ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރު ދާއިރާތަކުން ފުޅާކޮށް، ވަރުގަދަކުރުމަށް އެ ގައުމުން ބޭނުންވާކަމަށް ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ގަހްތާނީ ވިދާޅުވެއްޖެއެވެ.
ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ކުރުނބާ މޯލްޑިވްސް ރިޒޯޓުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ ވޭތުވެދިޔަ 48 އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ދާއިރާތަކުގެ ކުރިއެރުމަށް ސައުދީން ވަނީ ޖުމްލަ 488 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ.
އެގޮތުން ތައުލީމީ އަދި ސިއްހީ ހިދުމަތްތަކާއި، އުމްރާނީ ވަސީލަތްތަކާއި، ފެނާއި ނަރުދަމާގެ ނިޒާމުތައް ގާއިމުކުރުމުގެ އިތުރުން ދަތުރުފަތުރުގެ ވިއުގަ ވަރުގަދަކުރުމަށް ސައުދީން އަދާކުރި ދައުރު ސަފީރު ފާހަގަކުރެއްވިއެވެ.
ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ، ދީނީ އަދި އިސްލާމީ ކަންކަމުގެ އިތުރުން ވިޔަފާރިއާއި އިންވެސްޓްމަންޓް، ފަތުރުވެރިކަން، ތައުލީމު އަދި ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއާ ގުޅިގެން މަސައްކަތްކުރުމަށް ސައުދީ ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ.
އަދި އެ ގުޅުމަކީ ދެ ގައުމުގެ ރައްޔިތުންނަށް އެތައް ފައިދާތަކެއް ލިބިގެންދާނެ ގުޅުމެއްކަމަށްކަމަށް ސަފީރު ވިދާޅުވިއެވެ. މީގެ ދެ އަހަރު ކުރިން ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާލް ސައުދާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުވުމަކީ ދެ ގައުމުގެ ގުޅުން އާ އުސްމިންތަކަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ސަފީރު ވިދާޅުވިއެވެ.
ހަމައެއާއެކު، ފަހަކުން ސައުދީ އިންވެސްޓަރުންގެ ޓީމެއް ރާއްޖެއަށް ކުރި ޒިޔާރަތަކީ ދެ ގައުމުގެ އިގްތިސޯދީ މަސައްކަތްތައް އާ މިސްރާބަކަށް ގެންދިއުމަށް މަގުފަހިވިކަމެއްކަމަށް ސައުދީން ވިދާޅުވިއެވެ.
.ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) މެދުވެރިކޮށް ރާއްޖޭގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން ސަފީރު ފާހަގަކުރެއްވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމަށް އެކަނިވެސް އެ ފަންޑުން 218 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަކޮށްފައިވާ ކަމަށެވެ. އަދި ހުޅުމާލެއާއި ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކާއި ސިއްހީ އަދި މަސްވެރިކަމުގެ ދާއިރާއަށްވެސް އެ ފަންޑުގެ އެހީތެރިކަން ލިބެމުންދާއިރު، މިހާރުވެސް ރާއްޖޭގައި ކުރިއަށްދާ އެސްއެފްޑީގެ އެކިއެކި މަޝްރޫއުތަކުގެ އަގު ގާތްގަނޑަކަށް 180 މިލިއަން ޑޮލަރަށް އަރާކަމަށް ސަފީރު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ކޮމެންޓް