މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައި އެންމެ ހަ ދުވަހުގެ ތެރޭގައި ކެންސަރު ބަލީގައި ތިން ދިވެހިން މަރުވި ހަބަރަކީ މުޅި ގައުމަށް ލިބުނު ފުން ހިތާމައެކެވެ. މިއީ ދިވެހި ކޮންމެ އާއިލާއަކުންވެސް މިއަދު ތަހައްމަލުކުރަމުންދާ ބިރުވެރި ހަގީގަތެކެވެ. މީގެ ދިހަވަރަކަށް އަހަރު ކުރިން ކެންސަރަކީ ދޭތެރެއަކުން އިވޭ ނަމަކަށް ވިޔަސް، މިއަދު ކޮންމެ އާއިލާއެއްގައިވެސް ކެންސަރުގެ ވޭން ތަހައްމަލުކުރާ މީހަކު ހުރެއެވެ. ނުވަތަ އެ ބަލީގައި މީހަކު މަރުވެފައިވެއެވެ.

ޒުވާނުންނާއި ކުޑަކުދީންގެ މެދުގައި މި ބަލި ކުއްލިއަކަށް އާންމުވެ، ފިތްކަނޑައިގެންދާހާ ބިރުވެރި ހިސާބަކަށް ރާއްޖޭގެ ހާލަތު މިވަނީ ގޮސްފައެވެ. މިއީ ހަމައެކަނި ތަގުދީރާ ގުޅުވައިގެން ތިބެވެން އޮތް ކަމެއް ނޫންކަމާއި އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ކެއުންބުއިމާ މިކަމާ ފުން ގުޅުންތަކެއް ވާކަން މިހާރު ވަނީ ކަށަވަރުވެފައެވެ. ބަލީގެ ވޭނުގައި އާއިލާތައް ރޫޅި، މާލީ ގޮތުންނާއި ނަފްސާނީ ގޮތުން މީހުން ހަލާކުވަމުންދާއިރު، މިކަމުގެ އަސްލު ސަބަބުތަކާ ދިމާއަށް ބަލައި ލޯހުޅުވުން މިއަދު ވަނީ މަޖުބޫރުވެފައެވެ.

ރާއްޖޭގެ ކެންސަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ފެންނަނީ ނުރައްކާތެރި މަންޒަރެކެވެ. އިވެނީ އިންޒާރުގެ ވަރުގަދަ ރަނގަބީލެކެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ މައުލޫމާތުތަކުން އެނގޭގޮތުގައި، ރާއްޖޭގައި މަރުވާ މީހުންގެ 17 އިންސައްތަ މީހުން މަރުވަނީ ކެންސަރު ބަލީގައެވެ. 2020 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ދެމެދު އެކަނިވެސް 1،106 އަށް ވުރެ ގިނަ މީހުނަށް އަލަށް ކެންސަރު ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން 2020 ވަނަ އަހަރު 137 މީހުނަށް، 2021 ވަނަ އަހަރު 208 މީހުނަށް، އަދި 2022 ވަނަ އަހަރު 244 މީހުންނަށް މި ބަލި ޖެހިފައިވެއެވެ. މީގެ އިތުރުން 2023 ވަނަ އަހަރު 211 މީހުން އަދި 2024 ވަނަ އަހަރު 195 މީހުނަށް އަލަށް ކެންސަރު ޖެހިފައިވެއެވެ.

އައިޖީއެމްއެޗް އަދި ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ހޯދަމުން އަންނަ 1،400 އަށްވުރެ ގިނަ މީހުން މިހާރުވެސް ކެންސަރު ރަޖިސްޓްރީގައި ހިމެނޭކަން އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ. މީގެ ތެރޭގައި އުރަމަތީގެ ކެންސަރާއި، ފުއްޕާމޭގެ ކެންސަރާއި، ލޭގެ ކެންސަރާއި، ތައިރޮއިޑް ކެންސަރުގެ އިތުރުން އަނގައިގެ ކެންސަރު ހިމެނެއެވެ. އަންހެނުންގެ މެދުގައި އެންމެ އާންމުކޮށް ފެންނަނީ އުރަމަތީގެ ކެންސަރު ކަމަށްވާއިރު، ފިރިހެނުންގެ މެދުގައި އެންމެ އާންމީ ފުއްޕާމޭގެ ކެންސަރެވެ.

ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސްއިން ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ކެންސަރު ބަލީގެ މީހުންގެ 15 އިންސައްތައަކީ ކުޑަކުދީންނެވެ. މިއީ އާބާދީގެ ނިސްބަތުން ބަލާއިރު ކަންބޮޑުވާން ޖެހޭ އަދަދެކެވެ.

ކެންސަރު ޖެހޭ މީހުންގެ ތެރޭގައި ޒުވާނުން ގިނަވަމުންދާ ސަބަބުތަކާމެދު ސިއްހީ މާހިރުން ކަންބޮޑުވުން ފާޅުކުރެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުމާއި، ވޭޕްކުރުން ފަދަ އާދަތައް ޒުވާނުންގެ މެދުގައި އާންމުވެފައިވުމަކީ ފުއްޕާމޭގެ ކެންސަރަށް މަގުފަހިވާ މައިގަނޑު އެއް ސަބަބު ކަމަށް ޑޮކްޓަރުން ބުނެއެވެ.

ނަމަވެސް، މިއަށްވުރެ ބޮޑަށް މުޅި އާބާދީއަށް ނުރައްކާ ކުރިމަތިވެފައިވަނީ އަހަރެމެން ކޮންމެ ދުވަހަކު ކައިބޮއިހަދާ ތަކެތީގެ ސަބަބުންނެވެ. ރާއްޖެއަށް އެތެރެކުރާ މޭވާއާއި ތަރުކާރީގެ އިތުރުން، ރާއްޖޭގައި ހައްދާ ބާވަތްތަކުގައިވެސް އިންތިހާއަށް ކެމިކަލާއި ވިހަ އެކުލެވޭކަން ވަނީ ފާހަގަވެފައެވެ.

ދާދި ފަހުން "ދަ ސްމޯލް އައިލެންޑް ކޮންސަވޭންސީ" އިން ރާއްޖޭގައި ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށެއްގައި ހެދި ދިރާސާއެއްގެ ނަތީޖާގައި ފާހަގަކޮށްފައިވާ ގޮތުގައި، ކަރަޔާއި ފަޅޯ ފަދަ އާންމުކޮށް ކައިއުޅޭ ބާވަތްތަކުގައި މަނާކޮށްފައިވާ ނުރައްކާތެރި ޕެސްޓިސައިޑްތައް މަތީ ދަރަޖަޔަކަށް ހުރިކަން ވަނީ ހާމަވެފައެވެ. މި ދިރާސާއިން ދައްކާ ގޮތުގައި، ކަރާގައި 0.52 މިލިގްރާމް ޑައިމެތޯއޭޓް ހުރިއިރު، މިއީ ހުއްދަކުރެވިފައިވާ 0.01 މިލިގްރާމަށްވުރެ އެތައް ގުނައެއް މަތީ އަދަދެކެވެ. ފަޅޯގައި 0.61 މިލިގްރާމް ކާބެންޑަޒިމް ހުރިއިރު، މިއީވެސް ހުއްދަ މިންވަރު ކަމަށްވާ 0.2 މިލިގްރާމަށްވުރެ ބޮޑުތަނުން މަތީ އަދަދެކެވެ. މިފަދަ ކެމިކަލްތަކަކީ އިންސާނާގެ ހަށިގަނޑަށް ވަނުމުން ސެލްތަކަށް ގެއްލުންދީ، ކެންސަރަށް މަގުފަހިކުރާ އެއްޗެހިކަން ސައިންސުގެ އަލީގައި ވަނީ ސާބިތުވެފައެވެ. މިކަމުގެ ސަބަބުން، ކުރިން ފަސޭހަކަމާއެކު ކައިއުޅުނު މޭވާތައްވެސް މިހާރު ކާން މިޖެހެނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ރާއްޖޭގައި ހައްދާ ތަކެތީގެ ހާލަތު މިހެން ހުރިއިރު، ބޭރުން އެތެރެކުރާ ތަކެތީގެ ރައްކާތެރިކަމާމެދުވެސް އޮތީ ބޮޑު ސުވާލުމާކެކެވެ. މި އަހަރުގެ ޖޫން މަހުގެ ތެރޭގައި، އިންޑިއާއިން އެތެރެކުރާ އަނބުގައި ނުރައްކާތެރި މިންވަރަކަށް ކެމިކަލް ހުރިކަމަށް ބުނެ ނޭޕާލް އަދި ޖަޕާން ފަދަ ގައުމުތަކުން އެތަކެތި އެތެރެކުރުން މަނާކުރުމާ ގުޅިގެން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެކަން ތަހުގީގުކުރަން ފެށިއެވެ. އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން މޭވާއާއި ތަރުކާރީ އެތެރެކުރާ އެއް ގައުމަށްވާއިރު، އެ ގައުމުގެ އުފެއްދުންތަކުގައި ވިހަ އެކުލެވޭކަމުގެ އިންޒާރުތައް ލިބުމަކީ ދިވެހީންގެ ސިއްހަތަށް އޮތް ބޮޑު ނުރައްކަލެކެވެ.

