ދިވެހި ރައްޔިތުންނާ ފައިދާއެއް ލިބެން އޮންނަ ކޮންމެ ކަމަކަށް ހުރަސް އަޅާ ބަޔަކު އެބަތިބިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަަވަމުން ރައީސް މިރޭ ވިދާޅުވީ ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެއްވެސް ފަރާތަކަށް ބިން މިލްކު ނުކުރެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ސޮވެރިން ގަރަންޓީއެއް ނުދޭނެ ކަމަށެވެ. އަދި ސަރުކާރުން އެއްވެސް ލޯނެއް ނުނަގާނެ ކަމަށާއި، ޓެކްސް ކޮންސެޝަނެއް ނުވަތަ ޑިއުޓީ މާފުކުރުން ފަދަ އެއްވެސް ލުޔެއް އެ ކުންފުންޏަށް ދީފައި ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް ދީފައިވާ އެއްވެސް ގޯއްޗެއް ކެންސަލް ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަޝްރޫއާ ގުޅޭ ގޮތުން މިހާރު ފަތުރަމުންދަނީ ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ވަރަށް ގިނަ ވާހަކަތައް އެކި ގޮތްގޮތުން ދައްކާ މީ މި ޕްރޮޖެކްޓް މިތަނަށް އަޔަ ނުދިނުމަށްޓަކާ. މީ ވަރަށް ދެރަކަމެއް. ރާއްޖެއަށް ފައިދާވާން ހުރި ކަންތައްތަކެއް ވާން އުޅޭ ކޮންމެ ފަހަރަކު އެކަމަށް ހުރަސް މިއަޅަނީ" ރައީސް ވިދާޅުވިއެވެ.

ނަމަވެސް، މި މަޝްރޫއުއަށް އެފަދަ އެއްވެސް ހުރަހެއް އަޔަ ނުދޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު އަބަދުވެސް އިސްކުރާނީ ދިވެހިނާއި، ގައުމުގެ ތަރައްގީކަމަށް ރައީސް ވިދާޅުވިއެވެ.