އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން، އެޕެކްގެ ސަމިޓް މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ޗައިނާގެ ސިޓީއެއް ކަމަށްވާ ޝެންޒެންގައި ކުރިޔަށް ދާނެއެވެ. މި ސަމިޓްގައި ބައިވެރިވާނީ މެންބަރު ގައުމުތަކުގެ އެންމެ އިސްވެރިންނެވެ. އޭގެތެރޭގައި އެމެރިކާ، ރަޝިޔާ އަދި ޗައިނާގެ އެންމެ އިސްވެރިންވެސް ހިމެނެއެވެ. ރައީސް ޕުޓިންއާއި ރައީސް ޓްރަމްޕް އަދި ރައީސް ޝީ ޖިންޕިން އެވެ. މިއަދާއި މާދަން މި ސަމިޓް ކުރިއަށްދާއިރު ސަމިޓުގެ އަރިމަތިން ކުރިން މިދެންނެވި ދުނިޔޭގެ އެންމެބޮޑު ތިންބާރުގެ ވެރިންގެ ވަކި ސަމިޓެއްވެސް ބާއްވާނެއެވެ. ދުނިޔޭގެ އެކި މައްސަލަތަކާމެދު މަޝްވަރާ ކުރުމަށެވެ. ޚާއްސަކޮށް އީރާނުގެ ހަގުރާމަޔާއި ދުނިޔެއިން ނިއުކުލިއަރ ހަތިޔާރު މަދުކުރުމާ މެދުގައެވެ. އެޕެކްގެ ބޮޑު ސަމިޓަށްވުރެ ދުނިޔޭގެ ސަމާލުކަން ހުއްޓޭނީ ބޮޑު ތިންބާރުގެ މިދެންނެވި ބޮޑު ސަމިޓަށެވެ. އެޕެކްގެ މި ސަމިޓަކީ އެޖަމާއަތުގެ ތާރީޚުގައި ތެއްތިރީސްވަނަ ސަމިޓެވެ.
މިއީ ޗައިނާގައި އެޕެކްގެ ސަމިޓެއް ބޭއްވޭ ތިންވަނަ ފަހަރެވެ. މީގެކުރިން ޗައިނާގެ ޝެންހާއީގައި 2001 ގެ ސަމިޓް ވަނީ ބޭއްވިފައެވެ. އަދި 2014 ވަނަ އަހަރު ޗައިނާގެ ބެއިޖިންގުގައިވެސް މި ސަމިޓް ވަނީ ބާއްވައިފައެވެ. މިފަހަރުގެ ސަމިޓް ބޭއްވޭ ޝެންޒެންއަކީ ޗައިނާގެ އެންމެބޮޑު ޓެކް ހަބެވެ. އެޕެކްގައި ހިމެނެނީ އެކާވީސް މެންބަރުންނެވެ. މެންބަރުންނަށް ގައުމެކޭ ނުކިޔައެވެ. ކިޔަނީ އިގްތިސާދެވެ. އެހެންވީމާ އެޕެކްގައި ހިމެނެނީ އެކާވީސް އިގްތިސާދެވެ. އެހެންކިޔާ ސަބަބަކީ ޓައިވާނާއި ހޮންގްކޮންގްވެސް މެންބަރުންގެ ގޮތުގައި ތިބީމައެވެ. އެޕެކް އުފެދުނީ 1989 ވަނަ އަހަރު އޮސްޓްރޭލިޔާގެ ވެރިރަށް ކެންބެރާގައި ބޭއްވި ސަމިޓަކުންނެވެ. މި ޖަމާއަތް ވުޖޫދުވީ ޖުމްލަ ބާރަ މެންބަރުންނާއެކުގައެވެ. އޭގެފަހުން ފާއިތުވި 37 އަހަރުގެ ތެރޭގައި އިތުރު ނުވަ މެންބަރުން ނުވަތަ އިތުރު ނުވަ އިގްތިސާދެއް މި ޖަމާއަތުގައި ވަނީ ބައިވެރިކޮށްފަައެވެ. އޭގެތެރޭގައި ޗައިނާއާއި ރަޝިޔާ އަދި ޓައިވާނާއި ހޮންގްކޮންގްވެސް ހިމެނެއެވެ.
މިފަހަރުގެ އެޕެކް ސަމިޓް މުހިންމުވާ އެއްސަބަބަކީ މިއީ ދިހަ އަހަރުގެ ތެރޭގައި ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ސަމިޓް ކަމަށް ވުމުންނެވެ. އެޕެކް ސަމިޓެއްގައި ޕުޓިން އެންމެފަހުން ބައިވެރިވެ ވަޑައިގެންނެވީ 2016 ވަނަ އަހަރުއެވެ. އެއީ ދެކުނު އެމެރިކާގެ ގައުމެއްކަމަށްވާ ޕެރޫގެ ވެރިރަށް ލީމާގައި ބޭއްވި ސަމިޓެކެވެ. ފަހަކަށްއައިސް ރައީސް ޕޫޓިން އެޕެކްގެ ސަމިޓެއްގައި ބައިވެރިވެވަޑައި ނުގަންނަވާ އެއްސަބަބަކީ ޔުކްރޭނުގެ ހަގުރާމަޔާ ގުޅިގެން 2023 ވަނަ އަހަރުގެ މާޗްމަހު ސަތާރައިގައި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައިވުމެވެ. ދުނިޔޭގެ ޖުމްލަ 125 ގައުމަކުން އައިސީސީގެ މުއާހަދާ ތަސްދީގުކޮށްފައިވާއިރު އެއިން ގައުމަކަށް ޕުޓިން ވަޑައިގެންފިނަމަ ހައްޔަރު ކުރަން ލާޒިމުވެއެވެ. އެންމެފަހުގެ ދެ ސަމިޓްވެސް ބޭއްވުނީ އައިސީސީ ބަލައިގެންފައިވާ ދެ ގައުމެއްގައެވެ. އެއީ ޕެރޫއާއި ދެކުނު ކޮރެޔާއެވެ.
މިފަހަރުގެ ސަމިޓް ބޭއްވޭ ޗައިނާއަކީ އައިސީސީ ބަލައިގެންފައިވާ ގައުމެއް ނޫނެވެ. އެހެންވީމާ އައިސީސީގެ އަމުރެއް ތަންފީޒުކުރުން ޗައިނާގެ މައްޗަށް ލާޒިމެއްވެސް ނޫނެވެ. ރައީސް ޕުޓިން ހައްޔަރު ކުރުމުގެ އަމުރެއް އައިސީސީން ނެރުނު ފަހުން މިއަހަރުގެ މެއިމަހު މެދުތެރޭގައިވެސް އޭނާ ވަނީ ޗައިނާއަށް ދަތުރުފުޅެއް ކުރައްވައިފައެވެ. ހަމައެކަނި ޗައިނާއަކަށް ނޫނެވެ. މި އަމުރަށް ހަތަރު އަހަރު ފުރެން ގާތްވެފައިވާއިރު ރައީސް ޕުޓިންވަނީ މި މުއްދަތުގެ ތެރޭގައި އިންޑިޔާ، އުތުރު ކޮރެޔާ، މޮންގޯލިޔާ، ކަޒަކަސްތާން، ކިރްގިސްތާން، ތުރުކުމަނިސްތާން، ތަޖިކިސްތާން، ވިއެޓްނާމް، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ސައޫދީއަރަބިޔާއަށްވެސް ދަތުރުފުޅުތައް ކުރައްވައިފައެވެ. މީގެތެރޭގައި އައިސީސީ ބަލައިގެންފައިވާ ދެ ގައުމެއްވެސް ހިމެނެއެވެ. އެއީ މޮންގޯލިޔާ އާއި ތަޖިކިސްތާނެވެ. އެކަމަކު އެ ދެގައުމަކީވެސް ރަޝިޔާއާ އިންވެގެންވާ އަދި ރަޝިޔާގެ ނުފޫޒު ބޮޑު ދެ ގައުމެވެ.
އެއިން ގައުމަކުން އައިސީސީގެ އަމުރު ތަންފީޒެއް ނުކުރިއެވެ. މިކަމާމެދު ހިތްހަމަނުޖެހިގެން އައިސީސީން ވަނީ އެ ދެގައުމުގެ މައްސަލަ އައިސީސީގެ ބޮޑު ދަރުބާރަށްވެސް ހުށައަޅައިފައެވެ. ކޮންމެއަކަސް މިފަހަރުގެ އެޕެކް ސަމިޓުގެ އަރިމަތިން ރައީސް ޕުޓިން ބައްދަލު ކުރައްވާނީ ހަމައެކަނި ޓްރަމްޕާއި ޝީ ޖިންޕިންއަކާ ނޫނެވެ. އެހެން ކިތަންމެ ކިތަންމެ ލީޑަރުންނަކާވެސް ބައްދަލު ކުރައްވާނެއެވެ. އެޕެކްގައި ހިމެނެނީ މުޅިންވެސް ޕެސިފިކް ކަނޑުގެ އައްސޭރިއެއް ލިބިގެންވާ ގައުމުތައް ކަމުގައިވާތީ މި ޖަމާއަތުގައި ޔޫރަޕުގެ އެއްވެސް ގައުމެއް ނުހިމެނެއެވެ. އެކަމަކު ރަޝިޔާ ބަލިކުރުމަށްޓަކައި ޔުކްރޭނަށް ހަތިޔާރާއި ފައިސާ އަޅާ ވަރަށް ގިނަ ގައުމުތައް އެޕެކްގައި އެބަތިއްބެވެ. އެމެރިކާ، ކެނެޑާ، އޮސްޓްރޭލިޔާ، ނިއުޒިލެންޑް އަދި ޖަޕާނާއި ދެކުނު ކޮރެޔާ ހިމެނޭ ގޮތުންނެވެ. ބެލެވޭ ގޮތުން މީގެތެރެއިން އެއްގައުމަށްވުރެ ގިނަ ގައުމުތަކުގެ ލީޑަރުންނާއެކު ވަކިވަކި ބައްދަލުކުރެެއްވުންތައް ރައީސް ޕުޓިން މިފަހަރު ބާއްވަވާނެއެވެ.
ކުރިންވެސް ބަޔާންކުރެވުނު ފަދައިން އެންމެންވެސް އިންތިޒާރު ކުރަމުންދަނީ އެޕެކް ސަމިޓުގެ އަރިމަތިން ބޭއްވޭ ބޮޑު ތިންބާރުގެ ސަމިޓަށެވެ. އެކަމަކު އެ ތިން ލީޑަރުންގެ މަޝްވަރާތަކުގެ އެޖެންޑާގައި ޔުކްރޭނުގެ ހަގުރާމައެއް ނުހިމެނެއެވެ. ހިމެނެނީ އީރާނުގެ ހަގުރާމަޔާއި ނިއުކުލިއަރ ހަތިޔާރު މަދުކުރުމުގެ އައު މުއާހަދާއެއްގެ މައްސަލަޔާއި ޗައިނާޔާއި އެމެރިކާގެ ވިޔަފާރީގެ އަރައިރުންތަކުގެ މައްސަލައެވެ. ހައްލު ކުރެވުނަސް ހައްލު ކުރެވޭނީ މީގެތެރެއިން ޗައިނާޔާއި އެމެރިކާގެ ވިޔަފާރީގެ އަރައިރުންތަކެވެ. އަނެއް ދެ މައްސަލަޔަށް ނިމުން ގެނެވޭނެ ކަމުގެ މާބޮޑު އުންމީދެއް ނެތެވެ. ނިއުކުލިއަރ ހަތިޔާރު މަދުކުރުމުގެ މުއާހަދާއެއް ހަގީގަތަކަަށްވުން ދުރުކަމަށް ހީކުރެވޭ ސަބަބަކީ އެފަދަ މުއާހަދާއެއްގައި ބައިވެރިވާން ޗައިނާ ބޭނުން ނުވުމެވެ. ޗައިނާގެ ބައިވެރިވުމެއްނެތި ފަރުމާކުރެވިފައިވާ މުއާހަދާއެއްގައި ސޮއިއަޅަން ޗައިނާ ނުރުހެއެވެ. ދެންއޮތީ އީރާނުގެ މައްސަލައެވެ. ސަމިޓުގެ ތިން ބައިވެރިންގެ ތެރެއިން ދެ ބައިވެރިންނަކީ އީރާނުގެ މިތުރުންނެވެ.
އިމާދު ލަތީފު
ކޮމެންޓް