ގިނަ އަދަދެއްގެ ދިވެހީން ގޮސް އުޅޭ ތައިލެންޑުގެ ވެރިރަށް ބެންކޮކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެއްވެސް ދިވެއްސަކަށް ގެއްލުން ނުވާ ކަމަށް ތައިލެންޑުގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނެފިއެވެ.
ތައިލެންޑަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެ ސިޓީއަކީ ކާރިސާގެ ހާލަތު މެދުވެރިވެފައިވާ ސަރަހައްދެއްގެ ގޮތުގައި އެ ސިޓީގެ ގަވަރުނަރު ޗަޑްޗާޓް ސިޓިޕުންޓް މިއަދު ވަނީ ކަނޑައަޅުއްވައިފިއެވެ.
ބެންކޮކްގެ 50 ޑިސްޓްރިކްޓް ވެސް ކާރިސާގެ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވާއިރު، މިއީ ފަހުގެ ތާރީހެއްގައި ބެންކޮކަށް މިހާ ބޮޑަށް ވިއްސާރަކޮށް، އާންމު ދިރިއުޅުމަށް މިހާ ބޮޑު ބުރުލެއް އެރި ފުރަތަމަ ފަހަރު ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ. ސިޓީގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ވިޔަފާރިތަކަށާއި އާންމު ހިދުމަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. ހާއްސަކޮށް މާލީ މުއާމަލާތްތައް ހިންގާ މައި މަރުކަޒުތަކަށް ދަތުރުކުރުމަށް ދަތިވުމުގެ ސަބަބުން އިގުތިސާދީ ގޮތުން ވެސް ގެއްލުންތަކެއް ލިބިދާނެ ކަމަށް މާހިރުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކުރެއެވެ.
މަގުތަކުގައި ފެންބޮޑުވެ، ދަތުރުފަތުރުގެ ނިޒާމަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފައެވެ. ބައެއް ކާރުތައް ފެނު އަޑިއަށް ގޮސްފައިވާއިރު، އާންމުންނަށް މަގުމަތީގައި އުޅެން ޖެހިފައިވަނީ އުނަގަނޑާ ހަމައަށް ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައެވެ.
ތައިލެންޑަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީގު "ވަން" އަށް މިރޭ ވިދާޅުވީ، ވިއްސާރައިގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.
"ނަމަވެސް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް މީހުންނަށް މޫވް ނުކުރެވިގެން، މި ދެންނެވީ އެއް ތަނުން އަނެއްތަނަށް ނުދެވި ތާށިވެގެން ރިޕޯޓުތަކެއް ކޮށްފައި އެބަހުރި." ފުއާދު ވިދާޅުވިއެވެ.
ބެންކޮކްގެ ގަވަރުނަރު ޗަޑްޗާޓް ސިޓިޕުންޓް ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، މި ކާރިސާގެ ސަބަބުން އާންމުންގެ ފުރާނައަށް ނުރައްކާވުމުގެ ބިރު އެބައޮތެވެ. މީގެ އިތުރުން، އާންމުންނާއި އަމިއްލަ ފަރާތްތަކުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ވުމުގެ ފުރުސަތު އޮތް ކަމަށާއި، އެންމެ ހާލަތު ގޯސްވެފައިވަނީ ލަޓް ޕްރާއޯ، ޕްރަވެޓް އަދި ސައެން ސައެޕް ފަދަ ކޯރުތަކާއި އެ ކޯރުތަކާ ގުޅިފައިވާ ސަރަހައްދުތަކުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އޭނާ ވަނީ އާންމުންނަށް އިލްތިމާސްކުރައްވައިފައެވެ. ފެން ހިންދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުންދިޔަ ނަމަވެސް، ވާރޭ ވެހޭ މިންވަރު އިތުރުވުމުގެ ސަބަބުން އެ މަސައްކަތަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، ސިކުންތަކު 