ޗައިނާގެ ޒަމާނީ ޓެކްނޮލޮޖީއާއި ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް އެއްކޮށްލައިގެން، ރާއްޖޭގެ އިގްތިސޯދު އިތުރަށް ޑައިވާސިފައިކޮށް ފުޅާކުރުމަށް އެއްބާރުލުން ދޭނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވެއްޖެއެވެ.

ޗައިނާގެ 77 ވަނަ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ޗައިނާއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ސަފީރު ވިދާޅުވީ، މަސްވެރިކަމާއި ދަނޑުވެރިކަން ޒަމާނީކޮށް، ފަތުރުވެރިކަން ފުޅާކުރުމުގައި ދެ ގައުމު ގުޅިގެން ބޮޑެތި ކާމިޔާބީތަކެއް ހޯދޭނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރައްވަނީ ޓެކްނޮލޮޖީއާއި، ރައުސްމާލާއި އަދި މެނޭޖްމަންޓްގެ ތަޖުރިބާގައި ޗައިނާއަށް ލިބިފައިވާ ގާބިލުކަމާއި، ރާއްޖޭގެ ގުދުރަރީ ވަސީލަތްތަކާއި މުއްސަނދި ހުނަރުތައް އެއްކޮށްލައިގެން، އަޅުގަނޑުމެންނަށް ބްލޫ އިކޮނޮމީ އިތުރަށް ފުޅާކޮށް، ގްރީން ޑިވެލޮޕްމަންޓް އިތުރަށް ހަރުދަނާކޮށް، އަދި ޑިޖިޓަލް މުސްތަގުބަލް ކުރިއަށްވުރެ ކައިރިކުރެވިދާނެކަމަށް،" ސަފީރު ވިދާޅުވިއެވެ.

ޗައިނާގެ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ދަރަންޏަށް އެއްވެސް ބުރައެއް ނާންނާނެކަމަށް ސަފީރުކަމަށް ވިދާޅުވިއެވެ. އަދި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލާއި، މާލެ އަދި ވިލިމާލޭގެ މަގުހެދުމުގެ އަމަލީ މަސައްކަތް މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށާއި، ރަށްރަށުގެ ކައުންސިލް އިދާރާތައް އެޅުމުގެ ހުއްދަތައްވެސް މި އަހަރު ނިމުމުގެ ކުރިން ހަމަޖެހޭނެކަމަށް ވިދާޅުވިއެވެ.

ސިނަމާލެ ބުރިޖުގައި ހިނގި އެކްސިޑެންޓަށްފަހު އިންޖިނިއަރުން ކުރި ދިރާސާތަކުން ބުރިޖުގެ ރައްކާތެރިކަން ކަށަވަރުވެފައިވާ ކަމަށާއި، ބުރިޖް ބެލެހެއްޓުމުގައި ދިވެހި އިންޖިނިއަރުންނާއެކު ޗައިނާގެ އެހީތެރިކަން ދެމިއޮންނާނެކަމަށް ސަފީރު ވިދާޅުވިއެވެ.

މިމަހުގެ 15 އާ ހަމައަށް 280،000 އަށްވުރެ ގިނަ ޗައިނާ ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ސަފީރު ވިދާޅުވިއެވެ. ދެ ގައުމުގެ ވިޔަފާރި އާއި އިންވެސްޓްމަންޓްތައް އިތުރަށް ވަރުގަދަކުރުމަށްޓަކައި "ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" އަންނަ އޮކްޓޫބަރު މަހު ބާއްވަވާނެކަމަށް ސަފީރު ވިދާޅުވިއެވެ.