ހޯމަ ދުވަހުގެ ރޭ ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް ކުރިމިނަލް ކޯޓުން މިއަދު 15 ދުވަސް ޖަހައިފިއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތ. ދިޔަމިގިލި، އައްސޭރި، މާހު ހަސަން (21) އެވެ. އޭނާއަށް ތުހުމަތުކުރަނީ އެއްގަމު އުޅަނދެއް އެކްސިޑެންޓެއްވުމުގެ ތުހުމަތެވެ.

ކޯޓު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ތުހުމަތުކުރެވޭނެ އެކަށިގެންވާނެ ހެކި ވަނީ ލިބިފައެވެ. އެގޮތުން ސީސީޓީވީ ފޫޓޭޖުގެ ސްނެޕް ޝޮޓް ފޮޓޯ ރިޕޯޓު، ހާދިސާ ރިޕޯޓު އަދި ޓްރެފިކް ވައިލޭޝަން ރެކޯޑް ހިމެނޭކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން، އޭނާ ބަންދުން ދޫކޮށްލައިފި ނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި ބަންދުގައި ބަހައްޓަންޖެހޭކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށްކަމަށް ކޯޓުންވަނީ ކަނޑައަޅައިފައެވެ. ކޯޓުގައި އޭނާ ވަނީ ވަކީލަކު އެހީ ބޭނުންވާކަމަށް އެދިފައެވެ. ވަކީލަކު ނެތުމުން ޝަރީއަތުގައި އޭނާ ދައްކާ ވާހަކަތަކަކީ އޭނާއަށް ދެކޮޅަށް ބޭނުން ކުރެވިދާނެ ވާހަކަތަކެއްކަމާއި، ހަނު ހުރުމުގެ ފުރުސަތު އޮތްކަން ޝަރީއަތުން ހަނދާންކޮށްދީފައިވާނެކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

އެކްސިޑެންޓުގައި އަނިޔާވެފައިވާތީ ބަންދަށް ލުޔެއް ދިނުމަށް އޭނާ އެދިފައިވާކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލަ ތަހުގީގުކުރާ އިންވެސްޓިގޭޝަން އޮފިސަރު ބުނީ، މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ފަރާތަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތެއް ނޫން ކަމަށެވެ. އޭނާ ބާރު ސްޕީޑުގައި، ޒިގްޒެގްކޮށް ނުރައްކާތެރިކަމާއެކު ދުއްވުމުގެ ސަބަބުން އިތުރު ސައިކަލެއްގައި ޖެހި އެކްސިޑެންޓުވެ ސައިކަލުގައި ތިބި ދެފަރާތުގެ ސިކުޑިއަށް ގެއްލުންވެ، ހާލަތު ވަރަށް ނާޒުކުކަމަށް އިންވެސްޓިގޭޝަން އޮފިސަރު ބުންޏެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވުމުގެ ސަބަބުން މިއަހަރުގެ ތެރޭގައި ހަތަރު ފަހަރެއްގެ މަތިން ފުލުހުން ވަނީ އޭނާ ހުއްޓުވައި ޖޫރިމަނާކޮށްފައިކަމަށް އިންވެސްޓިގޭޝަން އޮފިސަރު ބުންޏެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގީ މިރޭ 1:50 ހާއިރު ސޯސަން މަގު ސިޓީ ބޭކަރީ ކުރިމަތިން ވޭވް 125 ބްރޭންޑުގެ ކަޅު ކުލައިގެ ސައިކަލަކާއި އެކްޒައިޓާ 150 ބްރޭންޑުގެ ސައިކަލެއް ޖެހިގެންނެވެ. އެ ތަނުން ވޭވް ސައިކަލުގައި ތިބީ އަންހެނަކާއި ފިރިހެނެކެވެ. އަނެއް ސައިކަލު ދުއްވަން އިނީ ފިރިހެނެކެވެ.

"އެކްސިޑެންޓުވި ވަގުތު ސައިކަލުގެ ފަހަތުގައި އިން އަންހެން މީހާ ދިޔައީ ވިއްސައިގެން. ބޯ ފަޅައިގެން ގޮސް ވަރަށް ގިނަ ލޭ ފައިބައިފައި ހުރި." މަންޒަރު ދުށް މީހަކު "ވަން" އަށް ބުނެފައިވެއެވެ.

"ވަން"ގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔައިރުވެސް މަގުމަތީގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ. އަދި އެކްސިޑެންޓުވި ދެ ސައިކަލަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އަންހެން މީހާއަށް ފަރުވާ ދިނުމަށް ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. އޭނާއަށް ސީރިއަސް އަނިޔާތަކެއްވެފައިވާކަންވެސް އެނގިފައިވެއެވެ.

"އެކި ވަރުގެ އަނިޔާތައް އެބަހުރި. މިހާރު އައިސީޔޫއަށް ގެންދަނީ. ހާލު ކްރިޓިކަލް" މައުލޫމާތު އެނގޭ ފަރާތަކުން "ވަން" އަށް ބުނެފައިވެއެވެ.

މީގެ އިތުރުން އެކްސިޑެންޓުވި ދެ ފިރިހެނުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދިޔައިރު އެ ދެ މީހުންގެ މޫނުގެ ކަށިގަނޑު އެކި ތަންތަނުން ބިންދައިގެން ގޮސްފައިވާ ކަމަށް "ވަން" އަށް އެނގިފައިވެއެވެ.

"އިންޓާނަލީ ބްލީޑިން އެބަހުރި ދެ މީހުންގެވެސް" މައުލޫމާތު އެނގޭ ފަރާތަކުން "ވަން" އަށް ބުނެފައިވެއެވެ.