ރ. ވާދޫ ސްކޫލްގެ ބައެއް ދަރިވަރުންގެ ފަރާތުން ފެންނަމުންދާ ނޭދެވޭ އަމަލުތައް ހުއްޓުވައި، އަހުލާގު ރަނގަޅު ކުރުމުގެ މަގުސަދުގައި އެ ރަށު ކައުންސިލުން ހާއްސަ އުސޫލުތަކަކަށް އަމަލުކުރަން އަންގައިފިއެވެ.

ވާދޫ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދަރިވަރުންގެ ފަރާތުން ކަންބޮޑުވާންޖެހޭ ފަދަ ކަންކަން ފާހަގަކުރެވެމުންދާތީ، އެކަންކަން އިސްލާހުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުން މިހާރު ވަނީ ކޮންމެހެން މުހިންމުވެފައި ކަމަށެވެ.

އެހެންކަމުން، ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދަރިވަރުންނާއި ބެލެނިވެރިން ވެސް ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެއް ކައުންސިލުން ވަނީ ކަނޑައަޅައިފައެވެ.

އެގޮތުން ކައުންސިލުން އަންގާފައިވަނީ، ބެލެނިވެރިއަކާ ނުލައި ރޭގަނޑު 9:00 ގެ ފަހުން ދަރިވަރުން ބޭރުގައި ނޫޅުމަށާއި، އިރުއޮއްސުމަށް ފަހު ޕާކުތަކާއި މައިޒާންތަކުގެ އިތުރުން އިޖުތިމާއީ ބީޗުތަކަށް ނުދިއުމަށެވެ.

މީގެއިތުރުން އިރުއޮއްސުމަށް ފަހު ކުޅިވަރު ކުޅޭ ތަންތަން ބޭނުންކުރުން ހުއްޓާލުމަށާއި، ނަމާދު ވަގުތުތަކުގައި އެއްވެސް ކުޅިވަރު ހަރަކާތެއް ނުބޭއްވުމަށް ވެސް ވަނީ އަންގާފައެވެ.

އަދި، ބެލެނިވެރިންގެ ހުއްދައާއި ބައިވެރިވުމެއް ނެތި ރަށުގެ ކަނޑުތޮއްޓަށް އެރުމާއި ރަށުން ބޭރަށް ދަތުރުފަތުރު ކުރުން ވަނީ މަނާކޮށްފައެވެ. އަދި އުމުރާ ނުގުޅޭ އެއްވެސް މަސައްކަތެއް އުޖޫރައަށް ނުވަތަ އެނޫން ވެސް ގޮތަކަށް ނުކުރުމަށާއި، ދުންފަތުގެ އިސްތިއުމާލު ކުރުމާއި އޭގެ ވިޔަފާރީގެ އެއްވެސް މުއާމަލާތެއްގައި ދަރިވަރުން ބައިވެރިނުވުމަށް ވެސް ކައުންސިލުން ވަނީ ހަރުކަށިކޮށް އަންގާފައެވެ.

ވާދޫ ކައުންސިލުން އިތުރަށް ބުނީ، މި ކަންކަން ވަރަށް ގާތުން މޮނިޓާކޮށް ބަލަމުން ގެންދާނެ ކަމަށާއި، އުސޫލުތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ގާނޫނާއި ގަވާއިދުތަކަށް ކުދިން އަހުލުވެރިކުރުވައި، ދަރިންގެ ކަންކަން މިހާރަށް ވުރެ ޒިންމާދާރުކަމާ އެކު ބެލެހެއްޓުމަށް ހުރިހާ ބެލެނިވެރިންނަށް ވެސް ކައުންސިލުން ވަނީ އެދިފައެވެ.