ކޮންމެ ދުވަހަކު އެތައް ވިހައެއް، އެތައް ކެމިކަލެއް ކައިބޮއިހަދާ ބަޔަކަށް ދިވެހިން ނޭނގި ނަމަވެސް ވެފައިވާއިރު، މި ކެމިކަލްތައް އަހަރެމެންނާ ހަމަޔަށް އަންނަނީ ކާބޯތަކެތީގެ ކޮލިޓީ ކަށަވަރުކުރުމުގެ ނިޒާމުގައި ހުރި ބާގަނޑުތަކެއްގެ ސަބަބުންނެވެ. އެތެރެކުރާ ހުރިހާ ބާވަތެއްގެ ޕެސްޓިސައިޑް ލެވެލް ކޮންމެ ފަހަރަކު ޓެސްޓުކުރުމުގެ ގާބިލުކަން ނެތުމަކީ މީގެ އެންމެ ބޮޑު އެއް ސަބަބެވެ. މީގެ ސަބަބުން، ބާޒާރުގައި ވިއްކަން ހުންނަ ތަކެއްޗަކީ ސީދާ ކެއުމަށް ރައްކާތެރި ތަކެތިކަމާމެދު އާންމުންގެ މެދުގައި ވަނީ ބޮޑު ޝައްކެއް އުފެދިފައެވެ.

ނަމަވެސް، މިކަން ހައްލުކުރުމަށްޓަކައި ދައުލަތުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެމްއެފްޑީއޭއިން ބުނެފައިވާ ގޮތުގައި، ހުޅުމާލޭގައި ގާއިމުކުރާ ނޭޝަނަލް ފުޑް ސޭފްޓީ ލެބޯޓަރީގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މި ލެބޯޓަރީ ގާއިމުކުރެވުމުން، ކާބޯތަކެތީގައި ހުންނަ ހެވީ މެޓަލްސްއާއި ޕެސްޓިސައިޑްގެ ބާވަތްތައް ރާއްޖޭގައި ތިބެގެން އަވަހަށް ޓެސްޓުކުރެވޭނެ ނިޒާމެއް ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން، 2024 ވަނަ އަހަރުގެ މެއި މަހު އަމަލުކުރަން ފެށި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން، ކާބޯތަކެތި އުފައްދާ އަދި ވިއްކާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ބާރު އެމްއެފްޑީއޭއަށް ވަނީ ލިބިފައެވެ. މި ގާނޫނުގެ ސަބަބުން ކާބޯތަކެތީގެ މައްސަލަތައް މަދުވަމުން އަންނަކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ. އެހެންނަމަވެސް، ގާނޫނެއް އޮތުމަކުން އެކަނި ނުފުދެއެވެ. ރާއްޖޭގެ ދަނޑުވެރިކަމުގައި ބޭނުންކުރާ ކެމިކަލްތައް ކޮންޓްރޯލްކުރުމަށް ޓަކައި އެގްރިކަލްޗަރ މިނިސްޓްރީން ދަނޑުވެރިންނަށް ހޭލުންތެރިކަން އިތުރުކޮށް، ގަވާއިދުން ދަނޑުތައް މޮނިޓަކުރެވޭނެ ހަރުދަނާ ނިޒާމެއް އޮތުން މުހިންމެވެ. ދަނޑުވެރިންނަށް އޯގަނިކް ފާޓިލައިޒަރ ބޭނުންކުރަން ދަސްކޮށްދިނުމާއި، ކެމިކަލް ބޭނުންކުރާ މިންވަރު ބެލެހެއްޓުމަކީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން އިސްކަންދޭން ޖެހޭ ކަމެކެވެ.

