އިނގިރޭސިވިލާތުގެ ނިއުކާސަލް ޔުނިވަސިޓީގެ ސަސްޓެއިނަބިލިޓީ ޕްރޮފެސަރެއްގެ މަގާމަށް، އިންޑިއާގެ ތެލުގެ ވިޔަފާރިކުރާ ބޮޑު ކުންފުންޏެއްގެ ވާރިސެއް ކަމަށްވާ އަނަންތު އަމްބާނީ އައްޔަންކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެ ޔުނިވަސިޓީއަށް އަމާޒުވެއްޖެއެވެ. އޭނާއަކީ އިންޑިއާގެ ތެލާއި ގޭހުގެ ސިނާއަތުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ އާއިލާއަކަށް ނިސްބަތްވާ މަހުޖަނެކެވެ.
ސަސްޓެއިނަބިލިޓީ ޕްރޮފެސަރުގެ މައިގަނޑު ޒިންމާއަކީ ޔުނިވަސިޓީގެ ތިމާވެށީގެ ސިޔާސަތުތައް އެކުލަވައިލުމާއި، މޫސުމީ ބަދަލުތަކާ ގުޅޭ ދިރާސާތަކަށް މަގުދެއްކުމެވެ.
ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ފޮސިލް ފިއުލްގެ ވިޔަފާރިން މަންފާ ހޯދާ އާއިލާއެއްގެ މެންބަރަކު ދެމެހެއްޓެނިވި ތަރައްގީއާ ގުޅޭ އިސް މަގާމަކަށް އައްޔަންކުރުމަކީ މަސްލަހަތު ފުށުއަރާ ކަމެކެވެ. މިއީ ތިމާވެއްޓަށް ގެއްލުންދޭ ކުންފުނިތަކުން އެ މީހުންގެ ތަސައްވުރު ރަނގަޅުކުރުމަށް ކުރާ މަސައްކަތެއް ކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރެއެވެ.
މި ފާޑުކިޔުންތަކާ ގުޅިގެން ނިއުކާސަލް ޔުނިވަސިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ މަގާމަށް މީހަކު އައްޔަންކޮށްފައިވަނީ އޭނާގެ ތައުލީމީ ފެންވަރާއި، ދެމެހެއްޓެނިވި ހަކަތައިގެ ދާއިރާއިން ހޯދާފައިވާ ތަޖުރިބާއަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ. ޔުނިވާސިޓީގެ އަމާޒަކީ ތިމާވެއްޓާ ރައްޓެހި ހަކަތައަށް ބަދަލުވުމުގެ މަރުހަލާގައި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ހިމެނުން ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި ޔުނިވަސިޓީގެ ބައެއް ދަރިވަރުންނާއި މުވައްޒަފުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މި ނިންމުމާ ދެކޮޅަށް ޔުނިވަސިޓީގެ ބައެއް ޖަމިއްޔާތަކުން ވަނީ އޮންލައިން ޕެޓިޝަނެއް ވެސް ފަށައިފައެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ޔުނިވަސިޓީގެ އިތުބާރު ގެއްލިދާނެ ކަމެކެވެ. މިހާރު ވެސް ގިނަ އަދަދެއްގެ ދަރިވަރުން މި ޕެޓިޝަނުގައި ސޮއިކޮށްފައިވާއިރު، މި ނިންމުން ބަދަލުކުރުމަށް އެ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ
ކޮމެންޓް