ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އިސްލާހުކޮށް، އެ ޖަމިއްޔާގެ އެންމެ ބާރުގަދަ ގުނަވަން ކަމުގައިވާ ސަލާމަތީ މަޖިލީހުގެ މެންބަރު ގައުމުތަކަށް ލިބިފައިވާ ވީޓޯ ކުރުމުގެ ބާރު އުވާލައި އަދި، ކުދި ގައުމުތަކަށް އަމިއްލައަށް ނިންމުންތައް ނިންމުމުގެ ފުރުސަތު ދޭންޖެހޭކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
އެމެރިކާގެ، ނިއުޔޯކުގައި މިހާރު ކުރިއަށްދާ ޔޫއެންގެ 86 ވަނަ ޖެނެރަލް އެސެމްބްލީގައި ރާއްޖޭގެ ފަރާތުން ދެއްވި ތަގުރީރުގައި ނައިބު ރައީސް ވިދާޅުވީ އދ. އަށް އޮތް އިތުބާރު އިއާދަކުރެވޭނީ އެ ޖަމިއްޔާގެ ހިންގުމުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނެސް، ހަމަހަމަކަން ގާއިމުކޮށްގެން ކަމަށެވެ. ހާއްސަކޮށް، ސަލާމަތީ މަޖިލިސް މިހާރު އޮތް ގޮތުން ދުނިޔޭގެ ސުލްހައާއި އަމާންކަން ދެމެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
"ސަލާމަތީ މަޖިލީހަކީ މިއަދުގެ ދުނިޔެއަށް ގޮތް ނިންމާއިރު، 1945 ވަނަ އަހަރުގެ ދުނިޔެ ސިފަކޮށްދޭ ތަނަކަށް ވެގެންނުވާނެ" ނައިބު ރައީސް ވިދާޅުވިއެވެ.
ސަލާމަތީ މަޖިލީހުގެ ދާއިމީ އަދި ދާއިމީ ނޫން ގޮނޑިތައްވެސް އިތުރުކުރަންޖެހޭ ކަމަށާއި، ހާއްސަކޮށް ތަރައްގީވަމުންދާ ކުދި ޖަޒީރާ ގައުމުތަކަށް އެ މަޖިލީހުގައި ދާއިމީ ނޫން ގޮނޑިއެއް ދައުރުވާ ގޮތަށް އޮތުމަކީ މަޖުބޫރުކަމެއްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި އެފްރިކާ ބައްރަށް އެތައް އަހަރެއް ވަންދެން ނުލިބި އޮތް ހަމަހަމަ ތަމްސީލުކުރުމުގެ ފުރުސަތު މިހާރުން މިހާރަށް ފަހިކޮށްދޭންޖެހޭކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
"އެފްރިކާ ބައްރަށް އެތައް ދުވަހަކު ނުލިބި އޮތް ތަމްސީލުކުރުމުގެ ފުރުސަތު ލިބެންޖެހޭ. އަދި ވީޓޯގެ ބާރު އުވާލަންޖެހޭ. ތަމްސީލުކުރުމަކީ ހަމައެކަނި ރަމްޒީކަމެއް ނޫން. ނިންމުންތައް ނިންމާ މޭޒުދޮށުގައި ތިބޭ ބަޔަކަށް، މައްސަލަތައް ފެންނަ ގޮތް ތަފާތުވާނެ. ކުދި ގައުމުތަކަށް އެނގެނީ މޫސުމާއި، މާލީ ކަންކަމާއި، ވިޔަފާރިއާއި، ސަޕްލައި ޗެއިންތަކާއި، އަދި ސަލާމަތީ ކަންކަން ގުޅިލާމެހިފައިވާ މިންވަރު. އަދި ބައިނަލްއަގުވާމީ ގާނޫނަކީ ބާރުގަދަ ފަރާތްތަކުގެ ކުރިމަތީގައި އަޅުގަނޑުމެންނަށް އޮތް އެންމެ ވަރުގަދަ އައްޑަނަކަންވެސް އަޅުގަނޑުމެން ދަންނަން." ނައިބު ރައީސް ވިދާޅުވިއެވެ.
އަދި ގައުމެއްގެ ބާރު ނުވަތަ ސިޔާސީ ގުޅުންތަކަކީ އެ ގައުމެއް ޒިންމާދާރުކުރުވުމުން އިސްތިސްނާވާން އޮތް އައްޑަނައަކަށް ވެގެންނުވާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ރާއްޖެއިން ޔޫއެންގެގެ އެކި ގުނަވަންތަކުގެ ގޮނޑިތަކަށް ކުރިމަތިލާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިކަން ކުރަނީ ކުދި ގައުމުތަކަކީ ހަމައެކަނި ނިންމުންތަކަށް ތަބާވާ ބައެއްގެ ބަދަލުގައި، ނިންމުންތައް ނިންމާ ބަޔަކަށް ވާންޖެހޭނެތީ،" ނައިބު ރައީސް ވިދާޅުވިއެވެ.
ޔޫއެންގެ އިސްލާހީ ބަދަލުތައް ވާންޖެހޭނީ ހަމައެކަނި ލިޔެކިޔުންތަކެއްގައި އޮންނަ ބަދަލުތަކަކަށް ނޫން ކަމަށާއި، އެއީ ނަތީޖާ ނެރެދޭ މަސައްކަތްތަކަކަށް ވާންޖެހޭނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އަންހެނަކު އިންތިހާބުކުރުމަށް ރާއްޖެއިން ތާއީދުކުރާކަން ހާމަކުރައްވައި، އެއީ ޔޫއެންގެ ތާރީހުގައި ގެނެވޭނެ އެންމެ މުހިންމު އެއް ބަދަލުކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު
ކޮމެންޓް