މި ކަމުގެ ނުރައްކާ އަދިވެސް ދާނީ ބޮޑުވަމުންނެވެ. ހުރިހާ މޭވާއަކާއި ތަރުކާރީގައިވެސް ވިހަ އެކުލެވޭކަމުގެ ބިރު އޮތްއިރު، އާންމު ރައްޔިތުން އިތުބާރު ކުރަންވީ ކޮން އެއްޗަކަށްކަން ނޭނގޭ ހިސާބަށް ކަންކަން ވަނީ ގޮސްފައެވެ.

ވިހައިން ސަލާމަތް ވެފައިވާ މޭވާއެއް ނުވަތަ ތަރުކާރީއެއްގެ ޔަގީންކަން ހޯދުމަށްޓަކައި، ކަސްޓަމަރުން އަމިއްލައަށްވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމެވެ. މީގެ ތެރޭގައި، ބޭރުން ގެންނަ މޭވާ ބޭނުންކުރުމުގެ ކުރިން ލޮނުފެނުގައި އިރުކޮޅަކު ބޭއްވުމާއި، ތޮށިމަށައިގެން ކެއުން ފަދަ ކަންކަން ކުރެވިދާނެއެވެ. އަދި ދަނޑުވެރިންގެ އަތުން ސީދާ ތަކެތި ގަންނައިރު، އެތަކެތި ހައްދާފައިވާ ގޮތާމެދު ސުވާލުކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ.

ދިގު މުއްދަތަކަށް ކެމިކަލް އެކުލެވޭ ކާނާ ކެއުމުގެ ސަބަބުން ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އެހެންކަމުން، ރާއްޖޭގައި އޯގަނިކް ދަނޑުވެރިކަން ކުރިއެރުވުމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދައުލަތުގެ މުއައްސަސާތަކުން މިހާރު ފަށާފައިވާ މަސައްކަތްތައް ހަލުވިކަމާއެކު ތަންފީޒުކުރުމަކީ މުޅި ގައުމުގެ ސިއްހަތާ ގުޅިފައިވާ އެންމެ މުހިންމު އެއް ކަންތަކެވެ. ކެންސަރުގެ ބިރުވެރިކަމުން ސަލާމަތްވުމަށްޓަކައި، އަހަރެމެންގެ ސުފުރާމައްޗަށް އަންނަ ކާނާއަކީ ސާފު އަދި ރައްކާތެރި އެއްޗެއްކަން ކަށަވަރުކުރުމަށް ގައުމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އެޅުން މިވަނީ މަޖުބޫރުވެފައެވެ. ހުޅުމާލޭގައި ގާއިމުކުރާ ލެބޯޓަރީގެ މަސައްކަތް ނިމި، ބޭރުން އެތެރެކުރާ ކޮންމެ ބާވަތެއްގެ ޓެސްޓުތައް ފުރިހަމައަށް ހެދެން ފެށުމަކީ މި ވަގުތު އޮތް އެންމެ ބޮޑު އުންމީދެވެ.