ރާއްޖޭގެ 38 ވަނަ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތް ފަށައިފިއެވެ.

އެ މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ. އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުގެ އިތުރުން ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ އިސްވެރިންނާއި ބޭރު ގައުމުތަކުގެ މަންދޫބުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ ކުރިން މުއައްސަސާތައް މެދުވެރިކޮށް ބައިވެރިވާން ޖެހުނު ނަމަވެސް، މިއަހަރުގެ މުބާރާތަކީ ބޭނުންވާ ކޮންމެ މީހަކަށްވެސް އަމިއްލަ ހައިސިއްޔަތުން ބައިވެރިވެވޭ ގޮތަށް އޮޑިޝަން ބާއްވައިގެން ކުރިއަށްގެންދާ ފުރަތަމަ މުބާރާތެވެ. އެ މުބާރާތް ހަތް އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، ސެމީ ފައިނަލް އަދި ފައިނަލް ބުރެއް މުބާރާތުގައި ހިމެނެއެވެ.

މިދިޔަ ޖޫން 4 އިން ޖުލައި 15 ގެ ނިޔަލަށް މާލެއާއެކު ރާއްޖޭގެ 22 ސަރަހައްދެއްގައި ބޭއްވި އޮޑިޝަންގައި 2,742 ބައިވެރިން ކިޔަވާފައިވާއިރު، މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ލިބުނީ އެންމެ މޮޅު 379 ބައިވެރިންނަށެވެ. މުބާރާތުގެ ސެމީ ފައިނަލްގެ ކިޔެވުން ސެޕްޓެމްބަރު 11 އިން 14 އަށް ތާވަލުކޮށްފައިވާއިރު، ފައިނަލް ބުރު ކުރިއަށްދާނީ ސެޕްޓެމްބަރު 16 އަދި 17 ގައެވެ.

މުބާރާތުގެ ފަނޑިޔާރުންގެ ޕެނަލްތަކުގައި ބައިނަލްއަގުވާމީ ފެންވަރުގެ ފަނޑިޔާރުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެ މުބާރާތުގެ ވަކިވަކި އުމުރުފުރާތަކުންނާއި، މުޅި މުބާރާތުން ބަލައިގެން، ނުބަލައި އަދި ހާފިޒުންގެ ބައިން ވަނަތައް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ތިން ގޮފިން 1 ވަނަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިނާމު އެރުވޭނެއެވެ.