1،200 ކިއުބިކް މީޓަރުގެ ފެން ބޭރުކުރެވޭ ވަރުގެ ޕަމްޕުތައް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ފެންބޮޑުވުމާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ މަސައްކަތް ތައިލެންޑުގެ އަސްކަރިއްޔާއިން ވަނީ ފުޅާ ދާއިރާއެއްގައި ފަށާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އަސްކަރިއްޔާއިން ބުނި ގޮތުގައި، ގެދޮރަށް ގެއްލުންވެފައިވާ ފަރާތްތަކަށް ވަގުތީ ހިޔާތަކާއި ކާބޯތަކެތި ފޯރުކޮށްދޭނެ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ހަމައެއާއެކު، ބެންކޮކް މެޓްރޮޕޮލިޓަން އެޑްމިނިސްޓްރޭޝަނުން ވަނީ އެ ސިޓީގެ އެކި ސަރަހައްދުތަކުގައި ހުރި ސްކޫލުތައް ވަގުތީ ހިޔާތަކުގެ ގޮތުގައި ހަމަޖައްސާފައެވެ. އަދި ކޮންމެހެން ކުރާންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އެ އިދާރާއިން ވަނީ އާންމުންނަށް އަންގާފައެވެ. މި ހާލަތާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސުޕަމާކެޓުތަކަށް ގޮސް ކާބޯތަކެއްޗާއި ޒަރޫރީ ސާމާނު އެއްކުރަމުންނެވެ. މީގެ ސަބަބުން ބައެއް ފިހާރަތަކުން މުދާ ހުސްވުމުގެ މައްސަލަތައް ވެސް ދަނީ ކުރިމަތިވަމުން ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. ކާބޯތަކެތީގެ ސަޕްލައި ޗޭނަށް ބުރޫއަރައިފާނެ ކަމުގެ ކަންބޮޑުވުން އާންމުންގެ މެދުގައި އޮތް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ދަތުރުފަތުރުކުރުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވީ ނަމަވެސް، ބެންކޮކްގެ މައި އެއާޕޯޓު ކަމަށްވާ ސުވަރްނަބޫމީ އެއާޕޯޓުގެ އޮޕަރޭޝަންތައް ކުރިއަށްދަނީ އާންމު އުސޫލުން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ނަމަވެސް، މަގުތަކުގައި ފެންބޮޑުވެފައިވުމުގެ ސަބަބުން އެއާޕޯޓަށް ދިއުމަށް އިތުރު ދެތިން ގަޑިއިރުގެ ވަގުތެއް ހޭދަވެދާނެ ކަމަށް ބަލައިގެން ދަތުރު ރޭވުމަށް ޓޫރިޒަމް އޮތޯރިޓީން ވަނީ ދަތުރުވެރިންނަށް އިރުޝާދު ދީފައެވެ. މީގެ އިތުރުން، ފްލައިޓުތަކުގެ ޝެޑިއުލަށް ބަދަލެއް އައިސްފައިވޭތޯ ބެލުމަށް އެއާލައިންތަކާ ގުޅައިގެން މައުލޫމާތު ސާފުކުރުމަށް ވެސް އެ އޮތޯރިޓީން ވަނީ އެދިފައެވެ. އެއާޕޯޓުގެ އެތެރޭގެ ހިދުމަތްތަކަށް ބުރޫއަރާފައި ނުވި ނަމަވެސް، މުވައްޒަފުންނަށް މަސައްކަތަށް ނުކުތުމަށް ދަތިތަކެއް ހުރި ކަމަށް އެއާޕޯޓުގެ އޮފިޝަލުން ފާހަގަކުރެއެވެ.
ސަރުކާރުން ވަނީ ކޯރުތަކާ ކައިރީގައި ދިރިއުޅޭ މީހުންގެ މުދާ ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމަށް އަންގައި، ކުއްލި އެލާޓެއް ނެރެފައެވެ.
ކުރިއަށް އޮތް ހަފުތާބަންދުގައި ވެސް ބެންކޮކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ތައިލެންޑުގެ މޫސުމާބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން، ފެންބޮޑުވުމުގެ މައްސަލަ އިތުރަށް ގޯސްވެދާނެ ކަމަށް ބަލައި، ކަމާބެހޭ އިދާރާތަކުން އަންނަނީ ތައްޔާރީތައް ވަމުންނެވެ.
އަލީ ޔާމިން
ބެންކޮކް
ބެންކޮކް
ބެންކޮކް
ބެންކޮކް
ކޮމެންޓް