ޖަޕާނުގެ އައިޗީ-ނަގޯޔާގައި ކުރިއަށްދާ އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، އޭޝިއަން ގޭމްސް 2026ގައި ރާއްޖޭގެ ފެތުންތެރިޔާ ލޫތު މުހައްމަދު ހުސައިން، ފެތުމުގެ ފިރިހެން 50 މީޓަރު ބްރެސްޓްސްޓްރޯކް ގައުމީ ރެކޯޑު އާކޮށްފިއެވެ.
ރާއްޖޭން މިފަހަރު އޭޝިއަން ގޭމްސްގެ ހަތް ކުޅިވަރެއްގައި ވާދަކުރަމުންދާ އިރު، އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗްވޮލީބޯޅަ، ޓޭބަލް ޓެނިސް، ސްވިމިން، ޝޫޓިން އަދި ސާފިންގައެވެ. މިފަހަރު ގޭމްސްގެ ސްވިމިން އިވެންޓްތައް ކުރިއަށް ދަނީ ޓޯކިޔޯގެ، ޓޯކިޔޯ އެކުއަޓިކް ސެންޓަރުގައެވެ.
މިއަދު އޮތް ފިރިހެނުންގެ 50 މީޓަރު ބްރެސްޓްސްޓްރޯކުގެ އެއްވަނަ ހީޓްގައި ވާދަކޮށް ލޫތު ރޭސް ނިންމީ 30.98 ސިކުންތުންނެވެ. 10 ފެތުންތެރިން ފެތި އެހީޓު ލޫތު ނިންމީ ހަތް ވަނައިގައެވެ.
މިއަދު އާކުރި ރެކޯޑަކީ ކުރިންވެސް ލޫތު އަތުގައި އޮތް ރެކޯޑެކެވެ. ލޫތު ކުރިން ރެކޯޑު ހަދާފައި އޮތީ މިއަހަރު އޮތް 23 ވަނަ ކޮމަންވެލްތު ގޭމްސްގައި 31.54 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މިފަހަރުގެ އޭޝިއަން ގޭމްސްގައި މިހާތަނަށް ރާއްޖޭގެ ފެތުންތެރިން ވަނީ ތިން ރެކޯޑެއް ހަދައިފައެވެ. އެއީ ލޫތު މިއަދު ހެދި ރެކޯޑުގެ އިތުރުން 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުން މުހައްމަދު ރިހާން ޝިހާމް ހެދި ރެކޯޑާއި އަންހެނުންގެ 100 މީޓަރު ބްރެސްޓްސްޓްރޯކުން މެރާލް އައިން ލަތީފް ހެދި ރެކޯޑެވެ.
މުޙައްމަދު ޝަމްޢޫން
އޭޝިއަން ގޭމްސް
އޭޝިއަން ގޭމްސް
އޭޝިއަން ގޭމްސް
ކޮމެންޓް