ފުޓުބޯޅައިގެ މައި އިދަރާ، ފީފާގެ ނިންމުއްތައް ނިންމާ ގޮތާއި، އެ އިދާރާގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުމަށް ރިފޯމަކަށް ދިއުމަށް ކުރާން ޖެހޭ މަސައްކަތް އިތުބާރުހުރި މިނިވަން ފަރާތެއްގެ ބޭނުންކޮށްގެން ކުރަން މަޝްވަރާ ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ސިޓީއެއް ފޮނުއްވެވި ނަމަވެސް، އެއީ އިހުލާސްތެރި ނިޔަތެއްގައި ކުރެއްވި ކަމެއް ނޫން ކަމަށް ގައުމުތަކުން ބުނެފިއެވެ.

މިދިޔަ އަހަރުތަކުގައި އިންފަންޓީނޯއާއި ފީފާއަށް ވަނީ އެކިއެކި ކަންކަމުގައި ޕްރެޝަރު ބޮޑުވެފައެވެ. އެގޮތުން އިޒްރޭލާ ދޭތެރޭ ފިޔަވަޅު އަޅަން ފަސްޖެހުމުގެ އިތުރުން ގައުމުތަކުގެ ސިޔާސީ ކަންކަމުގެ ތެރެއަށް ވަނުންވެސް އެކަމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ. އިންފަންޓީނޯއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގުޅުން މާބޮޑުވެ، ފީފާގެ ސުލްހައިގެ އިނާމު ޓްރަމްޕަށް އެރުވުމުން އެކަމަށްވެސް ވަނީ ނުރުހުން އަމާޒުވެފައެވެ.

ވޯލްޑް ކަޕްގައިވެސް ޓްރަމްޕްގެ ދައުރަށް ފާޑުކިޔުން އަމާޒުވި އިރު، އޭގެފަހުން ފީފާގެ މުބާރާތްތަކުގެ ހިއްސާ ވިއްކޭނެ ގޮތަށް އިންފަންޓީނޯ ގެންނަން އުޅުނު އިންވެސްޓްމަންޓް ޕްލޭންވެސް ދިޔައީ ޗޮކުންނެވެ. އެއީ ޔޫއެފާއާއި އޭއެފްސީގެ އިތުރުން ކޮންކެކަފްވެސް އެކަމަށް ފާޅުގައި ހުރަސް އެޅުމުންނެވެ. އެކަމުގައި އިންފަންޓީނޯއަށް ކުރަމުންދިޔަ ތާއީދު ގައުމުތަކުން ދަނީ އަނބުރާ ގެންދަމުންނެވެ.

ކުރިއަށް އޮތް ދައުރަށްވެސް ފީފާގެ ރައީސްކަން ވާދަކުރައްވަން އިންފަންޓީނޯ ނިންމަވާފައިވާ އިރު، އޭނާ ފީފާ ކައުންސިލާއި މެންބަރު 211 ގައުމަށް ފޮނުއްވި ސިޓީގައި ވަނީ މިނިވަން ތިންވަނަ ފަރާތެއްގެ ރިވިއުއަކަށް ތައްޔާރަށް ހުންނެވިކަން ހާމަކުރައްވައިފައެވެ.

އެ ސިޓީއާއެކު ގައުމުތަކުން ބުނެފައި ވަނީ އިންފަންޓީނޯގެ ސިޓީއަކީ ތާއިދަށް ފޮނުވި ސިޓީއެއް ކަމަށާއި، ފީފާއަށް މިހާރު އެއަށްވުރެ ވަރުގަދަ ރިފޯމެއް ބޭނުންވެފައިވާ ކަމަށެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި އިންފަންޓީނޯގެ ސިޓީއަކީ އޮޅުވާލުމެއްގެ ތެރެއިން ސީދާ ތާއީދު ހޯދުމަށް ކުރި ކަމެއް. ފީފާއިން ރިފޯމް ގެންނަން ޖެހޭ ކަމަށް ގަބޫލުކުރިޔަސް، އިންފަންޓީނޯއަކީ އެކަން ކުރަން ރަނގަޅު މީހާއެއް ނޫން. އޭނާގެ އެއްވެސް ކްރެޑިބިލިޓީއެއް ނެތް،" ޖަރުމަނު ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ބާންޑް ނިއެންޑޯފް ވިދާޅުވެފައިވެއެވެ.

އިންފަންޓީނޯގެ ސިޓީއަށް ނެދަލޭންޑްސް ފުޓުބޯޅަ އިދާރާއިންވެސް ވަނީ ނުރުހުން އަމާޒުކޮށްފައެވެ. އެގޮތުން ނެދަލޭންޑްސްއިން ބުނީ އެއީ ރަނގަޅު ފިޔަވަޅެއް ނަމަވެސް އެކަން އަމަލުން ނުފެންނާނެކަމުގެ ގިނަ ހެކިތަކެއް މިހާރު އެބަހުރި ކަމަށެވެ. ސްވިޑެންގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ސިމޯން އަސްޓްރޯމް ވިދާޅުވީ އިންފަންޓީނޯއަށް މިހާރު ވަގުތު ފާއިތުވެފައިވާ ކަމަށެވެ. އަދި ވޭލްސް އެފްއޭއިންވެސް އެކަމަށް ވަނީ ދެކޮޅު ހަދައިފައެވެ.

ވޭލްސް އެފްއޭއިން ބުނީ އިންފަންޓީނޯ އިއުލާނުކުރެއްވީ ފީފާގެ މަތިފަޑި ރިފޯމް ކުރާނެ ޕްލޭނެއް ނޫން ކަމަށާއި، ހުރިހާ ގޮތަކުންވެސް އިންފަންޓީނޯ ފެއިލްވެއްޖެ ކަމަށެވެ.