބެމުންދާ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ.