ޒަމާނުއްސުރެ އޮތް އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިކުރުމުގެ މަގުސަދުގައި ރާއްޖެ އާއި ވިއެޓްނާމާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ނިއުޔޯކުގައި ބޭއްވި އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވި ބައްދަލުވުމެއްގައެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްއެވެ. ވިއެޓްނާމްގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ލީ ހޮއެ ޗުންގް އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ މި އެއްބަސްވުމުގެ ދަށުން ދެގައުމުގެ ސަރަހައްދީ އަދި ބައިނަލްއަގްވާމީ މައްސަލަތަކުގައި ގަވާއިދުން މަޝްވަރާ ކުރުމަށް ސްޓްރަކްޗާޑް ފްރޭމްވޯކެއް ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރު އިރޫތިޝާމް ވަނީ މި އެއްބަސްވުމުގެ ސަބަބުން ދެގައުމުގެ މެދުގައި ގާތް އެއްބާރުލުމާއި ގުޅުން އިތުރުކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ވިދާޅުވެފައެވެ. ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށާއި ގުޅުން ބަދަހިކުރަން ވިއެޓްނާމާ އެކު ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.